A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި މިފަހަރު “ހުޅަންމަހަ” ފޯރި ގަދަ

ފުވައްމުލަކަށް ފުޅަނގި އެރުން

މިފަހަރު ފުވައްމުލަކުގައި ‘ހުޅަންމަހަ’ ނެގުމުގެ (ފުޅަނގި ނެގުން) ފޯރި ގަދަ ވެއްޖެއެވެ. އިއްޔެ އަކީ މިފަހަކުން އެންމެ ގިނައިން އެއްދުވަހެއްގެ މައްޗަށް ފުވައްމުލަކަށް ފުޅަނގި އެރި ދުވަހެވެ. އިއްޔެ ހަވީރުން ފެށިގެން އިރުއޮއްސުމާއި ހަމަޔަށް ފުޅަނގިއަރާފައި ވެއެވެ.

ފުވައްމުލަކަށް ފުޅަނގި އެރުމަކީ އާއްމުކަމެއް ނަމަވެސް މިފަހަކުން ފުޅަނގި ނާރާހާ ގިނައިން އިއްޔެ ފުޅަނގި އަރަން ފެށުމުން ގިނަ ބަޔަކުވަނީ ފުވައްމުލަކު ހުޅަނގު ބިތުން އަތިރިމައްޗަށް އެއްވެ ފުޅަނގި ނެގުމުގެ ފޯރީގައި ބައިވެރިވެފައެވެ. މިފަހަރު ފުވައްމުލަކަށް ފުޅަނގި އަރަންފެށިތާ މިހާރު 15 ވަރަކަށް ދުވަސް ވެއްޖެއެވެ. އިއްޔެ އެވްރެޖްކޮށް ކޮންމެ މީހަކު ވެސް 10 ވަރަކަށް ފުޅަނގި ނެގިކަމަށް ވެއެވެ.

އިއްޔެ ނަގާފައިވާ ފުޅަނގި : ފޮޓޯ އަލީ ޝަރީފު

ނަމަވެސް ކުރީ ޒަމާނުގައި ފުޅަނގި އަރާވަރާއި ގާތަށްވެސް މިހާރު ފުޅަނގި ނާރައެވެ. އެގޮތުން ކުރީގައި ކޮންމެ ގެއަކަށްވެސް ގިނައިން ފުޅަނގިއަރާ ދުވަސް ދުވަހު ބަސްތާއެއްގެ ފުޅަނގި ގެންދާކަމަށް ވެއެވެ.

ހުރިހާ އުމުރެއްގެ މީހުން ވެސް ފުޅަނގި ނެގުމުގައި އުޅެއެވެ. ޚާއްސަކޮށް ކުޑަކުދިންނާއި ޒުވާން އަންހެނުންނާއި ފިރިހެނުން ފުޅަނގި ނެގުމުގެ ފޯރީގައި ގިނައިން އުޅުނު ކަން ފާހަގަ ކުރެވުނުވެ. އިއްޔެ ގިނައިން ފުޅަނގި އަރާފައިވަނީ ދަޑިމަގު ފަންނާއި މެދު ފަންނު ހިސާބަށް ކަމަށް މައުލޫމާތު ލިބެއެވެ.

ފުޅަނގި ނަގަން އަތިރިމަތީގައި…

ފުޅަނގިއަކީ ވެސް އެހެން މަހެކޭ އެއްގޮތަށް އެކިގޮތްގޮތަށް ކައްކައިގެން ކާން ބޭނުންކުރާ މަހެކެވެ. ފުވައްމުލަކުގައި އެންމެ އާއްމީ ފިހެގެންނާއި ތެލުލައިގެން ކެއުމެވެ.

ގިނައިން ފުޅަނގި އަރާ އިރު ފެންނާނީ ދުރުން ފެންނަ ކުދި ދޫނި ބައިގަނޑެއްހެއް އުދުހިގެން އަންނަ ތަނެވެ. ފުވައްމުލަކުން ބަހުން މިކަމަށް ކިޔަނީ “ހާލި ނެގުން” އެވެ.

ފުޅަނގި އަރާ ދުވަސްވަރަކީ އާއްމު މަސްވެރިކަން ވެސް ރަނގަޅު ދުވަސްވަރެކެވެ. އެގޮތުން މިހާރު ފުވައްމުލަކުގެ މަސްވެރިކަން ވެސް ރަނގަޅު ކަމަށް ވެއެވެ.

ފުޅަނގި ކައްކަން ތައްޔާރުކޮށްފައި. ފޮޓޯ؛ މަޒް ޖަމާލް

ފުވައްމުލަކަށް ފުޅަނގި އަރަން ދިމާވަނީ ފުޅަނގި އަކީ މާކަނޑުގައި އުޅޭ ކުޑަ މަހަކަށް ވެފައި އެ މަސް ކާންވެގެން ކަންނެލި ފަދަ ބޮޑެތި މަސްތައް ތިލަވެގަތުމުން، ސަލާމަތް ވާން ކަނޑުން މައްޗަށް އަރައި އުދުއްސައިގަންނަނީއެވެ. އެގޮތުން އުދުއްސައިގަންނައިރު ވައި ހުންނަގޮތުން ގިނަފަހަރު ރަށުގެ ފަރަށް ނުވަތަ ގޮޑުދޮށަށް އާދެވެނީއެވެ. މިގޮތުން ފުޅަނގި އުދުއްސައިގަންނައިރު ވައިގެތެރެއިން މާ މައްޗަށް ނޭރުމަށް ބަލަނީ ހޯރަ އާއި އެހެން ދޫނިތަކުން ސަލާމަތް ވުމަށް ފަސޭހައަކަށެވެ. ފުވައްމުލަކުގެ ފަރު ކުރުވުމުގެ ސަބަބުން އުދުއްސައިގަންނަ ފުޅަނގިތަކަށް ދާދި ފަސޭހައިން އެއްގަމާއި ހަމަޔަށް ދެވެއެވެ. ފަރުމަތީގައި ފުޅަނގި ޖެހޭތަނުން ފަރުގައި އުޅޭ ވެން ފަދަ މަސްތަކުން ސަލާމަތްވާން އަނެއްކާ ވެސް އުދުއްސައިގަންނަނީއެވެ. ވުމާއެކު ފުޅަނގިތައް ފަސޭހަކަމާއެކު ރަށުގެ އެއްހަމަށް އެރެއެވެ. އަދި ބައެއްފަހަރު ފުޅަނގިތައް މާކަނޑުން “ހާލިނަގާފައި” ބޮޑު ބައިގަނޑެއް އެއްކޮށް މެދު ދޮންވެލިގަނޑަށް ނުވަތަ ވިނަމައްޗަށް ވެސް އަރައެވެ.

އިއްޔެ ނަގާފައިވާ ފުޅަނގި : ފޮޓޯ ހަސަން ސައީދު

ފުވައްމުލަކަށް ގިނައިން ފުޅަނގި އަރަނީ ހުޅަނގު މޫސުމުގެ ފަހުކޮޅުގައެވެ. ނަމަވެސް އިރުވައި މޫސުމުގައި ވެސް ފުވައްމުލަކުގެ އިރުމަތީ ބިތަށްވެސް ފުޅަނގި އަރައެވެ. މިއަހަރުގެ އިރުވައި މޫސުން މި ޑިސެމްބަރު މަހު 10 ގައި ފެށުނު ނަމަވެސް އިރުވައި މޫސުން ފުވައްމުލަކަށް އައި ކަމަކަށް ނުދައްކައެވެ. އެއީ އަދިވެސް ފުވައްމުލަކަށް ވައި ހުރީ ހުޅަނގު ބިތުން ކަމަށްވެފައި ކަނޑުގެ އޮޔާއި ރާޅުތައް ހުރި ގޮތަށް ބަލާއިރު ފުވައްމުލަކުން އަދިވެސް ފެންނަނީ ހުޅަނގު މޫސުމުގެ އަސަރެވެ.

ފުޅަނގި އަރަން އުޅޭކަމާއި ފުޅަނގި އަރާނެ ސަރަހައްދެއް ފުވައްމުލަކު މީހުން ދެނެގަންނަނީ ރަށް މަތިން ހޯރަތައް އުދުހޭ ދިމާ ބަލައިގެންނާއި ވައިޖެހެގޮތަށް ބަލައިގެންނެވެ. އާއްމުގޮތެއްގައި ފުޅަނގި އަރަން އުޅޭއިރު ހޯރަތައް ގިނަވެ އެދިމާލަކުން ތިރިވާނެއެވެ.

ފުވައްމުލަކުގެ މަތިން ހޯރަތައް ޖަމާވެފައި. ފޮޓޯ؛ އިސްމާއީލް ރަފީގް

ކުރީ ޒަމާނުގައި ފުޅަނގި އަރާ ދުވަސްވަރު ހޯރަ (ފުވައްމުލަކު ބަހުން – ހުރާ) ހިފުން ވެސް އޮވެއެވެ. ހޯރަ ހިފުމަށް ފުވައްމުލަކު މީހުން ކިޔާ އުޅުނީ ‘ހުރާ ވެޑުން’ މިހެންނެވެ. އެކަން ކުރާގޮތަކީ ވަރުގަދަ ދަނޑިއެއްގައި ކަންވާރެއް ނުވަތަ ހިމަ ނަނެއް ހަރުކޮށް، ނަނުގެ ކޮޅުގައި ބަރިއެއް (ތިމަރަ ބަރެއް) ލައިގެންނެވެ. ދެން އަތިރިމަތީގައި ހޯރަތައް ކައިރިންދާ ދިގު ރުކަކަށް އަރާ އޮވެ، ހޯރަ ކައިރިންދާ ވަގުތު މަސްބާނަން ދޮށިއުކާ ގޮތަށް ހޯރައާއި ދިމާލަށް ނަނު ހޫރައި ހޯރައިގައި އޮޅާލައި(ފުވައްމުލަކު ބަހުން – ވެޑުން) ގެންނެވެ. އެގޮތަށް ހިފާ ހޯރަ މަސް ކެއުމަށާއި، އޮޅުކޮށްގެން ދޫނި ގެންގުޅޭ އުސޫލުން ގެންގުޅުނެވެ.

ފުވައްމުލަކުގެ މަތިން ހޯރަތައް ޖަމާވެފައި. ފޮޓޯ؛ އިސްމާއީލް ރަފިގުއެގޮތުން އެކިވައްތަރުގު ހޯރަތަކަށް ކިޔާ ޚާއްސަ ނަންތަކުގެ ތެރޭގައި 1. ފާވަޑޮގެރި، 2. އަނދުން ލޮލް، 3. ކޭވައްފޮތި، 4. ކިޑިކީ، 5. ކަޅޮމެލަމަހި ބޮލްދޮން، 6. ބޮނޑޮކޮއް ހުރާ ހިމެނެއެވެ.

‘ފާވަޑޮ ގެރި’ އަކާއި ބަނޑޮދޮން ހުރާއެއް. މައުލޫމާތު ފޮޓޯ:އާސިފް އިބްރާހިމް

ނަމަވެސް މިހާރު ‘ހުރާ ވެޑުން” މެއް ނޯވެއެވެ. އެއީ ހިމާޔަތް ކުރެވިފައިވާ ދޫންނެކެވެ.

ފުޅަނގި ނެގުން ވީޑިއޯ– ޝަމްމޫން

ރާއްޖޭގެ ގިނަ ރަށްރަށާއި ޚިލާފަށް ފުވައްމުލަކަށް ގިނައިން ފުޅަނގި އަރަން ދިމާވާނީ މާކަނޑާއި ރަށާއި ކައިރީގައި އޮތުމާއި، ރަށާއި ގުޅިގެން ފަޅެއް ނޯންނާތީ ކަމަށް ބެލެވެއެވެ. ރާއްޖޭގެ އެހެން ރަށްރަށަށް ވެސް ފުޅަނގި އަރައެވެ. ނަމަވެސް ފުވައްމުލަކަށް އަރާހާ ގިނައިން ހާލިހާއްޔަށް (އައިިން އައިނަށް) އުދުހިފައި އެއްގަމަށް އަރާކަމަކަށް ނުވެއެވެ.

ފުލަނގި ނަގަން އަތިރިމަތީގައި

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !