ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ، އަބުރު ރައްކާތެރި ކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަށް ވޯޓު ނުދެނެކަމަށް ކާށިދު ދައިރާގެ މެމްބަރ އަދި ފުވައްމުލަކަށް އުފަން ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ
ފައިސަލް ނަސީމް މިހެން ވިދާޅުވީ ބިލާއި ދެކޮޅަށް ވޯޓު ދިނުމަށް އެދި މީހަކު ފޮނުވި އެސްއެމްއެސް އަކަށް ޖަވާބު ދެއްވަމުންނެވެ.
އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަށް ވޯޓުގައި ފިތާނީ ފެއްސަތޯ ނުނީ ރަތައްތޯ؟ އެސްއެމްއެސް ފޮނުވި ފަރާތުން ފައިސަލް އާއި ވަނީ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ފައިސަލް ވިދާޅުވެފައިވަނީ، ފިތާނީ ރަތަށް ކަމަށެވެ.
މީގެ ކުރިން މި ބިލް މަޖްލީހުން ބަލައިގަތުމަށް ނެގި ވޯޓުގައި ވެސް،ފައިސަލް ވޯޓް ދީފައިވަނީ ދެކޮޅަށެވެ. އެ ދުވަހުގެ ބަހުސް މަރުހަލާގައި ފައިސަލް ވިދާޅުވެފައިވަނީ މި ބިލަކީ ކަނޑައެޅިގެން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނޫ އަސާސީއާއި ޙިލާފު ބިލެއް ކަމަށެވެ.
އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށާއި ދައުލަތުގެ އިސްވެރިން ކަންތައް ކުރައްވާގޮތުން ރައްޔިތުން އެވާހަކަ ދެއްކުމަކީ މައްސަލައެއްނޫން ކަމަށެވެ.
އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައި ހުރި ކަންބޮޑުވުންތަށް ފާޅުކޮށް މި ބިލާއި ދެކޮޅަށް ވޯޓު ދިނުމަށް އެދި މެމްބަރުންގެ އަރިހުން އެސްއެމްއެސް އާއި ފޯނާއި އަދިވެސް އިޖްތިމާއީ އެހެނިހެން ވިއުގަތަކުގައި އެދެމުން އެބަދެއެވެ.



ޚިޔާލުތައް