A wide advertisement which will be shown on all devices. (700 x 100)

ފައުޒާންގެ މަރާއެކު ނެރުތައް ބަންދުކުރުމުގެ ވާހަކަ އިތުރުވެއްޖެ

ފުވައްމުލަކުގެ އިރުމަތީ ބިތުގެ ބައެއް ނެރުތައް

ނިމުނު ހަފުތާގަައި ފުވައްމުލައް ސިޓީ މާނޭރު ނެރަށް ގެނބިގެން މަރުވި އަހުމަދު ފައުޒާންގެ މަރުގެ ހިތާމެވެރި ޙާދަިސާއަށް ފަހު އަނެއްކާވެސް ރަށުގައި ކަނޑަފައިވާ ނެރުތައް ބަންދު ކުރުމުގެ ވާހަކައިގެ އަޑުތައް ވަނީ ގަދަވާން ފަށާފައެވެ. ނެރުތައް ބަންދުކުރުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއްއި ސޮއިކުރުމުގެ ކަންތައްތައް ވެސް ކުރިޔަށް ދާން ފަށައިފިއެވެ.

ފުވައްމުލަކު ބަނދަރު ހެދުމުގެ ކުރިން 1981 ގައި ފުވައްމުލަކުގައި ރަށަށް ލަފާފުރުމަށް ފަސޭހައެއްގެ ގޮތުން 8 ނެރު ކަނޑާފައި ވެއެވެ. ނެރު ކަނޑަން ޖެހުނީ ފުވައްމުލަކަކީ ރަށް ވަށައިގެން ރާޅުއަރާ، ފުއްޓަރުފަރާތް އޮންނަ ރަށަކަށްވެ، ޒަމާނުއްސުރެ ރަށުގެ އެކި ދިމަދިމާލުން ހަނި ރޮނގުތަކެއް ގޮތަށް ފަރުގަނޑު ކަނޑައިގެން ހެދި ހަނިރޮނގުތަކެއްގައި އުޅަނދުތަކުގައި މީހުން ރަށަށް އަރާފޭބުމަށް ދިމާވަމުންދިޔަ ދަތިތަކަށް ލުޔެއް ހޯދުމުގެ ގޮތުންނެވެ. ކުރީގެ ނެރުތަކަކީ ފޫޓެއްހާ ހަނި ރޮނގުތަކަކަށް ވުމުން ފަރުތެރެއިން ދޯނިފަހަރާއި ބޮއްކުރާތައް އެ ރޮނގުތަކުގެ ތެރެއިން ފަރު ހުރަސްކޮށް ރަށަށް އަރަން ބޮޑެތި ގޮންޖެހުންތަކެއް ދިމާވަމުން އައީތީއެވެ. އެގޮތުން އެއްގަމަށް އައުމަށް ފަރު ހުރަސްކުރާ އުޅަނދުތައް، ނަގާ ބޮޑެތި ރާޅުތަކުގައި ޖެހި، އެންމެމޮޅު ކެޔޮޅު މީހާއާއި 4-5 ފަޅުވެރިން ވެގެންވެސް އެއްކަލަ ފޫޓެއްހާ ހަނި ރޮނގުގެ ނެރުގައި ދޯނި ހިފަހައްޓާ ނުލެވެއެވެ. ނެރުން ވަންނަ ދޯނި ރާޅުގައި އަޅައިގެންދާއިރު ކުރީކޮޅު ތިރިވެ، ފަހަތުކޮޅު ފެނުން ހިއްލުމުން ކެޔޮޅުމީހާ އަށް ހުންގާނުގެ ބޭނުން ނުހިފި ގޮތް ހުސްވެއެވެ. ރިއްދަނޑިން ކަނބަން ކުރާ މަސައްކަތަކުން ގިނަފަހަރު މާބޮޑު ކާމިޔާބެއް ނުލިބެއެވެ.

ނެރު ކެނޑުމުގެ ކުރިން ރަސްގެފަންނު

މިގޮތަށް ރަށަށް އަރާފޭބުމަކީ އޭރުވެސް ވަރަށް ބިރުވެރިކަމެކެވެ. އޭރު އެތައްބަޔަކު ރަށުން ބޭރަށް ނުގޮސް ރަށުގައި ތިބުމަށް މަޖުބޫރުކުރުވި އެއްސަބަބކީ އެނުރައްކާތެރި މަރުހަލާއެވެ. އެމަރުހަލާގައި ރަށުގެ ހުރިހާ ނެރަކުން ވެސް އެތައް ފުރާނައެއް ގެއްލިގެން ގޮސްފައި ވެއެވެ. އެގޮތުން ރަށުގެ ހުޅަނގު-ދެކުނު ބިތުން ހުޅަނގުކޮޅުން ނެރަގަނޑު ފަންނާއި، އަރުއްފަންނާއި، މާނޭރެ އާއި ކަނދުވަލި ފަންނު ހިމެނެއެވެ. އަދި ރަށުގެ އިރު-ދެކުނު ބިތުން ބޮޑުފަންނާއި، ރަސްގެފަންނާއި ބަނޑަހަލް ފަންނާއި އަނބުލު ފަންނެވެ. އިތުރު ނެރުތައްވެސް ބޭނުންކުރަމުން ދިޔަ ނަމަވެސް މައިގަނޑު ގޮތެއްގައި ބޭނުންކުރީ މިފަންނުތަކުގައި މީހުން އަމިލައްލައަށް ހަދާފައިވާ ނެރުތަކެވެ.

މާނޭރު ނެރު – ދިވަރު ހިކިފައި

އަރާފޭބުމުގެ މިދަތި ހާލަތަށް އޭރުގެ ސަރުކާރުން ލުޔެއް ހޯދައިދިނުމުގެ ގޮތުން ރަށުގައި ނެރުކެނޑުމަށް ނިންމިއެވެ. އެގޮތުން ދެ މޫސުމަށް ފުވައްމުލަކުގައި އޭރު އެންމެ އާއްމުކޮށް ބޭނުން ކުރަމުންދިޔަ ދެ ނެރު ފުޅާކޮށް ފުންކުރުމަށް ނިންމުނެވެ. އެއީ ރަސްގެފަންނު ނެރާއި މާނޭރު ނެރެވެ. އެންމެ ފުރަތަމަ ހަދަން ހަމަޖެހިފައި އޮތީ ރަސްގެފަންނު ނެރު ކަމަށް ވިޔަސް މަސައްކަތް ފަށަން ދިމާވީ އިރުވައި މޫސުމުގެ ދުވަސްވަރަށް ވުމުން، ފުރަތަމަ މަސައްކަތް ކުރީ މާނޭރު ނެރުގައެވެ. އަދި އެދުވަސްވަރު އުފެދުނު އަވަށު ވާދަވެރިކަމުގެ ތެރެއިން އޭރު ފުވައްމުލަކުގެ 8 އަވަށަށް 8 ނެރުކަނޑަން ނިންމައި، އެގޮތތުގައި އެމަސައްކަތް ކުރެވުނެވެ. ދެ މޫސުމަށްވާ ގޮތަށް ރަށުގެ ދެ ބިތުން، ބިތަކުން 4 ނެރު ކެނޑިއެވެ. އެއީ ރަށުގެ ހުޅަނގު-ދެކުނު ބިތުން ދަޑިމަގުން ނެރަގަނޑު ފަންނާއި، ދިގުވާޑުން އަރުއްފަންނާއި، މިސްކިތްމަގުން މާނޭރެ އާއި ފުނާޑުން ކަނދުވަލި ފަންނެވެ. އަދި ރަށުގެ އިރު-ދެކުނު ބިތުން ދޫނޑިގަމުން ބޮޑުފަންނާއި، މާލެގަމުން ރަސްގެފަންނާއި މާދަޑުން ބަނޑަހަލް ފަންނާއި ހޯދަޑުން އަނބުލު ފަންނެވެ.

މާނޭރު ނެރު – ދިވަރު ބޮޑުވަނީ

ފުވައްމުލަކު ބައެއް ނެރުތަކުގެ އޭރިއަލް ވީޑިއޯއެއް

ނެރުތައް ފުންކުރުމަށް ޖެހުނީ ރަށުގެ އާނުގަނޑު ތޮރުފައި ޑައިނަމޭޓް އަޅައިގެން ގޮއްވާށެވެ. އެގޮތުން ނެރު ހަދަންބޭނުވާ ފުޅާމިނަށް ފަރުގެ ފުން ހިސާބުން ފެށިގެން އެއްގަމަށް، ކަރަންޓް ޖެކުހެމަރު ފާޑެއްގެ ބޮޑު ބުރުމާއަކުން ލޯވަޅުތަކެއް ތޮރުފައ،ި އެލޯވަޅުތަކަށް ޑައިނަމޭޓެ އަޅައިގެންނެވެ. އަދި ހުރިހާ ލޯވަޅުތަކެއްގެ ޑައިނަމޭޓް ނަރުފަށަކުން ގުޅުވާލައި އެއްގަމުގައި ހުރެ އެނަރުފަށުގެ ކޮޅުގައި ރޯކޮށްގެން ޑައިނަމޭޓް ނެޓްވޯކް ގޮއްވާލަނީއެވެ. ޑައިނަމޭޓް އަޅައި ގޮއްވައިގެން ހެދި ނެރުގެ ފުޅާމިނުގައި 40-20 ވަރަކަށް ފޫޓު ހުންނާނެއެވެ. އަދި ރަށުގެ އާނުގަނޑު އެދިމަދިމާލުން ހުރީ ބުރިވެ ވަކިވެފައެވެ. މި މަސައްކަތުގައި އަމަލީގޮތުން އިސްކޮށް ހުރީ “ހޭނާ މުހައްމަދު ފުޅު” ކިޔާ މީހެކެވެ. ނެރުހެދި ދުވަސްވަރު އޭނާ ފުވައްމުލަކުން މީހަކާއި އިނދެ ކުއްޖަކުވެސް ލިބިފައި ވެއެވެ.

ބަނދަރު ހަދަން ޑައިނަމޭޓް އަޅާއި ގޮއްވުން. ނެރުތައް ކަނޑަން ފަރު ގޮއްވީ ވެސް މިގޮތަށް

ނަމަވެސް ރަށުގެ އާނުގަނޑު ބުރިކޮށްލައިގެން ހެދި 8 ނެރުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވުނީ 3 ނެރެކެވެ. އެއީ ރަސްގެފަންނު ނެރާއި މާނޭރު ނެރާއި، ނެރަގނަޑު ފަންނު ނެރެވެ. އަނެއް 5 ނެރުގެ މާބޮޑު ބޭނުމެއް ނުކުރެވެއެވެ. ނެރުތައް ހެދުމުން ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް އަރާފޭބުމަށް ދިމާވަމުން ދިޔަ ގޮންޖެހުންތައް ކުޑައެއް ނޫނެވެ. ނެރުތަކުން ލަފާފުރާ ދޯނިތައް ބަންޑުންޖެހުމުގެ ޙާދިސާތައްތަކުގައި ވެސް މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ވަމުން ދިޔައެވެ. މި ނެރުތަކަށް މޫދަށް ދިޔަ ފަރާތްތަކަށް ނުރައްކާތެރި އެތައް ހާދިސާތަކަކާއި ކުރިމަތިވެ އެތައްބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައި ވެއެވެ. އެގޮތުން ވެސް މާނޭރު ނެރަކީ އެންމެ ގިނަ ހާދިސާތައް ރެކޯޑު ކުރެވިފައިވާ ނެރެވެ. އަރުއްފަންނު ނެރަށް މޫދަށް ދިޔަ ދިގުވާޑު ޒުވާން ބޮޑު އަންހެން ގްރޫޕެއްގެ ތެރެއިން 8 މީހުން ނެރުގެ އޮއިގައި ޖެހި ދަމައިގެން ގޮސް އެތައްބަޔަކު އެއްދުވަހަކު މަރުވި ހާދިސާއަކީ ވެސް ފާހަގަކޮށްލެވޭ ހިތާމަވެރި ހާދިސާއެކެވެ.

ފުވައްމުލަކު ބަނދަރު ހެދުމުގެ ނެރުގޮއްވުމާއި ދޭތެރެ ދުވަސްތަކުގައި ރަސްގެފަންނު ނެރު އިތުރަށް ފުންކުރުމުގެ މަސައްކަތްތަކެއް ހައިމާކް ބޭނުކޮށްގެން ކުރެވުނުވެ. އެއީވެސް އޭރުގެ ލަފާފުރުމަށް އިތުރު ލުޔެއް ހޯދުމުގެ ގޮތުންނެވެ. ނަމަވެސް ފަހުން އެކަންވީ ހެދުނު ބޮޑުގޯހެއްކަމަށް ގިނަބަޔަކު ގަބޫލުރިއެވެ. އެގޮތުން ފުންކުރުމުގެ ފަހުން ރަސްގެފަންނު ނެރު ގެ އޮއިގަދަވެ ބާނިތައް ބޮޑުވުމުން ލަފާފުރުމަށް އެތަން ބޭނުންކުރުން ނުރައްކާވެ، ފަހުން ގިނަ ބަޔަކަށް ބޭނުންކުރަން ޖެހުނީ އެންމެ ކައިރީގައި އޮތް ބަނޑަހަލްފަންނު ނެރެވެ.

ރަސްގެފަންނު ބޭނުންނުކުރެވުމުން ބަނޑަހަލް ފަންނު ލަފާ ފުރުމަށް ބޭނުން ކުރި ދުވަސްވަރު

ބަނދަރު ހެދުމުގެ ކުރީގައި މާލެ ދަތުރުކުރާ ބޯޓުތަކާއި އިންޖީނު އެޅި މަސްދޯނިތައް ތިބެނީ އަބަދުވެސް ފައްތިޔާ (ބޯސާ)ގައި ރަށުގެ ބޭރުގައި އަޅާފައެވެ. ބޯޓުތަކުން މުދާ ބޭލުމާއި އެރުވުމަށް އަދި އަރާފޭބުމަށް ބޭނުންކުރީ ކުދި ހަފަލި ދޯންޏާއި ބޮއްކުރާއެވެ. ބޯޓުތަކުން މުދާ އަރުވާބޭލުމަށް ހަފަލި ދޯނިތަކުން އެތައް ދަތުރެއް އެދޭތެރޭ ކުރަން ޖެހެއެވެ. މިދަތުރުތަކުގައި ރާޅުތަކުގެ އެތައް ގޮންޖެހުންތަކާއި ކުރިމަތިލައެވެ. އަދި ރަށަށް ގެންނަ މުދަލުގައި ލޮނުޖެހި ގެއްލުންވުމާއި ބައެއް ފަހަރު އެއްކޮށް ކަނޑުވެ މުދާ ކޮޅު ގެއްލިގެން ދިއުމަކީ އާއްމު ކަމެކެވެ. ހަފަލި ދޯނިތަކާިއ ބޮއްކުރާތަކުގެ ދަތުރުތައް ނިމުމުނ ހުންނަނީ ނެރާއި ދިމާލުން އެއްގަމަށް އަރުވާފައެވެ. ކުދި ްމަސްދޯނިތައް ވެސް މަހުން ލަފާގޮތަށް  ތިބޭނީ އެއްގަމަށް އެހެލާފައެވެ. (މަތީގައި އެވާ ފޮޓޯ) އަދި މޫސުން ގޯސް ދުވަސްވަރެއް ނަމަ މުދާ ނުބޭލި ބޯޓުތަކާއި ދޯނިތަކަށް ރަށުގެ ބޭރުގައި ކެތްނުކުރެވި ދުއްވާލަ ދުއްވާލައި ރޭގަނޑުގެ ހަތަރުދަން ވެސް ހޭދަކުރަން ޖެހެއެވެ. އަދި މިފަދަ ބޯޓުތަކާއި ދޯނިތަކުގެ ސަލާމަތަށް އެއިގެ ވެރިން އޭރު ތިބެނީ ބިރުން “ޔާސީން” މަތީގައެވެ.

ނެރުން މުދާބޭލުމަށް ހަފަލި ދޯންޏެއްގައި ބޮދެތި ރާޅުތަކުގެ ތެރެިއން ނުކުންނަނީ

ނެރުގެ ހާދިސާތަކަށްފަހު ފުވައްމުލައްކަށް ކަނޑުމަގުން އަރާފޭބުމަށް ތަސައްލީއެއް ލިބިގެންދިޔައީ އެތައް އަހަރަކަށް ދިގުދެމިގެން ދިޔަ ފުވައްމުލަކު ބަނަދަރުހެދުމުގެ މަސައްކަތް ނިމި 2003 ވަނަ އަހަރު ބަނދަރު ހުޅުވިގެން ދިއުމުންނެވެ. ބަނދަރު ހުޅުވުމާއެކު އަރާފޭބުމަށް ލިބުނު ފަސޭހައާއެކުު ކުރިން ބޭނުންކުރި ނެރުތައް ހުރިގޮތަށް ދޫކޮށްލެވުނީއެވެ. މީހުންގެ ސަމާލުކަމުން އެތަންތަން ގެއްލިގެން ދިޔައެވެ. ދޭތެރެއަކުން އެއިން ނެރެއްގައި ދިމާވާ ހިތާމަވެރި ހާދިސާއަކުން ނޫނީ މީހުންގެ ސަމާލުކަމަށް އެތަންތަން އަންނަނީ މަދުންނެވެ.

ފައްތިޔާ- ބޯސާގައި އަޅާފައިވާ ބޯޓުން މުދާ ބޭލުމަށް ކުދި ދޯނީގައި ނެރުން ނުކުންނަނީ.

ފުވައްމުލަކު ބަނދަރު ހުޅުވުމަށްފަހު ކަނޑުގަދަވުމުގެ ސަބަބުން ބަނދަރަށް ނުވަދެވިފައި ވާކަން މިހާތަނަށް އެނގިފައި ވަނީ އެންމެ ދުވަހެކެވެ. އެއީ 2017 ވަނަ އަހަރު ފެބްރުއަރީ މަހުގައި މާލެއިން މުދާ ހިފައިގެން އައި ހަވާސް ބޯޓަށް ބަނދަރަށް ނުވަދެވުނު ދުވަހެވެ. އެދުވަހު އެބޯޓުން ހަލާކުވާޒާތުގެ މުދާ ބާލަން ޖެހުނީ މާނޭރެ ނެރުން ކުދި ހަފަލި ދޯނީގައެވެ. ބޯޓު މާލީމީ ޝާހު މީޑީއާއަށް ބުނި ގޮތުން ފުވައްމުލަކު ބަނދަރަށް ވަނުމަށް އުނދަގޫ ވަނީ އަހަރަކު 3-4 ދުވަސް ކަމަށެވެ. އެހެންނޫނީ ބަނދަރަށް ވަނުމަށް މާބޮޑު ދައްޗެއް ކުރިމަތިނުވާ ކަމަށެވެ.

ބަނދަރު ހެދިފަހުން މުދާ ބޭލުމަށް މާނޭރު ނެރު ބޭނުންކުރަނީ: މިކަލް ނޫސް ޚަބަރު ލިންކް

ނަމަވެސް ނެރުތައް މީހުން މޫދަށް އެރެން ބޭނުންކުރެއެވެ. ނެރުތައް ކަނޑާފައި ހުންނަ ގޮތުން އެންމެ ހިކިދިޔާގައި ވެސް ނެރުގެ އެތެރޭގައި ވަރަށްގަދަ އޮއިވަރެއް އުފެދެއެވެ. އެއީ ނެރުގެ ދެފަރާތުގައިވާ ފަރުގެ ބޮޑު ސަރަހައްދަށް ރާޅާއެކު އެޅޭ ލޮނުގަނޑު އެއްކޮށްހެން ދެމިގެންދަނީ ނެރުގެ ތެރެއަށް ގޮސްގެން ކަމަށް ވުމުންނެވެ. އެއާއެކު އުފެދޭ ބާރުގަދަ އޮއިވަރުގައި އުނނަގަނޑާއި ހަމައިގެ ދިޔަވަރުގައި ވެސް ނެރުގެ ތެރެއިން މީހުން އޮޔާދަމާ ބޭރުކޮށްފައި ވެއެވެ. އޮއިވަރު އެހާވެސް ގަދައެވެ. ނެރަށް މޫދަށް ދާއިރު ސަމާލުވާން ޖެހޭ އެންމެ މުހިންމު އެއްކަމީ ނެރުގެ އޮއިވަރުގެ ގަދަކަމެވެ. ޚާއްސަކޮށް ހިކިދިޔާގައި ނެރުގެ އޮއިވަރު ގަދަކަމެވެ.

އަނބުލު ނެރު – ޓެޓްރާ ޕޮޑްސް ޖަހައި ބޭރުކޮޅު ބަންދުކުރެފިވައި

ދުވަސްތަކަކަށްފަހު ފުވައްމުލަކުގެ ނެރުގެ ބޭރުކޮޅު ބެއްދުމުގެ ވާހަކަވެސް ސަމާލުކަމަށް އައެވެ. އެގޮތުން ކުރެވުނު މަސައްކަތުން، އެންމެ ގިނައިން މީހުން ބޭނުންކުރާ އިރުމަތީ ބިތުގެ 4 ނެރުގެ ބޭރުކޮޅުގައި 4 ފައިކަށިލީގާ (ޓެޓްރާ ޕޮޑްސް) ޖަހައި ކޮންމެވެސް ވަރަކަށް ބަންދުކޮށްފައެވެ. އެއާއެކު އެ ނެރުތަކަށް މޫދަށް ދާމީހުންގެ ސަލާމަތަށް އިތުރު ޔަގީންކަމެއް ލިބިގެން ދިޔައެވެ. އަދި އެއިގެފަހުން އެ ނެރުތަކުގައި އޮޔާއިއެކު ދަމައިގެން ގޮސް، މީހަކު ގެނބިގެން މަރުވުމުގެ ހާދިސާއެއް ހިގާފައިވާކަން އެނގޭކަށް ނެތެވެ. ކޮންމެވެސް ވަރަކަށް އޮޔާއި ދަމައިގެން ދިއުމުގެ ހާދިސާ ހިނގިކަމުގައި ވިޔަސް ބޭރުގައި ހުންނަ ގާތަކާއި ހަމައިން ސަލާމަތްވާން ފުރުސަތު ލިބެއެވެ. އަދި ބަންދުކުރެވިފައިވާ ނެރުތަކުން ރަށްގިރުމަށް ކުރާ އަސަރުވެސް ކުޑަކަމަށް ފާހަގަކުރެވުނެވެ. ވުމާއެކު ބެލެވެނީ މިހާރު ބަންދުކުރި ނެރުތަކުން މޫދަށް އެރޭ މީހުންނާއި ރަށްގިރުމަށް ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ލިބޭކަމަށެވެ.

ނިމުނު ހަފުތާގައި ފުވައްމުލަކު ސްކޫލްގެ ގްްރޭޑް10ގައި ކިޔަވަމުން ދިޔަ އުމުރުން 17 އަހަރުގެ ޒުވާން ކުއްޖަކު ނިޔާވި ހާދިސާ ހިނގާފައި ވަނީ ވެސް ބަނދު ނުކުރެވި ހުރި މާނޭރު ނެރުގެ ގަދައޮޔާއި ދަމައިގެން ބޭރަށްގެން ގޮސް ގެނބިގެންނެވެ. މީގެ ކުރިންވެސް ބަންދުނުކޮށް ހުރި އެހެން ނެރުތަކުގައި ވެސް ގެނބިގެން އެތައްބަޔަކު މަރުވެފައި ވެއެވެ. ނަމަވެސް ގަބޫލުކުރަންޖެހެނީ ނެރުތައް ބަންދުކުރުމަކުން އެކަނި ގެނބިގެން މަރުވާމީހުން މަދެއް ނުކުރެވިދާނެކަމެވެ. އެކަމަށް އާއްމުނަގް ހޭލުންތެރިކަން އިތުރު ކުރުމާއި، ސަލާމަތީ އާލާތްތައް އަތުޖެހޭ ހިސާބުގައި ހުރުމަކީ ވެސް މޫދުގައި ދިމާވާ މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް މުހިންމު ކަންކަމެވެ.

ފުވައްމުލަކުގައި ފައިސަލް ފައުންޑޭޝަނުން މި ޖެނުއަރީ މަހު ހަރުކުރި ލައިފްބޮއި ރިންގުތަކެއް. 10 ޖެނުއަރީ 2018

އެގޮތުން ނާއިބު ރައީސް ފައިސަލް ނަސީމުގެ ފައިސަލް ފައުންޑޭޝަނުން 2018 ވަނަ އަހަރު ޖެނުއަރީ 10ގައި ފުވައްމުލަކުގައި މީހުން މޫދަށް އެރޭ ސަރަހައްދު ތަކުގައި ސަލާމަތީގޮތުން ބޭނުންކުރާ ލައިފް ރިންގް ބޮއެ ތަކެއް ބަހައްޓާފައި ވެއެވެ. އެންމެ ފަހުން ހާދިސާ ހިނގި މާނޭރު ސަރަހައްދުގައި ވެސް ރިންގް ބެހެއްޓިއެވެ. ނަމަަވެސް މިހާރު އެރިންގް ކޮބާހެއްޔެވެ؟ ރިންގް އެތާނެތީ ހެއްޔެވެ؟ ނުވަތަ ރިންގު ހުރެ އެބޭނުންކުރަން ނުވިސްނުނީބާއެވެ؟

ސޯޝަލް މީޑިއާ ޚަބަރުތަކުން އެނގުނު ގޮތުގައި މާނޭރުގައި ބެހެއްޓި ލައިފް ރިންގް ބޮއި އެތާ ހުއްޓެވެ. ނަމަވެސް އެވަގުތު އެތާތިބި ޅަޒުވާން ކުދިންނަށް އެބޭނުންކުރަން ވިސްނުމަކަށް ނައައެވެ. ނޫނީ ހުރިކަން ނޭނގުނީއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !