ފްރީގައިޒް ވޮލީ ބޯލް ޓޯނަމެންޓްގައި އިއްޔެ ހަވީރު ކުޅުނު މެޗްގައި ޗެމްޕިއަން މިސްކިތްމަގު ބަލިކޮށް ފިސްޑާގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ. އަދި ރޭ ކުޅުނު މެޗްގައި ފުނާޑު ހަނި ގޮތަކަށް މާލެގަން އަތްދަށުން ސަލާމަތްވެއްޖެއެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ މުބާރާތުގެ އިއްޔެ ހަވީރު ބައްދަލުކުރީ މިސްކިތްމަގު އެންމެންގެ ގުޅުމާއި މާދަޑު ފިސްޑާ އެވެ. މިމެޗްގެ ފުރަތަމަ ދެ ސެޓް ގެންދިޔައީ މާދަޑު އިންނެވެ. ނަމަވެސް ތިންވަނަ ސެޓް މިސްކިތްމަގު ކާމިޔާބުކުރިއެވެ. ވަރަށް ވާދަވެރި ކުޅުމަކަށްފަހު ހަތަރު ވަނަ ސެޓް މާދަޑު ގެންގޮސް އެންމެފަހުން ބޭއްވި ދެކުނު ދާއިރާގެ ޗެމްޕިއަން މިސްކިތް މަގު އެންމެންގެ ގުޅުން ފުރަތަމަ ފަހަރަށް މެޗަކުން ބަލިކޮށްލިއެވެ. މިމެޗްގެ ކްއީން އޮފް ދަ މެޗަކީ މާދަޑު ފިސްޑާގެ ލަންކާ ކުޅުންތެރިޔާ ވަސޫ އެވެ.
މުބާރާތުގެ ރޭ ބައްދަލުކުރީ މާލެގަން ޔެސް އާއި އެކުވެރި ފުނާޑު އެވެ. މިމެޗް 2-3 އިން ކާމިޔާބުކުރީ ފުނާޑުއެވެ. މިމެޗްގެ ފުރަތަމަ ދެ ސެޓް ގެންދިޔައީ ފުނާޑު އިން ނެވެ. ނަމަވެސް ވަރަށް ހަމަހަމަ ކުޅުމެއްފެނިގެންދިޔަ ތިންވަނަ ސެޓާއި ހަތަރު ވަނަ ސެޓް މާލެގަން ކާމިޔާބުކުރިއެވެ. ފަސްވަނަ ސެޓް ކާމިޔާބުކޮށް ހަނި ގޮތަކަށް މާލެގަން އަތްދަށުން ފުނާޑަށް ސަލާމަތްވީ ހަމަކިރިޔާއެވެ. މިމެޗް ފުނާޑަށް ކާމިޔާބު ނުކުރެވުނު ނަމަ މުބާރާތުން ކަޓައިގެން ދާނެއެވެ. އެއީ ފުރަތަމަ މެޗްގައި މިސްކިތްމަގު އަތުން ބަލިވެފައިވާތީއެވެ. ރޭ މާލެގަން ބަލިވުމާއި އެކު އެޓީމްވަނީ މުބާރާތުން ކަޓައިގެން ދިޔުމުގެ ބިރާއި ކުރިމަތިވެފައެވެ. މިމެޗްގެ ކްއީން އޮފް ދަ މެޗަކީ ފުނާޑު އެކުވެރިން ޓީމްގެ ލަންކާ ކުޅުންތެރިޔާ ތިލިނީއެވެ.
މިމުބާރާތުގައި މިއަދުވެސް ދެ މެޗް ކުޅޭނެއެވެ. މިއަދު ބައްދަލުކުރާނީ މާދަޑު ފިސްޑާ އާއި ހޯދަޑު ސްޕައިކަރސް އެވެ. މިމެޗް ފެއްޓުމަށް ހަމަޖެހިފައިވަނީ 4:00 ގައެވެ. ރޭގަނޑުގެ މެޗް 8:30 ގައި ބައްދަލުކުރާނީ މާލެގަން ޔެސް އާއި ދަޑިމަގު ރިނިންއެވެ. ހޯދަޑުއާއި މާލެގަން ވަނީ ކުޅުނު ފުރަތަމަ މެޗް އިން ބަލިވެފައެވެ. މާދަޑު އަދި ދަޑިމަގުވަނީ ކުޅުނު ފުރަތަމަ މެޗް އިން މޮޅުވެފައެވެ. މިއީ ގުރޫޕް ސްޓޭޖްގައި ކުޅޭ ފަހު މެޗްތަކެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާ ހުށަހަޅާފައިވެއެވެ. އަދި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ފްރީގައިޒް ހޯލްޑިންގ އިންނެވެ.
ޚިޔާލުތައް