މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ޏ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ)ގެ ދަރިވަރުން ކާމިޔާބީތަކެއް ހޯދައިފިއެވެ.
މާލޭގައި މިހާރު ކުރިއަށްދާ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އޭއީސީ އިން ބައިވެރި ބައެއް އިވެންޓްތަކުން ރަން މެޑަލް ހޯދާފައިވެއެވެ. އެގޮތުން 17 އަހަރުން ދަށުގެ ފިރިހެންކުދިންގެ 100 މީޓަރ ދުވުމުން އެއްވަނަ އިބްރާހިމް އަޝްފާން އަލީ އަދި ތިންވަނަ ނިފާހް އަލީ ހޯދާފައިވެއެވެ. މިއުމުރު ފުރައިގެ 200 މީޓަރ ދުވުމުގައިވެސް އެއްވަނަ އިބްރާހިމް އަޝްފާން އަލީ އަދި ތިންވަނަ ނިފާހް އަލީ ހޯދާފައިވެއެވެ. 17 އަހަރުން ދަށުގެ އަންހެން ކުދިންގެ 100 އަދި 200 މީޓަރ ގެ ދެވަނަ ޚަދީޖާ އަހްމަދު ހޯދާފައިވެއެވެ. 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 200 މީޓަރ ދުވުމުން ޝަޒީން ޖިހާދު ދެ ވަނަ ހޯދާފައިވެއެވެ.
100 އަދި 200 މީޓަރ ދުވުމުން އެއްވަނަ ހޯދި އަޝްފާން ވަނީ މިމަހު ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ތަމްސީލްކޮށްފައެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ވިދާޅުވީ މުބާރާތުގައި ވާދަކުރަނީ މާލެއިން 11 ސްކޫލާއި، ރާއްޖޭގެ އަތޮޅު ތަކުން 9 ސްކޫލެވެ. މުބާރާތުގައި ވާދަކުރާ މާލޭގެ ސްކޫލްތަކަކީ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް، ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް، މަޖީދިއްޔާ ސްކޫލް، ހިރިޔާ ސްކޫލް، ތާޖުއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް އަދި ކަލާފާން ސްކޫލެވެ. އަތޮޅު ތަކުން ވާދަކުރަނީ ޖަލާލުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، މޭނާ ސްކޫލް، ދ. އަތޮޅު މަދަރުސާ، އަދ. އަތޮޅު ތަޢުލީމީ މަރުކަޒު، ގދ، އަތޮޅު ތަޢުލީމީ މަރުކަޒު، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ދާންދޫ ސްކޫލް އަދި ހިތަދޫ ސްކޫލެވެ.
މުބާރާތް ބާއްވާ ކެޓަގަރީތަކަކީ 11 އަހަރުން ދަށް އަންހެން ފިރިހެން، 13އަހަރުންދަށް އަންހެން ފިރިހެން، 15އަހަރުން ދަށް އަންހެން ފިރިހެން، 17އަހަރުންދަށް އަންހެން ފިރިހެން، 19އަހަރުން ދަށް އަންހެން އަދި ފިރިހެން ކެޓަގަރީއެވެ.
މުބާރާތުގެ އިވެންޓްތައް ކުރިޔަށް ދާނީ މިމަހުގެ 13، 14، 15 އަދި 16ވަނަ ދުވަހު ހެނދުނު 7.30ން 10.30އަށް މެންދުރު ފަހު 16.00ން 18.00އަށެވެ.
ޚިޔާލުތައް