ފީފާގެ އެހީގައި ފުވައްމުލަކުގައި އެޅުމަށް ހަމަޖެހުނު ފުޓްސަލް ދަނޑު ކެންސަލްކުރި އެފްއޭއެމްގެ ރައީސް އިލްހާމް އެ މަގާމުން ދުރުކޮށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއެއް ފުޓްބޯޅައިގެ މައިއިދާރާ ފީފާއިން ކަނޑައަޅައިފިއެވެ. މިކޮމިޓީގެ ބޭނުމަކީ ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ކަންތައްތައް އިސްލާހުކޮށް ދާއިމީ އެކްސްކޯއެއް އައްޔަން ކުރުމެވެ.
ފީފާ އިން ބުނީ ކޮމިޓީއެއް ނަގަން ޖެހުނީ، ސެޕްޓެމްބަރު މަހު ބާއްވަން މަސައްކަތްކުރި އެފްއޭއެމްގެ ކޮންގްރެސް ހުއްޓުމަކަށް އައިސް، އެފްއޭއެމްގެ އެކްސްކޯގެ މެމްބަރުން އިސްތިއުފާ ދިނުމުގެ ސަބަބުން ގޮތްތައް ނިންމުމަށް ބޭނުންވާ ކޯރަމް އެކްސްކޯ އިން ގެއްލުމުން ކަމަށެވެ. މި ކޮމިޓީގެ މެންޑޭޓަކީ އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކޮށް އަދި އަންނަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ކުރިން އެފްއޭއެމްގެ އިންތިހާބު ބޭއްވުމެވެ.
ފީފާ އިން އެކުލަވާލި ކޮމިޓީގެ ޗެއާމަނަކަށް ހަމަޖެއްސީ އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި އެފްއޭއެމްގެ މިހާރުގެ ރައީސް އިލްހާމް އަހުމަދުގެ އެޑްވައިޒަރަކަށް މަސައްކަތްކުރެއްވި މުހައްމަދު ޝަވީދެވެ. ޑެޕިއުޓީ ޗެއާމަނަކަށް އައްޔަންކޮށްފައިވަނީ އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްހަމީދު އަބްދުލް ގަފޫރު (އައްޑޯ) އެވެ. ކޮމިޓީ އަށް ދެން ކަނޑައެޅި ތިން މެމްބަރުންނަކީ ފުޓްބޯޅަ ކޯޗު މުހައްމަދު ނިޒާމާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރު އަދި ފަސީހު ޒާހިރެވެ.
ސެޕްޓެމްބަރު މަހު ބާއްވަން އުޅުނު އެފްއޭއެމްގެ ކޮންގްރެސް ވަނީ ވަކި ހިސާބަކުން ހުއްޓާލައިފަ އެވެ. އޭގެ ފަހުން ފީފާ އިން އެފްއޭއެމަށް އަންގާފައި ވަނީ އަސާސީ ގަވާއިދު އިސްލާހުނުކޮށް ކޮންގްރެސް ނުބޭއްވުމަށެވެ.
އެފްއޭއެން ގެ ރައީސް އިލްހާމް އަހުމަދު ވަނީ، ފީފާ ގޯލް ޕްރޮޖެކްޓުގެ ދަށުން ފުޓްސަލް ޓާފް ދަނޑެއް ފުވައްމުލަކުގައި އެޅުމަށް 2010 ވަނަ އަހަރު އެފްއޭއެމްގެ އެކްސްކޯ އިން ނިންމާފައިވަނިކޮށް އެފްއޭއެމްގެ އެކްސްކޯ އަށް ނޭގި 2014 ވަނަ އަހަރު އިލްހާމް އަހުމަދު ނިސްބަތްވާ ގއ. ގެމަނަފުއްޓަށް ބަދަލުކޮށްފައެވެ.
ޚިޔާލުތައް