ލައުސާން، ސްވިޒަރލޭންޑް – 2018 ވަނަ އަހަރު އޮންނަ ދުނިޔޭގެ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގެ ކޮލިފައިން ބާއްވާ ޤައުމަކަށް ދިވެހިރާއްޖެ ކަނޑައަޅައިފިއެވެ. ކޮލިފައިންގެ މެޗުތައް އޮންނާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 27 އިން 29 އަށެވެ. ރާއްޖޭގައި ކުޅޭނީ، އޭޝިޔާ ސަރަޙައްދުގެ ސެންޓްރަލް ޒޯން ގެ މެޗުތަކެވެ.
ކޮލިފައިންގެ މެޗުތަކުގެ ހޯސްޓު ޤައުމަކަށް ރާއްޖެ ކަނޑައެޅުމުގެ އެކަމަށް ހަމަޖެހިފައި އޮތީ އިންޑިޔާއެވެ. އެހެންނަމަވެސް އިންޑިޔާގެ ވޮލީބޯލް ފެޑެރޭޝަންގެ އެތެރޭގެ މައްސަލަތަކާހުރެ، އޭވީސީން ވަނީ އިންޑިޔާ އަތުން ހޯސްޓްކަން ނަގައި ދިވެހިރާއްޖެ އަށް ދީފައެވެ.
މި މުބާރާތުގައި ޓީމުތަކުން ބައިވެރިވާކަން އޭވީސީ (އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން) އަށް އަންގަންޖެހޭ އެންމެ ފަހު ތާރީޚަކީ ޑިސެމްބަރު 31 އެވެ. މިހާތަނަށް 5 ޤައުމަކުން ވަނީ ކޮލިފައިންގައި ބައިވެރިވާނެ ކަމުގެ ޔަޤީންކަން ދީފައެވެ. އެއީ ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އިންޑިޔާ، ނޭޕާލް އަދި އުޒްބެކިސްތާނެވެ.
ކޮލިފައިންގައި ކުޅޭ ޓީމުތަކުގެ ތެރެއިން ދެވަނަ ބުރަށް ދެވޭނީ އެންމެ ޓީމަކަށެވެ. ކޮލިފައިންގެ ދެވަނަ ބުރުގެ މެޗުތައް ކުޅެން ހަމަޖެހިފައި އޮތީ 2017 ވަނަ އަހަރުގެ ފަހުގެ ތާރީޚެއްގައެވެ.
ވޮލީބޯޅައިގެ ވާލްޑްކަޕްގެ ކޮލިފައިންގެ މެޗުތައް ރާއްޖޭގައި ކުޅެން ހަމަޖެހިފައިވާއިރު، ފުވައްމުލަކު މިސްކިތްމަގު ޓީމުވަނީ ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމު ބަލިކޮށްފައެވެ. އެހެންކަމުން މިއީ ދުނިޔޭގެ ފެންވަރުގައި ފުވައްމުލަކު ކުޅުންތެރިން ވިދާލުމަށް އޮތް ފުރުޞަތެއްކަމަށް މިރަށު މީހުން ދެކެއެވެ.
+
+
ޚިޔާލުތައް