ދަތުން ކޮބަޑި ފިލުވައި ރީތިކުރުމަށް އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ދަތުގެ ޑޮކްޓަރުން ކައިރިއަށް ދެއެވެ. ނަމަވެސް ގިނަގިނައިން ދަތް ސާފުކުރަން ދިއުމަކީ ޚަރަދުގެ ގޮތުންނާއި ވަގުތުގެ ގޮތުން ގިނަބަޔަކަށް އެހާ ފަސޭހަކަމެއް ނޫނެވެ.
ކޮބަޑިއަކީ ދަތުގެ ބޭރުފުށުގައި ހަރުލާފައި ހުންނަ މުށި-ރީނދޫ ކުލައަކަށް ދާ ކެލްސިއަމްގެ މާއްދާއެކެވެ. ކޮބަޑީގެ މާއްދާ ދަތުގައި ޖަމާވުމުން ހިރުގަނޑު ދުޅަވުމާއި ހިރުގަނޑުގެ ބަލިތަކަށް މަގު ފަހިވެއެވެ. ކޮބަޑީގެ ސަބަބުން ހިރުގަނޑުގައި އުފެދޭ ބައްޔަށް ޑޮކްޓަރީ ގޮތުން ބޭނުންކުރާ ބަހަކީ “ޖިންޖިވައިޓިސް” އެވެ. ޖިންޖިވައިޓިސް ގެ އަލާމާތެއްގެ ގޮތުން ހިރުގަނޑު ދުޅަވުމާއި ހިރުގަނޑުން ލޭ އައުން، އަދި ހިރުވާގޮތް ވުން ހިމެނެއެވެ.
ދަތް ރަނގަޅަށް ބަލަހައްޓައިގެން ޖިންޖިވައިޓިސް ކޮންޓްރޯލް ކުރެވިދާނެވެ. ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ނުވަތަ އެކަށީގެންވާ ފަރުވާ ނުދެވިއްޖެ ނަމަ “ޕެރިއޮޑެންޓައިޓިސް” އަށް ބަދަލުވެގެން ދެއެވެ. ޕެރިއޮޑެންޓައިޓިސް ގެސަބަބުން ހިރުގަނޑުގެ ބާރު ދެރަވެ ހިރުގަނޑު ގިރެން ފަށައެވެ. އެއާއިއެކު ދަތްތައް ހަރުލުމުގެ ބާރު ދެރަވެ ބަލިކަށިވެގެން ދެއެވެ. އަދި ދަތް ހަރުނުލައި ވެއްޓެން ވެސް ދިމާވެއެވެ.
ދަތުގެ ބަލިތަކަށް އެންމެ މުހިންމީ ދަތްތައް ސާފުކޮށް ގެންގުޅުމެވެ. އެގޮތުން އެއްޗެއް ކައި ބޮއި ހަދާ ކޮންމެ ފަހަރަކު ދަތް އުނގުޅަން ޖެހެއެވެ. ނަމަވެސް އެއީ އެހާ ފަސޭހަ ކަމެއް ނޫނެވެ.
ގޭގައި ތައްޔާރު ކުރެވިދާނެ ފަރުވާ
ދަތުން ކޮބަޑި ފިލުވައި ރީތިކޮށް ބެހެއްޓުމަށް ގޭގައި އަމިއްލައަށް ތައްޔާރު ކުރެވިދާނެ ހައްލުތަކެއް ކަމުގެ މާހިރުން ވަނީ އާއްމުކޮށްފައެވެ. މި ލިޔުމާއެކު އެފަދަ ހައްލެއް ހިމަނާލާނަމެވެ. ނަމަވެސް މިއީ ބޮޑަށް ކުރިން ރައްކާތެރިކަން ހޯދުމުގެ ފަރުވާއެކެވެ.
އޮށްތަކުގެ ބޭރުގައި ހުންނަ ހަރުބައި (ނަޓްޝެލް) ކުޑަ ފެންފޮދެއްގައި ރަނގަޅަށް ކައްކާފައި، އެފެންނުން ދަތް އުނގުޅާ ބުރުސް ތެއްމާފައި ދަތް އުނގުޅާނީ އެވެ. ހަފުތާއެއް ނުވަތަ ދެހަފުތާ ވަންދެން ދުވާލަކު 3 ފަހަރު އުނގުޅުމުން ދަތުގައި ހަރުލާފައިވާ ކޮބަޑި ސާފުވެ ދަތް ރީތިވެގެން ދާނެއެވެ.
ސޯސް: ނޭޗަރ ހެލްތް އެންޑް ބިއުޓީ
ޚިޔާލުތައް