އާޖެންޓީނާއިން އައިސްލޭންޑާއި ދެކޮޅަށް ދެއްކި ކުޅުމަށް ވުރެ މޮޅު ކުޅުމެއް ދައްކަން ޖެހޭ ކަމަށް އާޖެންޓީނާގެ ކުރީގެ ކޯޗު އަދި ކެޕްޓަން ޑިއޭގޯ އާމަންޑޯ މަރަޑޯނާ ބުނެފިއެވެ. ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ގުރޫޕުގެ އެންމެ ބަލިކަށި ޓީމު ކަމުގައި ބެލެވުނު އައިސްލޭންޑް އާއި 1-1 ގެ ނަތީޖާ އަކުން އެއްވަރުވެގެން މެޗު ނިންމާލަން ޖެހުމުން ހިތްހަމަ ނުޖެހުމާއެކު މަރަޑޯނާ ވެނެޒުލާގެ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނެއެވެ.
މިގޮތަށް ކުޅެގެން އާޖެންޓީނާގެ ކޯޗު ޖޯރޖް ސަމްޕޯލި އަކަށް އަނބުރާ އާރޖެންޓީނާއަށް ނާދެވޭނެ ކަމަށް ވެސް، ރަޝިއާގެސްޕާޓެކް ސްޓޭޑިއަމްގައި މެޗު ބެލުމަށް ފަހު ކުރީގެ ގައުމީ ޓީމުގެ ކޯޗު މަރަޑޯނާ ބުންޏެވެ.
ސާރޖިއޯ އަގުއޭރޯގެ މޮޅު ގޯލަކުން އާޖެންޓީނާ މެޗުގެ ލީޑް 19 ވަނަ މިނިޓްގައި ނެގި ނަމަވެސް އެއިގެ 4 މިނިޓް ފަހުން އަލަށް ވޯލްޑް ކަޕް ކުޅޭ އައިސްލޭންޑްގެ އަލްފްރެޑް ފިންބޮގަސަން ގޯލެއްޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ.
“މެޗަށް ނިކުތް އިރު އައިސްލޭންޑްގެ ކުޅުންތެރިންނަނީ 1.9 މީޓަރު ދިގު(އާޖެންޓީނާ ކުޅުންތެރިންނަށް ވުރެ މާބޮޑުތަން ދިގު) ކުޅުންތެރިންކަން އެނގި މެޗަށް ތައްޔާރު ނުވެވުނީތީ ލަދުގަންނަން ޖެހޭ” ކަމަށް މަރަޑޯނާ އާޖެންޓީނާގެ ކޯޗަށް ފާޑު ކިޔަމުން ބުނެޏެވެ.
“މެޗުން ބަލި ވުމުގައި އަހަރެން ކުޅުންތެރިން ކުށްވެރިއެއް ނުކުރަން. އެކަމަކު މަސައްކަތުގެ ރޭޓް އިތުރު ކުރަން ޖެހޭ” ކަމަށް އާޖެންޓީނާ 2010ގެ ސައުތު އެފްރިކާގައި އޮތް ވޯލްޑް ކަޕް ކުއާރޓަރ ފައިނަލަށް ގެންގޮސްދިން ކޯޗު މަރަޑޯނާ ބުނެއެވެ.
“ޚާއްސަކޮށް މެސީ ކުށްވެރިއެއް ނުކުރަން. އޭނާ ވަރަށް މޮޅަށް ކުޅުނު. މެޗުން މޮޅުވާން މެސީ އޭނާއަށް ކުރެވެން އޮތް ހުރިހާ ކަމައެއްކުރި. އަހަރެން ގަބޫލެއް ނުކުރަން އެމެޗުން 2 ޕޮއިންޓް ގެއްލުނީ މެސީ ޖެހި ޕެނަލްޓީ މިސްވެގެން ނޭ” 57 އަހަރުގެ މަރަޑޯނާ ބުންޏެވެ.
“ގައުމީ ޓީމުގައި އަހަރެން އަތުން 5 ޕެނަލްޓީ މިސްވި، އަކަމަކު ވެސް އަހަރެން މީ “ޑިއޭގޯ މަރަޑޮނާ” (ފުޓު ބޯޅައިގެ ދުނިޔޭގައި އެންމެ މޮޅު މީހާ)” މަރަޑޯނާ ބުންޏެވެ.
އާޖެންޓީނާގެ 2 ވަނަ މެޗު ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅޭނީ 21 ޖޫންގައި ސެންޓް ޕީޓަރސްބާރގް ގައެވެ.



ޚިޔާލުތައް