ފުވައްމުލަކު ރައްޔިތުން ނަޖިސް ފެނުން ފެންވަރާ ވަހަކައަކީ އެންމެން ދަންނަށް ހަޤީގަތެކެވެ. މިކަމުން އަރާގަތުމަށްޓަކައި ފުވައްމުލަކުގައި ނަރުދަމާ ނިޒާމެއް ގާއިމްކޮއްދޭނެ ކަމަށް ސަރުކާރު ތަކުން ރައްޔިތުންނަށް ވައުދުވާތާ 12 ވަރަކަށް އަހަރު ވެއްޖެއެވެ.
30 އަހަރު ވަންދެން މިރާއްޖޭގެ ވެރިކަން ކުރި ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ފުވައްމުލަކުގައި، 2003 ވަނަ އަހަރު ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. އަދި ނަރުދަމާ ގާއިމް ކުރުމަށް އެ އަހަރު ވަނީ ސާރވޭ އެއްވެސް ކޮއްފައެވެ. ނަމަވެސް އަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ގޮސް އެމަނިކުފާނުގެ ވެރިކަމުގެ ފަހު އަހަރު ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ޓަކައި އެ މަޝްރޫއުގެ ޑިޓެއިލް ޑިޒައިން ހެދުމުގެ މަސައްކަތް ފިޔަވައި އިތުރު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.
ދެން އައީ ރާއިސް ނަޝީދުގެ ވެރިކަމެވެ.! ރައިސް ނަޝީދުގެ ވެރިކަމުގައި،2010 ވަނަ އަހަރު ނަރުދަމާ ގާއިމްކުރުމަށް އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމުގައިވާ ބައިވޯޓާ އާއި ހަވާލުކުރިއެވެ. އަދި އޭރު ވިދާޅުވެފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނަރުދަމާ ފުވައްމުލަކުގައި ޤާއިމްކުރެވޭ ވަރުވާނެކަމަށެވެ. ނަމަވެސް އެ ދެއްނެވި 2 އަހަރު ހަމަނުވަނީސް، އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރުގެ ދަރުގައި ބަކީ ދެ އަހަރު އޮއްވައި އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ކުރު މުއްދަތުގައި ވެސް ނަރުދަމާ ގާއިމް ކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައެއް ނުވެއެވެ.
ރައިސް ނަޝީދުގެ ވެރިކަމުގެ ދައުރުގެ، ބަކީ އޮތް 2 އަހަރުގައި, ރާއްޖޭގެ ވެރިކަން ކުރި ރައީސް ޑރ. ވަހީދު ވެސް ވަނީ ފުވައްމުލަކުގައި ނަރުދަމާ ނިޒާމް ގާއިމް ކޮއްދޭނެކަމަށް ވިދާޅުވެފައެވެ. 2013 ވަނަ އަހަރު އޮކްޓޯބރ މަހު ނަރުދަމާގެ އެގްރީމެންޓްގައި ސޮއިކުރެވޭ ވަރުވާނެކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވިދާޅުވިގޮތުގައި މިހާތަނަށް ރާއްޖޭގައި ގާއިމްކުރާ އެންމެ ބޮޑު ނަރުދާމާ ނިޒާމް އަޅަނީ ފުވައްމުލަކުގައި ކަމަށެވެ. ނަމަވެސް އެ ވިދާޅުވި “ބޮޑު” ނަރުދަމާގެ އެއްވެސް އަމަލީ މަސައްކަތެއް، ޑރ. ޥަހީދުގެ ވެރިކަމުގައި ވެސް ފެށިފައެއް ނުވެއެވެ.
މިއަދުގެ ރައިސް ޔާމީންގެ ސަރުކާރުންވެސް، ފުވައްމުލަކު ނަރުދަމާ ގާއިމްކުރުމަށްޓަކައި ރިޔަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏާކާއި ދަދީ ފަހުން ވަނީ ހަވާލުކޮއް، މި މަޝްރޫއު އިފްތިތާހް ވަނީ ކޮއްފައެވެ. މި ރަސްމިއްޔާތުގައި މި ސަރުކާރުގެ އެންވައިރްމެންޓް މިނިސްޓަރ ތޯރިޤް ވިދާޅުވެފައިވަނީ މި މަޝްރޫއުގެ ޑިޓެއިލް ޑިޒައިނިންގެ މަސައްކަތް ހަތަރު ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. މިނިސްޓަރ ތޯރިގް މިހެން ވިދާޅުވެފައި ވާއިރު ސަރުކާރު ހިންގާ, ޕީޕީއެމްގެ ރައީސް މައުމޫންގެ ވެރިކަމުގައި 2007 ވަނަ އަހަރުވެސް ނަރުދަމާގެ ޑިޓެއިލް ޑިޒައިނިންގެ މަސައްކަތް ވަނީ ކޮއްފައިކަން ފާހަގަކޮއްލެވެއެވެ.
މީގެ އިތުރުން މިނިސްޓަރ ތޯރިޤް ވިދާޅުވިގޮތުގައ ޑިޓެއިލް ޑިޒައިނިންގެ މަސައްކަތް ނިމުނުހާއި އަވަހަކަށް ނަރުދަމާގެ އަމަލީ މަސައްކަތް ފެށިި ،އަންނަށް އަހަރު ފަހުކޮޅުގައި ފުވައްމުލަކުގައި ނަރުދަމާ ނިޒާމް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.
އަޅުގަނޑުމެން ފުވައްމުލަކު ރައްިޔުތު، އެންމެންގެ ވެސް އުއްމީދަކީ ޑިޓެއިލް ޑިޒައިނިންގެ މަސައްކަތާއި ހަމައިން ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ނުހުއްޓި، ދާމާ ދާމާ ނުދެމިވާ ފުވައްމުލަކު ނަރުދަމާ މިފަހަރު ދަމާ ނިންމުމެވެ!
ޚިޔާލުތައް