ފުވައްމުލައް ސިޓީގެ އެކިސަރަހައްދަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފުވައްމުލަކުގައި ކުރިއަށް އެބަދެއެވެ. މިމަސައްކަތުގައި ފުވައްމުލަކު ފެނަކައާއިއެކު ފުވައްމުލަކު ސިޓީ ކައުންސިލުން ބައިވެރިވާކަމަށް އެކައުންސިލުން ހާމަކޮށްފިއެވެ.
ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލައަކީ ގޭގޭގައި ބަހައްޓާފައިވާ ކެޗުޕިޓުތަކުން ލީކުވާ މައްސަލައެވެ. މިމައްސަލަ ހައްލުކުރުމަށް ކެޗުޕިޓުތައް ނެގުމަށް ފުވައްމުލަކު ފެނަކައިން ކުރިން ވަނީ ނިންމާފައެވެ. މިހާރުކުރިއަށް ދަނީ ނަރުދަމާ ބޭނުންކުރާ ހުރިހާތަނެއްގެ ކެޗުޕިޓުތައް ބަދަލުކުރުމާއި މިހާތަނަށް ނަރުދަމާ ނިޒާމަށް ފާޚާނާހޮޅި ގުޅާފައިނުވާ ތަންތަނުގައި ހުރި ކެޗުޕިޓުތައް ނަގާ ހޮޅިލައިން ވަގުތީ ގޮތުން ބަންދުކުރުމުގެ މަސައްކަތް ކަމަށް ފުވައްމުލަކު ފެނަކައިން ހާމަކުރެއެވެ.
ފުވައްމުލަކުގެ ނަރުދަމާގެ ނިޒާމަށް ޖެހިގެން އުޅޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމާއި ގުޅުންހުރި ފަރާތްތައް އެކުވެގެން މިދިޔައަހަރު އޮކްޓޯބަރު މަހުގެ ފަހުކޮޅު ވަނީ ނަރުދަމާގެ އިންސްޕެކްޝަނެއް ހަދާފައެވެ. މި އިންސްޕެކްޝަނުގައި ތިމާވެއްޓާއި ބެހޭ މިނިސްޓރީ އާއި، ޕްލޭނިން މިނިސްޓްރީ، މަސައްކަތުގެ ކޮންޓްރެކްޓަރ – ސިއެރާ، ފެނަކަ ކޯޕަރޭޝަން، އަދި ނަރުދަމާ ސިސްޓަމް ޑިޒައިނަރ ރިޔަން އާއި ސިސްޓަމްގެ ބައިތައް އުފެއްދި ކުންފުނީގެ ފަރާތުންނާއި ފުވައްމުލައް ސިޓީ ކައުންސިލުން ބައިވަރިވެފައި ވެއެވެ.
ފުވައްމުލަކުގެ ނަރުދަމާ ނިޒާމަކީ ގިނަ ގޮތްގޮތުން ދިރާސާކުރެވި ރަށާއި އެންމެ އެކަށޭނަ ގޮތަށް ފަރުމާކުރެވިގެން ގާއިމުކުރެވިފައިވާ ހައިބްރިޑް ސިސްޓަމެއްކަމަށް ކަމާއިގުޅޭ ފަރާތްތަކުން ކުރިން ވަނީ ބުނެފައެވެ. އެއީ ގްރެވިޓީއާއި ވެކިއުމް އަދި ޕަމްޕް ވެސް ބޭނުންކުރާ ގޮތަށް ހެދިފައިވާ ސިސްޓަމެކެވެ.
ޚިޔާލުތައް