ފުވައްމުލަކު ޒުވާނުންތަކެއް އިސްނަގައިގެން “އަފުން މުބާރާތް 2015” ގެ ނަމުގައި މުބާރާތެއް ފައްޓައިފިއެވެ.
މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ބުނިގޮތުގައި ޗެމްޕިއަން ޓީމަށް އަގުބޮޑު އިނާމްތަކާއި ފައިސާ ހުށަހެޅިފައިވާ މިމުބާރާތުގައި ހަތަރު ޓީމް ވާދަކުރާކަމަށެވެ. މިމުބާރާތަކީ ފުޓްސަލް ގަވާއިދަށް ކުޅޭ މުބާރާތެއް ނަމަވެސް ފުޓްސަލްގެ ގޯލްގެ ބަދަލުގައި ބޭނުންކުރާނީ އެއަށްވުރެ ކުޑަ ގޯލް ކަމަށެވެ.
ބުރާސްފަތި ދުވަހު ފެށި މިމުބާރާތުގައި މިހާތަނަށް ހަތަރު މެޗް ކުޅެފައިވެއެވެ. ލީގް އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލްގައި ކުޅޭ ގޮތަށް ރާވައިފައިވާ މުބާރާތުގައި ކޮންމެ ދުވަހަކުވެސް ދެމެޗް ކުޅޭނެއެވެ. މެޗްތައް ކުޅެނީ ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ދަނޑުގައެވެ.
މުބާރާތް އިންތިޒާމްކުރާ ކޮމެޓީގެ އޮފިޝަލަކު ބުނިގޮތުގައި މިއީ ވަކި އަވަށަކަށް ނިސްބަތްވާ ގޮތައް ޓީމްތައް ބައިވެރިވެފައިވާ މުބާރާތެއް ނޫން ކަމަށާއި މުބާރާތުގައި ޓީމްތަކަށް ކުޅޭނީ މުޅި ފުވައްމުލަކުން ހޮވާލެވޭ ކުޅުންތެރިންތަކެއް ކަމަށެވެ. އަދި ޗެމްޕިއަން ޓީމަށް 30000 ރުފިޔާއަށްވުރެ ކުޑަ ނޫން އަދަދެއްގެ ފައިސާގެ އިނާމް ހުށަހެޅިފައިވާ ކަމަށެވެ. އަދި ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔަކަށް އަގުހުރި އިނާމް ހުށަހެޅިފައިވާ ކަމަށެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ “އަފަގެ ޕްރޯ” އެވެ. މީޑިއާ ޕާޓްނަރަކީ “މިކަލް ނޫސް” އެވެ.
ޚިޔާލުތައް