ޖަޕާނުގެ ސައިންސްވެރިއަކު މުޅިން އަލަށް ކުޑަކަމުދާތަކެތީގެ ހަކަތަ ބޭނުންކޮށްގެން ނެޕީ ބަދަލުކުރަން ވެއްޖެކަން އަންގައިދޭ ނިޒާމެއް އާދައިގެ ނެޕީއެއްގައި ގާއިމުކޮށްފިއެވެ. ކިޔޯޓޯގެ ޔުނިވަރސިޓީއެއް ކަމަށްވާ ރިޓުސުމޭކަން ޔުނިވަރސިޓީގެ ޕޮރޮފެސަރ ޓަކަކުނި ޑޯސެކީ، ނެޕީގައި ތައްޔާރުކުރި ސިސްޓަމަކީ ޗާޖުރަން އަދި ބެޓެރީވެސް ލައްވަން ޖެހޭ ސިސްޓަމެއް ނޫނެވެ. އެސިސްޓަމަށް ހަކަތަ ލިބެނީ ކުޑަކަމުދާތަކެތީންނެވެ.
މައިކްރޯ ހަކަތަ އެއްކުރުމުގެ މަސައްކަތުގައި އުޅުއްވާ ޕްރޮފެސަރުގެ އެންމެ ފަހުގެ އުފެއްދުމުގައި ވާގޮތުން ނޭނގި ނަމަވެސް ނެޕީއަށް ‘ހީސް’ލެވުމުން އޭގައި އެކުލެވޭ ވަޔަރލެސް ސިސްޓަމް މެދުވެރިކޮށް 5 މީޓަރު ދުރުގައި ހުންނަ ބެލެނިވެރިންނަށް އެކަން އަންގާލަދެއެވެ. އަދި ‘ހީސް’ލާ ކޮންމެ ފަހަރަކުވެސް އަންގައިދީ، ނެޕީގައި ހިފަހައްޓާލެވޭ އެންމެ މަތީމިން، 80ސކ. ގެ މިންގަނޑާއި ހަމޔަށްދިއުމުން ވެސް އަންގާލަދެއެވެ.
މިސިސްޓަމް ގާއިމުކުރި ފުރަތަމަ ނެޕީ މިހާރުވަނީ ޓެސްޓްކޮށް ނިމިފައެވެ. މިސިސްޓަމް ގާއިމުކޮށްފައި ވަނީ އާދައިގެ ނެޕީއެއްގެ ހިންދާ (އެބްޒޯބްކުރާ)ބަޔާއި، ފެންހިއްޕާ (ވޯޓަރ ޕްރޫފް) ފަށަލައާއި ދެމެދަށް ތުނި ކާބަން ކޮޅަކާއި އެލުމިނިއަމް އެލެކްޓްރޯޑެއް ލައިވައި ކަރަންޓަކު އުފައްދާ ގޮތަށެވެ. މިގޮތުން އުފައްދާ ކަރަންޓް ކުޑަ ކެޕޭސިޓަރއެއްގައި ރައްކާކުރެވެއެވެ. އަދި ހީސްލާ ވަގުތު އެއިން އުފައްދާދޭ ކަރަންޓްގެ މިންވަރު އާއްމުކޮށް ނެޕީގައި ހުންނަ ބައިން އުފައްދާ ކަރަންޓަށް ވުރެ އިތުރު ކަމަށް ކުރެވުނު ޓެސްޓްތަކުން ދައްކައެވެ.
މިީގެ ނެޕީ އާއްމުކޮށް ވިޔަފާރިއަށް ތައްޔާރު ކުރެވޭނީ އަދި ތަންކޮޅެއް ފަހުން ކަމަށް ވެއެވެ. އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުންނަށް ބޭނުން ކުރެވޭގޮތަށް މިސިސްޓަމް ގާއިމުކޮށްފައިވާ ނެޕީ މާކެޓަށް ނެރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ޕްރޮފެސަރ ޓަކަކުނި ޑޯސެކީ އަކީ މައިކްރޯ އެނަޖީ، ބޭނުން ކުރެވޭގޮތަށް، އެއްކުރުމުގައި މަސައްކަތް ކުރަނުން އަންނަ ފަރާތެކެވެ. އެގޮތުން އިންސާނުގެ ހަށިގަނޑުގެ ހޫނުކަން ބޭނުންކޮށްގެންނާއި، އެކިއެކި ވައިބްރޭޝަންތަކުން ކަރަންޓް އެއްކުރުމުގެ މަސައްކަތް އޭނާ އަންނީ ކުރަމުންނެވެ.
ގިނަބަޔަކު މިހާރު ކަންބޮޑުވާ އެއްކަމަކީ އަބަދުއަބަދުހެން ގެންގުޅޭ ސްމާޓް އިލެކްޓްރޯނިކް އާލާތްތައް ޗާޖުކުރަން ޖެހުމެވެ. އެގޮތުން ކޮންމެ ދުވަހަކު އެއްފަހަރު، ކޮންމެ ހަފުތާއަކު އެއްފަހަރު ނުވަތަ ކޮންމެ މަހަކު އެއްފަހަރު ގެންގުޅޭ ކޮންމެވެސް އިލެކްޓްރޯނިކް އާލާތެއް ޗާޖު ކުރަންޖެހޭތީ އުނދަގޫތަކެއް ކުރިމަތިވެއެވެ. މިކަން ހައްލުކުރުމަށް ސައިންސްވެރިން އުފެއްދުމަށް މަސައްކަތް ކުރަމުންދާ، 10 އަހަރުގެ ޗާޖް ގެރެންޓީ ބެޓްރީ ހަގީގަތަކަށް ވުމަށް އަދިވެސް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.
ޚިޔާލުތައް