A wide advertisement which will be shown on all devices. (700 x 100)

ޏ.އޭއީސީ އަށް ލިބުނީ 4 ރަން މެޑަލް، 6 ރިހި މެޑެލް އަދި 2 ލޯ މެޑެލް

18 ވަނަ އިންޓަރ ސްކޫލް މައިލޯ އެތްލެޓިކްސް މުބާރާތުގެ ފަހު ދުވަހުގެ އިވެންޓްތަކުގައި ޏ. އޭއީސީގެ ބައިވެރިން ދުވަން ތައްޔާރުވަނީ. ފޮޓޯ ޝިހާބު

އަށާރަ ވަނަ މައިލޯ އިންޓަރސްކޫލް އެތްލެޓިކްސް މުބާރާތް މާލޭ ޓްރެކް ދަނޑުގައި ނިމިގެން ދިޔައިރު ޏ. އޭ. އީ. ސީ އަށް ލިބިފައި ވަނީ 4 ރަން މެޑަލް، 6 ރިހި މެޑެލް އަދި 2 ލޯ މެޑެލް ކަން މުބާރާތުގެ ރަސްމީ ލިޔުންތަކުން ހާމަވެއެވެ. އަދި މިމުބާރާތުގެ 17 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތްލީޓްގެ މަގާމަށް ހޮވިފައި ވަނީ ޏ. އޭއީސީގެ އިބްރާހިމް އަޝްފާން އަލީ (482) އެވެ.

މި އޮގަސްޓް މަހު 13 ން 16ށް ކުރިޔަށް ގެންދެވުނު މިމުބާރާތުގައި ފުވައްމުލަކުން ބައިވެރި ވެފައިވަނީ ހަމައެކަނި ޏ.އަތޮޅު ތައުލީމާި މަރުކަޒެވެ. އެމަރުކަޒުގެ 6 އެތްލީޓަކު މުބާރާތުގެ އެކި އިވެންޓްތަކުގައި ވާދަކޮށްފައި ވެއެވެ. ޏ.އޭއީސީން މިފަހަރުގެ މުބާރާތުގައި ބައިވެރިވެ ކާމިޔަބު ހޯދާފައިވާ އިވެންޓް ތަކަކީ 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 100 މީޓަރ ދުވުމުން ރަން މެޑެލް އަދި ލޯމެޑެލް، 200 މީޓަރު ރަން މެޑެލް އަދި ލޯމެޑެލް، 400 މީޓަރު ދުވުމުން ރިހި މެޑެލް އެވެ. މީގެ އިތުރުން ފިލްޑް އިވެންޓެއް ކަމަށްވާ ލޯންގް ޖަމްޕް (ދިގު ފުންމުމު)ން ރިހިމެޑެލް ހާސިލްކޮށްފައި ވެއެވެ. ރިލޭތަކުން 100މީޓަރު އަދި 200 މީޓަރު ރިލޭ އިން ވެސް ރަން މެޑެލް ހޯދާފައި ވެއެވެ. ރިލޭ އިވެންޓްގައި ބައިވެރިވާ 4 ދަރިވަރުން ކުރެ ކޮންމެ ދަރިވަރަކަށް ވެސް މެޑެލެއް ދެވުނު ކަމުގައި ވިޔަސް މުބާރާތުގައި ގުނާނީ ރިލޭގެ ކޮންމެ ވަނައަކީ ވެސް އެއް މެޑެލް ގެ ގޮތުގައެވެ. ނަމަވެސް ޕޮއިްނޓް ދޭ ގޮތް ތަފާތެވެ. އިންޑިވިޑުއަލް އިވެންޓްތަކުން 1 ވަނައަށް 5 ޕޮއިންޓް، ދެވަނައަށް 3 ޕޮއިންޓް އަދި 3 ވަނައަށް 1 ޕޮއިންޓެވެ. ރިލޭގެ ވަނަތަކަށް ޕޮއިންޓް ދެވެނީ 1 ވަނަ (ރަންމެޑެލް) އަށް 10 ޕޮއިންޓް، 2 ވަނަ (ރިހިމެޑެލް) އަށް 6 ޕޮއިންޓް އަދި 3 ވަނަ ( ލޯމެެޑެލް) އަށް 2 ޕޮއިންޓެވެ.

ސަތާރަ އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ކާމިޔާބު ލިބިފައި ވަނީ 100 މީޓަރ. 200 މީޓަރު، 400 މީޓަރު ހުރިހާ ދުވުމަކުން ވެސް ރިހި މެޑެލް އެވެ. މިބައިގައި ޏ. އޭއީސީން ބައިވެރިވެފައި ވަނީ އެންމެ ދަރިވަރަކަށް ވުމާއެކު ރިލޭތަކުގައި ބައިވެރިވެފައެއް ނުވެއެވެ.

ޏ އޭއީސީ ން މިފަހަރު ދެން ބައިވެރިވެފައި ވަނީ 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގައެވެ. އެބައިގެ 400 މީޓަރު ދުވުމުން ވަނީ ރިހިމެޑެލް ހޯދާފައެވެ.

މުބާރާތުގެ 17 އަހރުން ދަށުގެ ބައިން އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ހޮވުނު އިބްރާހިމް އަޝްފާން އަލީ (482) ވަނީ އޭނާ ބައިވެރިވި އިވެންޓްތަކުން 4 ރަންމެޑެލާއި 1 ރިހިމެޑެލް ހޯދާފައެވެ.

މުބާރާތުގައި 17 އަހަރުން ދަށުގެ ބައިގެ ފިރިހެން އަދި އަންހެން ވެސް އެންމެ މޮޅު ސްކޫލަކީ ޖަލާލުއްދީންއެވެ. އެސްކޫލުން ވަނީ ފިރިހެން ކުދިންގެ ބައިން 44 ޕޮއިންޓް އަދި އަންހެން ކުދިންގެ ބައިން 52 ޕޮއިްނޓް ހޯދާފައެވެ. ޏ.އޭއީސީ އަށް ފިރިހެން ކުދިންގެ ބައިން ލިބިފައި ވަނީ 38 ޕޮއިންޓާއެކު ދެވަނައެވެ. އަދި މިއުމުރުގެ އަންހެން ކުދިންގެ ބައިން ދެވަނަ ތާޖުއްދީން ސްކޫލް 16 ޕޮއިންޓާއެކު ހޯދިއިރު ޏ.އޭއީސީއަށް 3 ވަނަ ލިބެނީ 9 ޕޮއިންޓާއެކު އެވެ. މިއީ އެންމެ އަންހެން ދުވުންތެރިއަކު ބައިވެރިވެގެން ހާސިލުކުރެވުނު ވަނައެކެވެ.

މިމުބާރާތުގެ އެތްލީޓުންގެ ފަރާތުން ޏ.އޭއީސީ ފުރިހަމައަށް ތަމްސީލުކުރެވިފައި ނުވާކަމަށް މުބާރާތް ބަލަން ދިޔަ ފުވައްމުލަކުގެ ރައްޔިތަކު މިކަލް ނޫހަށް މައުލޫމާތު ދިނެވެ. އެހެނީ ސްކޫލުގެ ދިދައެއް އެއްވެސް މެޑެލް ދިނުމުގެ ރަސްމިއްޔާތަކުން ފެނިފައި ނުވުމާއި ގިނަ ވަގުތު އެތްލީޓްން ލައިގެން ތިބޭ ސޫޓްތަކުން ޏ.އޭއީސީ ސިފަކޮށްދެވިފައި ނުވާތީ ކަމަށް އެފަރާތުން ބުންޏެވެ. ދުވާ ބެނިއަމްގެ އިތުރުން ވޯމަޕް ޖާޒީއެއްގެ ގޮތުގައި ރަށްކުލަ ގިނައިން ފެނިފައި ވީނަމަވެސް އެއީ ޏ.އޭއީސީކަން އެގެން ނެތުމާއި، އެޖާޒީތަކުގައި ވެސް އެކިވައްތަރުގެ އެކި ޑިޒައިންތަކުގެ ޖާޒީ ހުރުމުން އެއީ ޓީމެއްގެ ގޮތުގައި ސަޕޯޓަރުންނަށް ފެނިފައި ނުވާކަމަށް އެފަރާތުން ބުންޏެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !