ކޮންމެ އަހަރެއްގެ މިދުވަސްވަރަކީ ސައުތު އީސްޓް އޭޝީއާގެ އެތަށް މިލިޔަން މީހުންނަށް ދުމުގެ އުނދަގުލާއި ކުރިމަތި ލާންޖެހޭ ދުވަސްވަރެކެވެ. އިންޑޮނީޝިއާގެ ސުމަތުރާ ހިސާބުގަޑުގެ ދަނޑުވެރިން ދަނޑުހެއްދުމަށް ބިން ސާފުކުރުމުގެ ގޮތުން ޖަންގަލިތަކުގައި ރޯކުރާ ހުޅު ކޮންޓްރޯލުން ނެއްޓިގެން ދާތީއެވެ. ރަށްފުށުގެ މިހިސާބުތަކުގެ މީހުން ޖަންގަލިތައް އަންދަނީ ދަނޑުވެރިކަމުން ކާށިތެޔޮ އުފެއްދުމަށާއި ކަރުދާސް އުފެއްދުމަށެވެ.
އިންޑޮނޭޝިއާގެ ޖަންގަލިތަކުގެ އަނދާ އަލިފާނުގެ ދުމުގެ އަސަރު ކައިރީގައި އޮތް މެލޭޝިއާ އަދި ސިންގަޕުރަށް ވަރަށް ބޮޑަށް ކުރެއެވެ. އަދި މިކަމުގައި މިދެގައުމުގެ ޝަކުވާ ވަނީ ބޮޑުވެފައައެވެ.
ސިންގަޕޫރުގެ އިލްމީ މަޖައްލާއެއް ކަމަށްވާ “އިންޓެމެތް” ގެ ސެމްޕްޓެމްބަރ 30 ގެ އަދަދުގައި ބުނާ ގޮތުން އެގައުމުގެ ބައެއް ހިސާބުތަކުގައި “ޕޮލިއުޓެންޓް ސްޓޭންޑަރޑް އިންޑެކްސް” (ޕީއެސްއައި) 2000 އަށް ވުރެވެސް މައްޗަށް އަރައެވެ. ޕީއެސްއައިގެ ގޮތުގައި ހިމެނޭ އެއްވެސް ޕޮލިއުޓަންޓެއް (ކުނީގެ ބާވަތެއް)ނިސްބަތް 100 އަށް ވުރެ މަތިވެއްޖެ ނަމަ ބެލެވެނީ އެއީ ސިއްޙީ ގޮތުން ރައްކާތެރި ނޫން މިންވަރެއްކަ މަށެވެ. މިގޮތުން އުފެދޭ ކުނީގެ ކުދިކުދި، 2.5 މައިކްރޯން (މިމިމީޓަރެއްގެ 1000ބައިކުޅަ ބައި) ސައިޒުގެ އެތިކޮޅުތަކުގެ މިންވަރު (ކޮންސެންޓްރޭޝަން) 100 އަށް ވުރެ އިތުރުވުމުން ހަށިގަނޑުގެ ހަމުގެތެރެއަށް، ސެލްތަކުގެ އެތެރެއަށް ފޭދިގެންދެއެވެ. އަދި އެމާއްދާއެއްގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބެއެވެ.
އިންޑޮނޭޝިއާގެ ދަޑުވެރިންނަށް މިމަޖައްލާއިން ގޮވާލާފައި ވަނީ ތިމާވެއްޓައިމެދު އިތުރަށް ޒިންމާދާރު ވުމަށެވެ. ތިމާވެށިގެ ސަބަބުން ތިމާއަށާއި އެހެންމީހުން އަދި އަވަށްޓެރިންނަށް ގެއްލުން ނުވާނޭ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށެވެ.
“ދިރިހުރުމަށް ވުރެ ފައިސާގެ ބޭނުން ބޮޑުވެގެން” ކުރެވޭ މިފަދަ ކަންތައްތަކުގެ ސަބަބުން އިންޑޮނޭޝިއާގެ ސަރުކާރަށް ވެސް އަންނަނީ ގިނަބައެއްގެ ނުރުހުން އަމާޒުވަމުންނެވެ. މިއީ ސިނގަޕޫރުގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން ބޮޑު މައްސަލައެކެވެ.
ކުނިއެންދުމުގެ ސަބަބުން މުސްތަގުބަލުގައި ރާއްޖޭގެ ރަށްތަކުގެ މާހައުލުގައި ވެސް މިފަދަ ޕޮލިއުޓަންޓްގެ މިންވަރު އިތުރުވުމުގެ ބިރިވެރިކަން އެބައޮތެވެ.
ޚިޔާލުތައް