ފްރީގައިޒް ވޮލީ ބޯލް ޓޯނަމެންޓްގައި ރޭ ކުޅުނު ފިރިހެން ޑިވިޒަންގެ މެޗް ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށް ގުރޫޕް 2ގެ އެއްވަނަ ޓީމްގެ ގޮތުގައި ދިގުވާނޑު އަފުން ޓީމް ސެމީ ފައިނަލަށް ހިނގައްޖެއެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ މުބާރާތުގެ ރޭ ބައްދަލުކުރި މެޗްގައި ދިގުވާނޑު އަފުން ޓީމް މޮޅުވެފައިވަނީ ދަޑިމަގު ހުދުކެޑެ އާއި ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމޮޅާއި އެކު އެގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީގައި ދެން ބައްދަލުކުރަންޖެހެނީ ގުރޫޕް1ގެ އެއްވަނަ ޓީމް ދަޑިމަގު އެކުވެރިންނާއި އެވެ. ރޭގެ މެޗްގެ މޮޅު ކުޅުންތެރިޔަކީ ދިގުވާނޑު އަފުން ޓީމްގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
މުބާރާތުގެ މިއަދު ހަވީރު ކުޅޭނީ ފިރިހެން ޑިވިޒަންގެ ސެމީފައިނަލް ފުރަތަމަ މެޗެވެ. މިމެޗްގައި ބައްދަލުކުރާނީ ގުރޫޕް1ގެ އެއްވަނަ ޓީމް ދަޑިމަގު އެކުވެރިންނާއި ގުރޫޕް 2ގެ އެއްވަނަ ޓީމްގެ ގޮތުގައި ދިގުވާނޑު އަފުންޓީމެވެ. މިމެޗުން މޮޅުންވާ ޓީމެއް ފައިނަލަށް ހޮވޭނެއެވެ. މިރޭ ބައްދަލުކުރާނީ ސެމީފައިނަލް ދެވަނަ މެޗްގައި ގުރޫޕް 1ގެ ދެވަނަ ޓީމްގެ ގޮތުގައި މާދަޑު ފިސްޑާ އާއި ގުރޫޕް 2ގެ ދެވަނަ ޓީމްގެ ގޮތުގައި ދަޑިމަގު ހުދުކެޑެ އެވެ. މިމެޗް އިން މޮޅުވާ ޓީމެއް ބައްދަލުކުރަންޖެހޭނީ ފުރަތަމަ ސެމީއިން ބަލިވާ ބަލިވާޓީމަކާއެވެ.
މިއީ ފުވައްމުލަކުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މުބާރާތެވެ. އެގޮތުން މިމުބާރާތަށްޓަކައި ރާއްޖޭން ބޭރުގެ ކުޅުންތެރިންނާއި ރާއްޖޭގެ ގައުމީ ޓީމްގެ ކުޅުންތެރިންވެސް ޓީމްތަކަށް ކުޅޭނެއެވެ. މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ފްރީގައިޒް ހޯލްޑިންގ އެވެ.
ޚިޔާލުތައް