A wide advertisement which will be shown on all devices. (700 x 100)

ފމވ ނަރުދަމާ ނިޒާމު ފެނަކައާއި ހަވާލުކުރެވުނީ ފުރިހަމަ ނުކޮށް އަދި ޓެސްޓު ނުކޮށް – ފެނަކަ

ފުވައްމުލައް ސިޓީގެ ނަރުދަމާ އަށް ދިމާވެފައިވާ މައްސަލަތައް އިސްޕެކްޓްކުރަނީ. 28 އޮކްޓޯބަރ 2019. ފޮޓޯ: ފވމ ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި 2018 ވަނަ އަހަރު ސެޕްޓެމްބަރު މަހު 13 ވަނަ ދުވަހު ހަވާލުކުރެވިފައި ވަނީ ފުރިހަމަ ނުކޮށް އަދި ޓެސްޓު ވެސް ނުކޮށް ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރައްވައެވެ. ފެނަކައިން ފުވައްމުލަކުގެ ނަރުދަމާއާއި ގުޅިގެން މިއަދު ނޫސްބަޔާނެއް ނެރެން ޖެހުނީ އެނިޒާމުގެ މައްސަލަތައް ބޮޑުވެ އެކަމާއި އާއްމުންގެ ނުރުހުން ފެނަކައަށް އަމާޒުވަމުންދާތީ ކަމުގެ ހަގީގަތް ހާމަކުރުމުގެ ގޮތުން ކަމަށް ވެއެވެ.

ފުވައްމުލައް ސިޓީގެ ނަރުދަމާއަށް ދިމާވެފައިވާ މައްސަލަތަކުގެ ވާހަކަތައް މިކަލް ނޫހުން ވާނީ އެތައް ފަހަރެއްގެ މަތިން މިކަމުގެ މައުލޫމާތު ހާމަކޮށްފައެވެ.

އިއްޔެ (2 ޖޫން 2020) ނެރުނު ނޫސްބަޔާނުގައި ވާގޮތުން ފުވައްމުލައް ސިޓީ ނަރުދަމާ ނިޒާމު ފެނަކާއާއި ހަވާލުކުރެވިފައި ވަނީ:

  • ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ނުކޮށް ކަމަށާއި
  • ނަރުދަމާ ނިޒާމުގައި ބޭނުުންކޮށްފައިވާ މުހިންމު ގިނަ ތަކެތީގެ ފެންވަރު ދަށްވުމާއި
  • ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އިހުމާލުވެ ފަރުވާކުޑަކޮށް މަސައްކަތް ކޮށްފައިވުމާއި
  • ނަރުދަމާ ނިޒާމު ހިންގަން ފެށުމުގެ ކުރިން ޓެސްކޮށްފައި ނުވުމާއި
  • ފުރިހަމަ ނޫން ނިޒާމަކަށް ގޭގޭގެ އިން ނަރުދަމާގެ ހޮޅިތައް ގުޅައި ބޭނުންކުރަން ފެށުން ކަމަށެވެ.

މި މައްސަލަތައް މިހާރު ދެނެގަނެެވިފައިވާ ކަމަށް ފެނަކައިގެ ބަޔާނުގައި ވެއެވެ.

ފެނަކައާއި ނަރުދަމާ ނިޒާމު ހަވާލުކުރެވުނު އިރު، މި ނިޒާމުގެ މަސައްކަތް ކުރި ސިއެރާ ކުންފުނިން އެއްބަސްވުމާއި އެއްގޮތަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ނުނިމިވާ ކަމަށާއި އެއިގެ ސަބަބުން ނިޒާމުގެ ހިންގައި މައްސަލަތައް ފާހަގަ ކުރަން އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ވެސް ކުރަން ޖެހިފައި ވަނީ ނުނިމި ހުރި މަސައްކަތްތައް ނިންމުމުގެ މަސައްކަތް ކަމަށް ވެއެވެ. އެއާއި ގުޅިގެން ނަރުދަމާ ނިޒާމު ފުރިހަމަ ގޮތުގައި ހިންގައި ހުރި މައްސަލަތައް ދެނެގަނެ ހައްލުކުރުމުގެ މަސައްކަތް ކުރެވިފައި ނުވާކަމަށެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމާއި ހަވާލުވެފައި ވަނީ 2018 ވަނަ އަހަރު ސެޕްޓެމްބަރު މަހުގައި ކަމުން، އެނގިގެންދަނީ އެއީ އޭރު ފެނަކާގައި އޮތް، ރައީސް ޔާމީނުގެ ސަރުކާރުން އައްޔަންކޮށްފައި އޮތް މެނޭޖްމެންޓުން ހަވާލުވީ ކަމެވެ. ނަރުދަމާގެ މަސްކަތް ކުރެވެމުންދިޔަ ދުވަސްވަރު ފުވައްމުލަކު ސިޓީ ކައުންސިލުގެ އެއްވެއްވެސް ބަހެއްނެތި ނަރުދަމާގެ މަސައްކަތް ކުރަމުން ދިއުމުގެ ކަންބޮޑުވުން ސިޓީ ކައުންސިލުން މީޑިއާގައި އެތައް ފަހަރަކު ފަހަގަކޮށްފައި ވެއެވ. ފަރުވާކުޑަކޮށް މަސައްކަތް ކުރުމުން ދިއުމުގެ ސަބަބުން އެތައް އެކްސިޑެންޓެއް ހިނގައި އާއްމުންގެ މުދަލަށް ވެސް ގެއްލުން ލިބިފައި ވެއެވެ. އަދި އެކަމުގެ ޝަކުވައާއި ކަންބޮޑުވުން އާއްމުން ވެސް އުފުލާފައި ވެއެވެ. ނަމަވެސް އެދުވަސްވަރުގެ ހާލަތު އޮތްގޮތުން، ސިޓީ ކައުންސިލް “ފިޔަކޮށާލާފައި” ވުމުން، އެދޯހަޅި ކަންކަން ރަނގަޅު ކުރުމަށް އެކަށީގެންވާ މަސައްކަތް ކުރެވިފައެއް ނުވެއެވެ.

ފުރިގެން ބަންޑުންވާ ޖަންކްޝަންތައް ކޮންމެ ދުވަހަކު ސާފުކުރާއިރު ވެސް އޮބި ނޯވޭ. 1 ޖޫން 2020

ފެނަކައިގެ އާ މެނޭޖުމެންޓާއި މަސައްކަތްތާއި ހަވާލުވީ 2018 ވަނަ އަހަރު ޑިސެމްބަރު މަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ ވެރިކަމުގައެވެ. އެހިސާބުން ކަމާއި ގުޅޭ އެންމެހައި ފަރާތްތަކާއެކު މައްސަލަތައް ދެނެގަނެ، ހައްލު ހޯދުމަށް ކުރި މަސައްކަތް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ހަމަޔަށް ވެސް ހައްލެއް ނުލިބުމުން، ފެނަކައިން އިސްނަގައިގެން ކަމާއި ގުޅޭ ފަންނީ ތަޖުރިބާ ކާރުންނާއި އެނިޒާމުގެ ވެކިއުމް ސިސްޓަމް އުފެއްދި، ޖަރުމަނު ކުންފުންޏާއެކު އަލުން ދިރާސާތައް ފެށިކަމަށް ފެނަކައިގެ ބަޔާނުގައި ވެއެވެ. އަލުން ކުރި މަސައްކަތުން ނިޒާމަށް ދިމާވެފައިވާ މައިގަނޑު މައްސަލަތައް ދެނެގަނެވިފައިވާ ކަމަށެވެ.

އަލަށް ކުރެވުނު މަސައްކަތުން ހޯދުނު މައްސަލަތަކަކީ ބޮޑެތި މައްސަލަތަކެއް ކަމަށާއި، އެމައްސަލަތައް ހައްލުކުރުމަށް ބޮޑެތި ހޭދަތަކާއި މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް ކަމަށާއި ގިނަ އަދަދެއްގެ ތަކެތި ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ކަމަށް ފެނަކައިގެ ބަޔާނުގައި ވެެއެވެ. އެއާއެކު ލަސްވުމެއްނެތި މިކަމުގެ އަމަލީ މަސައްކަތްތައް ފަށައި، ރެއާއި ދުވާލު ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިގެ ބަޔާނުގައި ވެއެވެ.

ނަރުދަމާގެ ވެކިއުމް ސިސްޓމަށް ބޭނުންވާ ބައެއް ތަކެތި ގެނައުމަށް އޯޑަރުކޮށްގެން ޖަރުމަނުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައި ވެއެވެ. ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް ދިމާވެފައިވާ ދަތިތަަކުގެެ ސަބަބުން ތަކެތި ގެނައުމުގައި ލަސްތަކެއް ހުރިކަމުގައި ވިޔަސް އެެތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގެ އުއްމީދ އޮތްކަމަށެވެ.

ފެނަކައި ހާމަކޮށްފައިވާ ގޮތުގައި ފުުވައްމުލަކުގެ ނަރުދަމާ ނިޒާމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، އިތުބާރާއިއެކު ދެމެހެއްޓެނިވި ގޮތެއްގަައި  ޚިދުމަތް ކަށަވަރުކޮށް ދެވޭނެ ފަންނީ ގާބިލުކަމާއި ތަޖުރިބާ ފެނަކކަ ކުންފުންޏަށް ލިބިގެން ވާކަމުގެ ޔަގީންކަން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ދޭކަމަށް ނޫސްބަޔާން ނިންމާލަމުން ބުނެެފައި ވެއެވެ.

މި ނޫސް ބަޔާން ނެރެފައިވަނީ ފެނަކައިގެ މައި އޮފީހުންނެވެ.

ފެނަކައިގެ މިނޫސްބަޔާނަށް ސޯޝަލް މީޑިއާގައި ވަނީ އެކިގޮތްގޮތަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

އޯޑިޓިން ދާއިރާގައި ފަނީ މީހެއްކަމަށްވާ ހަސަން މުހައްމަދު -ކްރޯވޭ މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި ފުަވއްމުލަކު ނަރުދަމާ ނިޒާމު ޕްރޮޖެޓްގައި ބޮޑެތި ކޮރަޕްޝަނގެ މައްސަލަތަކެއް ހުރިކަމަށް ބެލެވޭކަމަށެވެ.

ފެނަކައިގެ ނޫސްބަޔާނުގައިވާ މައުލޫމަތަށް ބަލާއިރު ފައިސާ ދޫކޮށްފައި ވަނީ މާލިއްޔަތު ގާނޫނުގެ 10.70 މާއްދާ އާއި ޚިލާފަށް ކަމަށެވެ. އަދި މިމައްސަލަ ބަލައިދިނުމަށް އެންޓި-ކޮަރަޕްޝަން ކޮމިޝަނަށާއި ދައުލަތުގެ އިދާރާތަކަަށް ދަންނަނާ ކަމަށް ހަސަން މުހައްމަދު (ހުނުބޮލި) ހާމަކޮށްފައި ވެއެވެ.

ހަސަން މުހައްމަދު – ކްރޯވޭ މޯލްޑިވްސް ގެ ފެސްބުކް ސްޓޭޓަސް

 ފެނަކައިގެ ނޫސް ބަޔާން، 2 ޖޫން 2020

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !