ފުވައްމުލަކު ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެނަކައިން ކުރި ޓެސްޓް ކާމިޔާބު ކަމަށް ފެނަކައިގެ މެނޭޖަރު ހުސޭން ޝާފީ ވިދާޅުވެއްޖެއެވެ.
މި އޮކްޓޯބަރު މަހު 18 ގައި ފެނަކަ-ފުވައްމުލަކުގެ މުވައްޒަފުން ވަނީ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއ ލިބޭތޯ ނިޒާމުގެ ޓެސްޓެއް ކޮށްފައެވެ. އެގޮތުން ފުވައްމުލަކު ނަރުދަމާ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ނިޒާމުގައި ބޭނުންކޮށްފައި ހުންނަ ވެކިއުމް ޗެމްބަރތަކުގައިވާ ޕަމްޕުތަކަށް ފެން އެޅި ޕަމްޕުތައް ހުއްޓި މުޅި ނިޒާމު ފެއިލްވާ މައްސަލައެވެ.

ފެނަކަ-ފުވައްމުލައް އެނެމް އިސް ދެ މުވައްޒަފުން ކަމަސްޥާ އަޝްރަފު ނޫމާނު އަދި ހުސޭން ޝާފީ އާއި ނާއިބު ރައީސް ފައިސަލް ނަސީމު ބައްދަލުކުރައްވަނީ 2019
މިމައްސަލަ ވަނީ 2019 ވަނަ އަހަރު އޮކްޓޯބަރު މަހު ހުރިހާ ސްޓޭކް ހޯލްޑަރުން (ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ފެނަކަ-ފުވައްމުލައް، ކޮންސަލްޓެންޓް- ރިޔަން، ސިސްޓްމ އުފެއްދި ޖަރުމަނު ކުންފުނި – ރޯޑިގާރ، ތިމާވެއްޓާއި ބެހޭ މިނިސްޓްރީ، ފުވައްމުލަކު ސިޓީ ކައުންސިލް) ގުޅިގެން ކުރިޔަށްގެންދިޔަ އިންސްޕެކްޝަނުން ފާހަގަ ކުރެވިފައެވެ. އެގޮތުން ކެޗްޕިޓްތަކުން ލީކު ވުމުގެ މައްސަލައާއި ވެކިއުމް ޕަމްޕް ޗެމްބަރތަކުގައި ފެންބޮޑުވެ ވެކިއުމް ޕަމްޕުތައް ހުއްޓުން ހިމެނެއެވެ.

ފެނަކައިން ޓެސްޓް ކުރި އައު ވެކިއުމް ވޭލް
ފުވައްމުލަކު ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުން ދާ މަސައްކަތުގެ ތެރެއިން މި އޮކްޓޯބަރު 18 ވަނަ ދުވަހު ފެނަކައިން ވަނީ މުޅިން އައު، QUAVAC VACUFLOW ވެކިއުމް ޕަމްޕް ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ސިސްޓަމަށް ދިމާވާ މައްސަލައިގެ އަޖުމަ ބަލާފައެވެ. އެގޮތުން ކުރިން ލީކުވެ، ފެން އެޅޭ ޗެމްބަރެއްގެ ކައިރީގައި ހުރި ވެކިއުމް ޗެމްބަރެއްގައި ހުރި ވެކިއުމް ޕަމްޕްގެ ބަދަލުގައި އައު ޕަމްޕް-ވޭލްވް އެއް ނަރުދަމާ ސިސްޓަމަށް ގުޅައި އަދި ވެކިއުމް ޗެމްބަރަށް ފެންއަޅައި އޯޓޯ-ވެކިއުމް ވޭލްވެ ފެނުއަޑީގައި ބާއްވައިގެން ޓެސްޓް ކުރިއެވެ. މިޓެސްޓުން އެނގިގެން ދިޔައީ އައު ވެކިއުމް-ވޭލްވް ފެނު އަޑީގައި އޮތަސް ނުހުއްޓި ބަރާބަރަށް މަސައްކަތް ކުރާކަމެވެ. އެއާއެކު އެ ވެކިއުމް ޕަމްޕް ގުޅިފައިވާ ޗެމްބަރުގައި ހުރި ފެންތައް ހޮޅި ނިޒާމުގެ ތެރެއިން ފޮނުވާލަދިނެވެ.
މި ޓެސްޓްގެ އަޖުމަ ބެލުމަށްފަހު މެނޭޖަރު ހުސޭން ޝާފީ ވިދާޅުވީ މިހާރު އެއިގެ ފަހުން މިހާރު 4 ދުވަސް ވީ ކަމަށާއި ކުރިން ކޮންމެ ދުވަހަކު ދެ ފަހަރު ޕަމްޕު ޖަހައިގެން ހިއްކަން ޖެހުނު ޗެމްބަރު، އެ ވޭލް ގުޅިފަހުން އަދި ހިއްކަން ނުޖެހޭ ކަމަށެވެ. މި ނަތީޖާއަށް ބަލާއިރު މިއީ ވަރަށް ކާމިޔާބު ގޮތެއް ކަމަށް ޝާފީ ހާމަކުރިއެވެ.

ފެނަކައިން ޓެސްޓް ކުރި އައު ވެކިއުމް ވޭލް، ވެކިއުމް ޗެމްބާރ އަދި ޖަންކްޝަން
ސިސްޓަމަށް އަލަށް ގުޅި ވޭލަކީ ކުރީގައި ހަރުކޮށްފައިވާ ވޭލްތަކަށް ވުރެ ކޮލިޓީ ރަނގަޅު ފެނުގެ ތެރޭގައި ވެސް މައްސަލަ ނުޖެހި މަސައްކަތް ކުރާ ވޭލްއެއް ކަމަށެވެ. ކުރީގެ ވޭލް އިން ނެގަޓިވް ޕްރެޝަރ 2 ބާ އިން މަތިން ނޫނީ އޮޓޯ ވޭލް އެކްޓިވޭޓް ނުވާއިރު، އައު ވޭލްއިން ނެގަޓިވް ޕްރެޝަރ 1.5 ބާ އިން އޮޓޯ ޕްރެޝަރ ވޭލް އެކްޓިވޭޓްވާ ކަމަށެވެ. އަދި އަގުގެ ގޮތުން ވެސް ކުރީގެ ވޭލް އަށްވުރެ ހެޔޮކަމަށެވެ. ވުމާއެކު ނަރުދަމާ ނިޒާމުގެ ވޭލްތައް އައު (QUAVAC VACUFLOW) ވޭލްއަށް ބަދަލުކުރެވިއްޖެ ނަމަ ސިސްޓަމުގެ އެންމެ ބޮޑު އެއް މައްސަލަ އެއްކޮށް ހައްލުވެގެން ދިޔައީ ކަމަށެވެ. ދެން އޮންނާނީ ސިސްޓަމުގައި ހުރި ލީކްތައް ބެއްދުމާއި ކެޗްޕިޓްތައް ބަދަލުކޮށް ނިންމުމެވެ. އެހިސާބުން މުޅި ނިޒާމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ފެނަކައިގެ ޓެސްޓް ތަފުސީލް
ޝާފީ އިތުރަށް ވިދާޅުވީ މި ޓެސްޓް ނިންމައި ނަތީޖާއާއެކު ރިޕޯޓް ފެނަކަ ހެޑް ބްރާންޗަށް މާލެ ފޮނުވިފައިވާ ކަމަށާއި އަދި މިހާރު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ހުށަހަޅާފައި ވާނެކަމަށް ބެލެވޭ ކަމަށެވެ. ފުވައްމުލަކު ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ފައިނޭސްސް ހަމަޖެހޭތާ 6 މަސް ދުވަހުގެ ތެރޭގައި މައްސަލަ ހައްލުކުރާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. ނަމަވެސް މިކަމަށް ބޭނުންވާ ފައިސާ ސަރުކާރުން އަދި ހަމަޖައްސާދީފައެއް ނުވެއެވެ.
ފުވައްމުލަކު ނަރުދަމާ ނިޒާމުގެ މައި ކަލެކްޝަން ސެންޓަރު
އެމްޑަބްލިޔުއެސްސީ އިން ދާދި ފަހުން ވަނީ ފުވައްމުލަކުގެ ނަރުދަމާ ނިޒާމުގެ މައްސަލަ އަނެއްކާ ދިރާސާކޮށްފައެވެ. ނަމަވެސް އެ ދިރާސާގެ ނަތީޖާ އަދި ހާމަކޮށްފައެއް ނުވެއެވެ. މިކަހަލަ ސާވޭތަކަށް ބަލަބަލާ ފުވައްމުލަކުގެ ރައްޔިތުން ރައްޔިތުން ހަމަ ތިބެން ޖެހެނީ ހެއްޔެވެ؟
މުޅި ރަށުތެރޭގެ ނަޖިހުން ސަލާމަތްވުމަށް ރައްޔިތުންގެ ޝަކުވާ ބޮޑުކަމަށް މެނެޖަރު ޝާފީ ހާމަކުރިއެވެ. މިކަލް ނޫހާއި ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި އަނެއްކާ ވެސް އެތައް އަހަރެއް މިކަމުގެ ތެރޭގައި ތާށިވެފައި ތިބެން ފުވައްމުލަކުގެ ރައްޔިތުންނަށް މިވަނީ ޖެހިފައެވެ. ކުރިއަށް ވުރެ މިހާރުގެ ޙާލަތު މާ ނުރައްކާ ކަމަށެވެ. ރަށުގައި ފެންބޮޑުވާއިރު ހުރިހާ ގެއެއްގެ ފެންވަޅުތަކެއް ނަޖިސްވެ ބޮޑު ބަލިމަޑުކަމެއްގެ ނުރައްކަލަށް 14000 މީހުންގެ އަބާދީ މިއޮތީ ހުށަހެޅިފައި ކަމަށް ބުނެ އޭނާގެ ކަންބޮޑުވުން ހިއްސާކުރިއެވެ.

ފުވައްމުލަކުގެ މަގުތަކުގައި އުފެދިފައިވާ ނަޖިސް ފެންގަނޑުތައް
ޚިޔާލުތައް