A wide advertisement which will be shown on all devices. (700 x 100)

ހެޔޮޚަަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: ޒުބައިރު ބުނު އައްވާމް 3

ޚުލަފާއުއްރާޝީދޫންގެ ދައުރުގައި

ކީރިތި ރަސޫލުﷲ (ސއވ) ދުނިޔެ ދޫކުރެއްވުމަށްފަހު އަބޫބަކުރު (ރއ) އާއި އުމަރު (ރއ)ގެ ވެރިކަމުގައިވެސް އެންމެ އަރިސް ބޭކަލުންގެ ތެރޭގައި ޒުބައިރު (ރއ) ހިމެނިވަޑައިގަތެވެ.

ރޫމީންނާއި ދެކޮޅަށް ކުރެވުނު ޔަރުމޫކު ހަގުރާމައިގެ ކާމިޔާބީގެ އިސްދައުރެއް އަދާކުރެއްވީ ޒުބައިރު (ރއ) އެވެ. އެކަލޭގެފާނަކީ އެހަގުރާމައިގެ މައިދާނުގައި ހަގުރާމަކުރަމުން ދިޔަ އެންމެ އިސް ސަހާބީއެވެ. މިހަގުރާމައިގައި އެކަލޭގެފާނަށް އެތަކެއް ޒަޚަމުތަކެއް ލިބިވަޑައިގެތެވެ. އެޒަޚަމުތައް ފަސޭހަވުމާއިއެކު އެކަލޭގެފާނު މަދީނާއަށް ވަޑައިގަތެވެ.

މަދީނާގައި އެކަލޭގެފާނު ހުންނަވަނިކޮށް އަމްރު ބުނު އާސް ލަޝްކަރަކާއިއެކު މިސްރަށް ވަޑައިގަތެވެ. ނަމަވެސް، މުސްލިމުންގެ އަދަދު މަދުކަމާއިއެކު މިސްރު ފަތަހަކުރުމަށް ގޮންޖެހުންތައް ދިމާވަމުންދާ ކަަމަށް އަމުރު ބުނު އާސް އަށް ގަބޫލުކުރެވުނު ހިނދު އިތުރު މަދަދަށް އެދުނެވެ. އަމުރު ބުނު އާސް އެހީތެރިކަމަށް އެދުމުން އަމީރުލް މުއުމިނީސް ނިންމެވީ ޒުބައިރު ބުނު އައްވާމާއިއެކު މިސްރަށް އިތުރު ލަޝްކަރެއް ފޮނުއްވުމަށެވެ. މިލަޝްކަރާއިއެކު ޒުބައިރު ބުނު އައްވާމް މިސްރު ފަތަހަ ކުރުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. އެގޮތުން، ފާރިސީންނަށްފަހު ރޫމީން ވަރުގަދައަށް ހިމާޔަތްކޮށްފައިވާ ބާބުލް ކިއްލާގެ ގޮތުގައި މަޝްހޫރުވެފައިވާ ކިއްލާ ފަތަހަކުރުމުގައި ޒުބައިރުގެ ހިތްވަރުފުޅު ފާހަގަވެގެންދިޔައެވެ.

މުސްލިމުންގެ ލަޝްކަރު އެކިއްލާ ވަށާލުމަށްފަހު ހަތްމަސްދުވަސް ފާއިތުވީ އިރުވެސް އެކިއްލާ ފަތަހައެއް ނުކުރެވުނެވެ. އެހެންކަމުން، އެއްދުވަހަކު ޒުބައިރު ބުނު އައްވާމު ކުޑަ ލަޝްކަރަކާއިއެކު މިކިއްލާގެ ދޮރާއްޓާއި ހަމައަށް ވާސިލުވިއެވެ. އެއްފަހު އެލަޝްކަރުގެ މީހުން ކޮޑުތައްމަތިން ކިއްލާގެ އުސްފާު ހުރަސްކޮށް ކިއްލާގެ ދޮރުވާނުންގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ ގާޑުންތައް ބަލިކޮށް ކިއްލާދޮރު ހުޅުވާލިއެވެ. ޒުބައިރު (ރއ) ގެ ލަޝްކަރުގެ މިހިތްވަރުފުޅުގަދަ އަމަލާއިއެކު ކިއްލާ މުސްލިމުންނަށް ފަތަހަވުމުގެ ދޮރުހުޅުވިގެން ދިޔައެވެ. މިސްރުގެ ހަގުރާމައިގައި ގިނަދުވަސްތަކަށް ބައިވެރިވުމަށްފަހު އެކަލޭގެފާނު މަދީނާއަށް ވަޑައިގަތެވެ.

އެކަލޭގެފާނު މަދީނާގައި ހުންނަވަނިކޮށް އަމީރުލް މުއުމިނީސް އުމަރު ބުނު ޚައްތާބު ޝަހީދުވެވަޑައިގަތެވެ. އަމީރުލް މުއުމިން މިދުނިޔެ ދޫކުރެއްވުމުގެ ކުރިން ޚަލީފާއެއް އައްޔަން ކުރުމަށް އެކުލަވާލި ޝޫރާ ކޮމިޓީގެ 6 ބޭފުޅުންގެ ތެރެއިން ޒުބައިރު ބުނު އައްވާމް ހިމެނިވަޑައިގަންނަވައެވެ. މިޝޫރާ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި އަބްދުއްރަހުމާނު ބުނު އައުފުގެ ހުށަހެޅުމަށް އެންމެ ފުރަތަމަ ޚަލީފާކަމުން ދުރުވެ އަލީ(ރއ) އައްޔަންކުރުމަށް ހުށަހެޅީ ޒުބައިރު ބުނު އައްވާމެވެ. ނަމަވެސް، އަޣުލަބިއްޔަތުން އުސްމާނު (ރއ) ޚަލީފާއަކަށް އައްޔަންވިއެވެ.

އުސްމާނު (ރއ) ޝަހީދުވުމާއި ޚިޔާލުތަފާތުވުން

އުސްމާނު(ރއ)ގެ ޚަލީފާކަމުގެ އެންމެފަހު ދުވަސްކޮޅުގައި ހިގައިދިޔަ ފިތުނައިގައި ޒުބައިރު (ރއ) ހިމޭނުން ހުންނެވިއެވެ. ނަމަވެސް، އުސްމާނުގެ (ރއ) ޝަހީދުވުމާއިއެކު އެކަލޭގެފާނަކަށް ހިމޭނަކުން ނުހުންނެވުނެވެ. އެކަލޭގެފާނަށް އުސްމާނުގެ(ރއ) ހިމާޔަތް ކުރުމުގައި އެކަށީގެންވާ ދައުރެއް އަދާނުކުރެވުނު ކަމަށް ހީކުރެވުކަމަށްވުމީ ދުރުކަމެއްނޫނެވެ. ނަމަވެސް، އުސްމާނު (ރއ) އެފިތުނާއިގައި ކަނޑިއުފުލުމާއި ދެކޮޅު ހެއްދެވިއެވެ. އަދި އެކަލޭގެފާނު ހިމާޔަތް ކުރުމަށް ލަޝްކަރެއް ފޮނުއްވުމަށްވެސް ދެކޮޅު ހެއްދެވިއެވެ.

އުސްމާނު (ރއ) ޝަހީދުވުމާއި ގުޅިގެން ދެންކަންތައް ކުރަންވީ ގޮތާއި ގުޅިގެން، އަލީ(ރއ) ޚަލީފާއަކަށް އައްޔަންކުރުމަށް ކުރިންވެސް ހުށަހެޅުއްވި ޒުބައިރު (ރއ) އާއި އަލީ (ރއ) ޚިޔާލުފުޅު ތަފާތުވިއެވެ. މިޚިޔާލު ތަފާތުވުމުގައި ޒުބައިރު (ރއ) ފެނިވަޑައިގަތީ އުސްމާނު(ރއ) ޝަހީދުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސްކުރުމަށެވެ. މިޚިޔާލުތަފާތުވުން ތަކުގައި ޒުބައިރު (ރއ) އާއި ތަލްހާ (ރއ)ގެ އިތުރުން އާއިޝާ(ރއހ) އަށް އެއްބަސްވެވުނީ އުސްމާނު (ރއ) ޝަހީދުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސްކުރުމަށް ކުރެވުން ހުރި ހުރިހާ ކަމެއް ކުރުމަށެވެ. މިތިންބޭފުޅުން މައްކާގައި ބައްދަލުކުރެއްވިއެވެ. މިބޭފުޅުންނަށް ފެނިވަޑައިގަތީ، އަލީ (ރއ) އަށް އެކަމުގައި ދަތިތަކެއް ހުރިކަމަށެވެ. އެހެންކަމުން، އަލީ (ރއ) މަދަދުވެރިވުމަށާއި އެމައްސަލަ ނިންމެވުމަށް ލަޝްކަރަކާއިއެކު ޒުބައިރު (ރއ) އާއި ތަލްހާ (ރއ)، އާއި އާއިޝާ (ރއހ) އާއިއެކު ބަސަރާއަށް ވަޑައިގަތެވެ. ލަޝްކަރަކާއިއެކު ވަޑައިގަތުމުގެ ބޭނުމެއް ކަމަށް ބެލެވެނީ އަލީ(ރއ) ގެ ލަޝްކަރުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި އުސްމާނު (ރއ) ޝަހީދުކުރުމުގައި އެކިގޮތްގޮތަށް ބައިވެރިވެވުނު ބޭކަލުން ތިއްބެވުމާއި އެބޭކަލުން އެކަމާއި ދެކޮޅު ހައްދަވާ އަލީ (ރއ) އަށް އެއްބާރުލުން ދިނުން ހުއްޓަވާ ލައްވައިފިނަމަ އެފަދަ އެއްބާރުލެއްވުމެއް ދެއްވުމެވެ. އަލީ(ރއ) އަށް ހިތްހަމަޖެހުމެއް ލިބޭނީ އަދި އެބޭފުޅުންގެ ލަފާފުޅަށް އަމަލުކުރެވޭނީ އެކަން ތަންފީޒު ކުރެވޭވަރުގެ ލަޝްކަރެއް އޮވެގެން ކަމަށް ގަބޫލުކުރެވުމަކީވެސް ދުރުކަމެއް ނޫނެވެ. އެހެނީ، މިފަދަ ގޮތަކަށް ނިންމަވައިފިނަމަ އަލީ (ރއ) ލަޝްކަރުން ބޮޑުބައެއް ގެއްލިގެންދާނެއެވެ.

އަލީ (ރއ) އާއިއެކު ގިނަ ހަގުރާމަތަކެއްގައި ބައިވެރިވެވަޑައިގެންފައިވާ މަންމާފުޅު ފަރާތްޕުޅުން ދެބެންގެދެދަރި ބޭކަލެއްކަމަށްވާ ޒުބައިރު(ރއ)، ތަލްހާ (ރއ) އާއި އާއިޝާ (ރއހ) އާއިއެކު ބަސަރާއަށް ވަޑައިގަތެވެ. ނަމަވެސް، ޒުބައިރު (ރއ) ބަސަރާ އަށް ވަޑައިގަތުން ވެގެންދިޔައީ ހީކުރިގޮތާއި މުޅިން ޚިލާފަށެވެ. ޒުބައިރު (ރއ) ލަޝްކަރަކާއިއެކު ވަޑައިގަންނަވާ ޚަބަރާއިއެކު އަލީ (ރއ) ވެސް ލަޝްކަރަކާއިއެކު ބަސަރާއަށް ވަޑައިގަތެވެ. އަދި ދެފަރާތުން ވާހަކަ ދެއްކުންތައް ކުރިއަށްގެން ދިޔައެވެ. އެއްބަސްވުމަކަށް އާދެވުމުގެ މަގު ފެނުމާއިއެކު އަލީ (ރއ) ގެ ލަޝްކަރުގެ ބައެއް ފަރާތްތަކަށް މިކަން ގަބޫލެއް ނުކުރެވުނެވެ. އެހެނީ އެފަރާތްތަކަކީ ކޮންމެވެސް ސިފައެއްގައި އުސްމާނު (ރއ) ޝަހީދުކުޅައުމުގައި ބައިވެރިވެވިފައިވާ ފަރާތްތަކެވެ. އެހެންކަމުން، ރޭގަނޑުގެ ކަނު އަދިރިކަމުގެ ތެރޭގައި ދެލަޝްކަރަށް އެއްފަހަރާ ހަލަމާދިނެވެ. އަދި އަނެއް ލަޝްކަރުން ހަމަލާދިނީ ކަމަށް ދެއްމުމަށް ގޮވާމީހުންވެސް ބޭތިއްބިއެވެ. އެއާއިއެކު ދެފަރާތް ދެމެދުގައި ހަމަލާތައް ބަދަލުވިއެވެ. ހަގުރާމަ ހުއްޓުވުމަށް ބާރުއަޅާ ތަލްހާ އެލަޝްކަރަށް އިރުޝާދު ދެމުންދަނިކޮށް އެކަލޭގެފާނު ޝަހީދުވެވަޑައިގަތެވެ. މިހަގުރާމައަކީ މަޝްހޫރު ޖަމަލު ހަގުރާމައެވެ.

އަލީ (ރއ) އަށް ޒުބައިރު (ރއ) އެކަލޭގެފާނާއި ދެކޮޅަށް ހުންނަވިކަމަށް ހީފުޅުވެގެން އަބްދުﷲ އިބުނު އައްބާސް(ރއ) ސަފީރެއްގެ ގޮތުގައި ފޮނުއްވިއެވެ. އިބުނު އައްބާސް ޒުބައިރު (ރއ) އާއި ބައްދަލުކުރައްވާ ވިދާޅުވިއެވެ. މިއަދު ކަލޭގެފާނުގެ މަންމާފުޅު ސަފިއްޔާ (އަލީ (ރއ) އާއި އިބުނު އައްބާސްގެ ބޮޑުދައިތާފުޅު) ދުނިޔޭގައި ހުންނެވިނަމަ، އެކަމަނާއަށް ކަލޭގެފާނު އަލީ(ރއ) އާއި ދެކޮޅަށް ހުންނެވިކަން އެގިވަޑައިގެންނަމަ ވިދާޅުވާނީ ކީކޭތޯ؟

ޝަހީދުވެވަޑައިގަތުން

ހިގާދިޔަ ކަންތައްތަކާއި ދެރަފުޅުވެގެން ޒުބައިރު (ރއ) ނިންމެވީ ހަގުރާމައިގެ މައިދާން ދޫކޮށް ވަޑައިގަތުމަށެވެ. ޒުބައިރު (ރއ) ހަގުރާމައިގެ މައިދާން ދޫކުރައްވާ ވަޑައިގަންނަވާ ތަން ފެނިގެން އިބުނު ޖުރުމޫޒު އެކަލޭގެފާނު ފަސްފަހަތުން ވަޑައިގެން ޒުބައިރު (ރއ) ޝަހީދުކުރިއެވެ. ބައެއްބޭކަލުން ވިދާޅުވާގޮތުގައި އިބުނު ޖަރުމޫޒު ޒުބައިރު (ރއ) އަށް ހަމަލާދިނީ އެކަލޭގެފާނު ނަމާދުފުޅަށް ހުންނަވަނިކޮށެވެ.

ޒުބައިރު (ރއ) ޝަހީދުކުރުމަށްފަހު ޖަރުމޫޒު އެޚަބަރު އަލީ(ރއ) އަށް ދެއްވުމަށް ވަޑައިގަތެވެ. ނަމަވެސް، އޭނާ އާއި ބައްދަލު ނުކުރައްވާ އަލީ (ރއ) ވިދާޅުވީ ސަފިއްޔާގެ ދަރިކަލުން ޝަހީދުކުޅަ މީހާއަށް ނަރަކަ ލިބޭނެކަމުގެ ޚަބަރު ގޮސް ދޭށެވެ.

ބުނެވޭ ގޮތުގައި ޒުބައިރު (ރއ) ޝަހީދުވި ދުވަހު އެކަލޭގެފާނު އެކަލޭގެފާނުގެ ދަރިކަލުން އަބްދުﷲ ބުނު ޒުބައިރު ގެންނަވައި ވިދާޅުވިއެވެ. މިއަދު ގިނަ ބަޔަކު މަރުވާނެ ކަމަށް ހީވެއެވެ. އަދި އަޅުގަނޑުގެ ފަހުވަގުތު މިއަދު ޖެހޭނެކަމަށް އެބަހީވެއެވެ. އެއަށްފަހު ވަސިއްޔަތްކުރެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. އަޅުގަނޑު މިދުނިޔެ ދޫކުރުމަށްފަހު އަޅުގަނޑު ހުރިހާ ދަރަންޏެއް އަޅުގަނޑުގެ ހުރިހާ މުދަލަކުން އަދާކުރާށެވެ. އަދާނުކުރެވިއްޖެނަމަ އަޅުގަނޑުގެ މައުލާ (ވެރިއާ) އަށް ދަންނަވާށެވެ. އެހިނދު އަބްދުﷲ ދެންނެވިއެވެ. ކަލޭގެފާނުގެ މައުލާއަކީ ކާކުތޯއެވެ. ޒުބައިރު ދެންނެވިއެވެ. ﷲ އެވެ.

އަބްދުﷲ ބުނު ޒުބައިރު ވިދާާޅުވިއެވެ. ﷲ ގަންދީބުނަމެވެ. ﷲ އަށް ދުއާ ދެންނެވިފަހުން ޒުބައިރު (ރއ) ގެ ދަރަނިއަދާ ކުރުމަށް އަޅުގަނޑަކަށް ދައްޗެއްނުވިއެވެ.

ޒުބައިރު (ރއ) ޝަހީދުވެވަޑައިގަތީ ޖަމަލު ހަގުރާމަ ހިގި އަހަރު ހިޖުރީ ސަނަތުން 36 ވަނަ އަހަރުގައެވެ. އެކަލޭގެފާނުގެ އުމުރުފުޅަކީ ގާތްގަޑަކަށް 75 އަހަރެވެ. އެކަލޭގެފާނު ވަޅުފުޅުލެވިފައިވަނީ މަދީނާއާއި ކޫފާ އާއި ދެމެދުގައި ކޫފާގެ ބިމުގައި ކަމަށް ބެލެވެއެވެ.

އަބްދުﷲ ބިން ޒުބައިރުގެ ވެރިކަމުގައި މުސްއަބު ބިން ޒުބައިރު އިރާގުގެ ގަވަރުނަރުކަމުގެ މަގާމުގައި ހުންނަވަނިކޮށް އެއްދުވަހަކު ޒުބައިރު (ރއ) ޝަހީދުކުޅަ ޖަރުމޫޒު މުސްއަބު ބިން ޒުބައިރުގެ އަރިހަށް ވަޑައިގެންދެންނެވިއެވެ. ގިސާސް ހިއްޕަވާށެވެ. މުސްއަބު ބިން ޒުބައިރު މިކަމާއި މެދު އަމަލު ކުރަންވީ ގޮތުގެ ލަފާފުޅަކަށް އަބްދުﷲ ބިން ޒުބައިރަށް ދެންނެވިއެވެ. އަބްދުﷲ ބިން ޒުބައިރު ޖަވާބު ވިދާޅުވީ “ޒުބައިރު ގެ މަރުގެ ބަދަލު، ޖަރުމޫޒުގެ ކިބައިން ހިފަންވީހެއްޔެވެ. ﷲ ގަންދީ ބުނަމެވެ. ޒުބައިރު (ރއ) ފައިވާނުގެ ވަދުން ވިޔަސް ބަދަލު ނުހިފާހުށީމެވެ”.

މިޖަރުމޫޒަށް ފެންނަންފެށި ބިރުވެރި ހުވަފެންތަކުގެ ސަބަބުން ނެތްނުކުރެވި އެންމެ ފަހުން އައްސާދެވެ ކިއުނު ހިސާބުން ދިމާވި މީހެއް ކައިރިން އޭނާ މަރާލުމަށް އެދުނެވެ.

ކުރެއްވި ކާވެނިފުޅުތަކާއި ލިބިވަޑައިގަތް ދަރިން

ޒުބައިރު (ރއ) 8 ބޭކަބަލުންނާއި ކާވެނިފުޅު ބައްލަވައިގަތެވެ. އެއަށް ބޭކަބަލުން ގެ ފަރާތްޕުޅުން ގާތްގަޑަކަށް 20 ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ 11 ފިރިހެން ބޭފުޅުންނާއި 9 އަންހެން ބޭކަނބަލުންނެވެ. އެކަލޭގެފާނުގެ އަބިކަނބަލުންގެ ތެރެއިން އެންމެ މަޝްހޫރީ އަބޫބަކުރުގެ(ރއ) ދަރިކަނބަލުން އަސްމާ ބިންތި އަބީބަކުރެވެ. ނަމަވެސް، މިކާވެނި ވަނީ ފަހުން ރޫޅިފައެވެ. އެއީ އެކަލޭގެފާނުގެ ފުރަތަމަ އަބިކަނބަލުންނެވެ. އެކަމަނާ އަކީ ކީރިތި ރަސޫލުﷲ (ސއވ) ގެ އަބިކަނބަލުން އާއިޝާ (ރއ) ގެ އެއްބައްޕާފުޅު ދައިތާފުޅެވެ. އެކަމަނާގެ ބަނޑުފުޅުން ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި އަބްދުﷲ އާއި އުރުވާ ހިމެނިވަޑައިގަންނަވައެވެ. އަބްދުﷲ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކީރިތި ރަސޫލުﷲ (ސއވ) މަދީނާއަށް ވަޑައިގެންނެވި އަހަރުގައެވެ. ކީރިތި ރަސޫލުﷲ (ސއވ) މަދީނާ އަށް ވަޑައިގަތުމުން މަދީނާގެ ޔަހޫދީން މުސްލިމުންނަށް ފިރިހެން ދަރިން ނުލިބޭނެ ކަމަށާއި މުސްލިމުން އިސާހިތަކު ބަލިވެ ނިކަމެތިވެގެން ހިގައިދާނެ ކަމަށް ބުނެ ވާހަކަ ފެތުރިއެވެ. އެއަށްފަހު، މާގިނަ ދުވަހެއްނުވެ އަސްމާ އަބްދުﷲ އާއިގެން ރައްކައުވެއްޖެއެވެ. ޔަހޫދީން ބަސް އިސާހިތަކު ދޮގުވެއްޖެއެވެ. އެއާއިއެކު މަދީނާގައި މުސްލިމުން އުފާފާޅުކުރިއެވެ.

އަބްދުﷲ އަކީ ސަހާބީ ބޭކަލަކަށްވި ނަމަވެސް، އުރުވާ އަކީ ތާބީބޭކަލެކެވެ. އާއިޝާ(ރއހ)ގެ ކިބައިން ރިވާކުރެވުނު ގިނަ ހަދީސްތައް ރިވާކުރައްވާފައިވަނީ އުރުވާއެވެ. އަބްދުﷲ އުމަވީންގެ ވެރިކަމުގައި މަދީނާއާއި ހިޖާޒުކަރައިގައި އެކަލޭގެފާނުގެ ޚަލީފާވެރިކަމެއް ގާއިމްކުރިއެވެ.

ޒުބައިރު (ރއ) ކާވެނި ބައްލަވައިގަތް ބޭކަނބަލުންގެ ތެރޭގައި އާތިކާ ބިންތި ޒައިދު ހިމެނިވަޑައިގަންނަވައެވެ. އާތިކާ ބިންތި ޒައިދަކީ ހެޔޮ ޚަބަރު ލިބިވަޑައިގަތް ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސައީދު ބިން ޒައިދުގެ އުޚުތެކެވެ. އެކަމަނާ ޒުބައިރު (ރއ) ކާވެނި ބައްލަވައިގަތުމުގެ ކުރިން ކާވެނި ބައްލަވައިގެންފައިވަނީ އުބަދުﷲ އާއިއެވެ. އެކަލޭގެފާނު ޝަހީދުވެވަޑައިގަތުމުން، އުމަރު ބުނު ޚާއްތާބާއި ކާވެނި ބައްލަަވައިގަތެވެ. އުމަރު (ރއ) ޝަހީދުވެވަޑައިގަތުމުން ޒުބައިރު (ރއ) އާއި ކާވެނި ބައްލަވައިގެތެވެ. އެކަލޭގެފާނުވެސް ޝަހީދުވެވަޑައިގަތެވެ. އެއާއިއެކު މަދީނާގައި އާވާހަކައެއް ފެތުރުނެވެ. ޝަހީދުންގެ ދަރަޖަ ބޭނުންފުޅުވާ ބޭފުޅަކުނަމަ އެކަމާއި އާއި ކާވެނި ބައްލަވައިގަންނަންވީ ކަމަށް ބުނެ އަޑުފެތުރުނެވެ. އެއާއިއެކު، އަލީ (ރއ) އެކަމަނާގެ ކާވެނިފުޅަށް އެދިވަޑައިގަތެވެ. ނަމަވެސް، އެކަމަނާ އެކަމާއި ދެކޮޅު ހައްދަވާ ވިދާޅުވިއެވެ. ކަލޭގެފާނު ޝަހީދުވެވަޑައިގަތުމަކަށް ތިމަންކަމަނާ ބޭނުން ފުޅެއްނޫނެވެ. ނަމަވެސް، އަލީ (ރއ) ވެވަޑައިގަތީ ޝަހީދަކަށެވެ.

ޒުބައިރު (ރއ) އެކަލޭގެފާނުގެ ފިރިހެން ދަރިންނަށް ނަންދެއްވުމުގައި ޝަހީދުންގެނަން ޚިޔާރުކުރިއެވެ. އެގޮތުން، ސަހާބީންގެ ތެރެއިން ޝަހީދުންގެ ނަންތައް އެކަލޭގެފާނުގެ ފިރިހެން ދަރިންނަށް ދެއްވިއެވެ. އެއްދުވަހަކު ތަލްހާ އާއި ދެބޭކަލުން ވާހަކަފުޅު ދައްކަވަމުން ތަލްހާ ޒުބައިރަށް ވިދާޅުވިއެވެ. އަޅުގަނޑު ފިރިހެން ދަރިނަންނަށް ނަންކިޔާ ގޮތް ކަލޭގެފާނު ބައްލަވާށެވެ. އަޅުގަނޑުގެ ފިރިހެން ދަރިނަށް ކިޔަނީ ރަސޫލު ބޭކަލުންގެ ނަންތަކެވެ. އެހިނދު ޒުބައިރު (ރއ) ދެންނެވިއެވެ. އަޅުގަނޑު ދަރިންނަށް ޝަހީދުންގެ ދަރަޖަ ލިބުމަށް އަޅުގަނޑު އެދެމެވެ. އަދި ކިއެއްތަ އެދަރަޖަ އެދަރިންނަށް ލިބިދާނެއެވެ. އެހެނެއްކަމަކު ތިބާގެ ދަރިންނަށް ރަސޫލުކަމުގެ ދަރަޖައެއް ނުލިބޭނެއެވެ.

ރިވާކުރެއްވި ހަދީސްތައް

ޒުބައިރު (ރއ) ރިވާކުރައްވާފައިވަނީ ވަރަށް މަދު ހަދީސްތަކެކެވެ. އިމާމު އަހުމަދުގެ މުސްނަދުގައި ވަނީ ގާތްގަޑަކަށް ތަކުރާރުވެފައިވާ ހަދީސްތަކާއިއެކު 6 ވަރަކަށް ހަދީސެވެ. އެއީ ކީއްވެގެންތޯ އެކަލޭގެފާނުގެ ދަރިކަލުން ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވީ “ތިމަން ކަލޭގެފާނު އިސްލާމްވުމަށްފަހު ރަސޫލުﷲ (ސއވ) އާއި ދުރަށް އެންމެ ފިޔަވަޅެއްވެސް ނާޅަމެވެ. ނަމަވެސް، އެކަލޭގެފާނު ހަދީސްކުރެއްވި އަޑު ތިމަން ކަލޭގެފާނު އެއްސެވީމެވެ. ހަދީސް ރިވާކުރެއްވުމަށް ފަސްޖެހިވަޑައިގަތީ އެބަސްފުޅެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނުގެ ނަމުގައި ދޮގެއް ހަދައިފި މީހަކު ނަރަކައަށް ދާން ތައްޔާރުވާށެވެ.”

(ނިމުނީ)

ގުޅުންހުރި ލިއުންތައް

ހެޔޮޚަަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: ޒުބައިރު ބުނު އައްވާމް

ހެޔޮޚަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: ޒުބައިރު ބުނު އައްމާނު 2 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !