ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި ހުނުބޮލި އަބްދުﷲ މުހައްމަދު (އަބްދުﷲ) އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ. މިކަލް ނޫހަށް އެކަން ޔަގީންކޮށް ދެއްވަމުން އަބްދުﷲ ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބު ތަކަކަށްޓަކައި ކަމަށެވެ.
ރައީސް ޔާމީނު ވަނީ އަބްދުﷲގެ އިސްތިއުފާގެ ގަބޫލުފުޅު ކުރައްވާފައެވެ. އެންވަޔަރމެންޓް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން އަބްދުﷲ މަސައްކަތް ކުރެއްވި ނަމަވެސް މިނިސްޓަރުގެ ނާއިބު ކަމުގައި މިވީ ދެ އަހަރު ދުވަހެވެ.
މިހާރު އަބްދުﷲ ހަރަކާތްތެރިވަމުން އަންނަނީ އާއިލީ އޯޑިޓް ފާމް، “އޭއެޗް އެންޑް އެސޯސިއޭޓްސް” ގައެވެ. އެ އޯޑިޓް ފާމް އިން ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް އެކައުންޓިން ނެޓްވޯކު ކަމަށްވާ ކްރޯވޭ ހޮވާތު އިންޓަނޭޝަނަލް އާއި ގުޅިފައެވެ. މިއީ ބޭރުގެ ބަޔަކާ މިގޮތުން ގުޅުނު ރާއްޖޭގެ ފުރަތަމަ ފަރާތެވެ. ނަމަވެސް ބައިނަލް އަގުވާމީ އިތުރު ދެ އޯޑިޓް ފާމަކުން ރާއްޖޭގައި ހަރަކާތްތެރިވުމުން އާދެއެވެ.
ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އަބްދުﷲ ފުރަތަމަ އަދާކުރެއްވީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ އެއްގެ މަގާމެވެ. ނަމަވެސް ކުއްލި ގޮތަކަށް އެމަގާމުން އަބްދުﷲ ވަކިކުރެއްވުމަށް ފަހު ބަދަލުކުރެއްވީ އެންވަޔަރމެންޓް މިނިސްޓްރީގެ ނާއިބުގެ މަގާމަށެވެ.
އަބްދުއްﷲ އަކީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ފުވައްމުލަކު އަތޮޅު ކައުންސިލަށް އިންތިޚާބުވެ ފަހުން ޕީޕީއެމާއި ގުޅިގެން މަސައްކަތް ކުރެއްވި ބޭފުޅޭކެވެ. އަބްދުއްﷲ ވަނީ އަަތޮޅު ކައުންސިލްގެ ނާއިބު ރައީސް ކަން ވެސް ކުރައްވާފައެވެ. އެއިގެ ކުރިން ޏ.އޭއީސީގައި ޓީޗަރެއްގެ ގޮތުންނާއި ލީޑިން ޓީޗަރެއްގެ ގޮތުން މަސައްކަތް ކުރައްވާފައި ވެއެވެ. އަބްދުއްﷲ އަކީ އެކައުންޓިންގެ ދާއިރާއިން މަތީތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ބައިލަންއަގުވާމީ ފަންނީ ޖަމާއަތެއް ކަމަށްވާ ޗާރޓެޑް ޕްރެކްޓިސިން އެކައުންޓެންޓްސް އޮސްޓްރޭލިޔާ ގެ މެމްބަރެކެވެ. ބޭފުޅޭކެވެ.
އަބްދުއްﷲ އަކީ ފުވައްމުލަކުގެ ގިނަބައެއްގެ ތާއިދު ހޯދާފައިފައިވާ، އަބްދުﷲ އެގަބޫލުފުޅު ކުރައްވާ ގޮތް ނޫން ގޮތަކަށް އެހާ ފަސޭހައިން ދީލައްވާލާ ބޭފުޅޭއް ނޫނެވެ. ވުމާއެކު ބައެއް ފަހަރު އަބްދުﷲ އާއި ސިޔާސީ ގޮތުން އެއްވިސްނުމެއްގެ މީހުންނާއި ވެސް ޚިޔާލު ތަފާތުވާތަން އާދެއެވެ. އަބްދުﷲ އަކީ އެކުރައްވާ ކަމަކަށް ވަގުތު ދެއްވާ ވަރަށް ފުރިހަމައަށް އެކަމެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށް އަބްދުﷲ އާއެކު މަސައްކަތް ކުރެއްވި، އަބްދުﷲ ދަންނަ ފަރާތަކުން ހާމަ ކުރިއްވިއެވެ.



ޚިޔާލުތައް