ފުވައްމުލަކު ސިޓީގެ ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓާ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗުން މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) މޮޅުވެ ޓޭބަލްގެ ޖެހިލައިފިއެވެ. މުހައްމަދު ޖަމާލުއްދީން ސްކޫލް އިއްޔެ މޮޅުވެފައިވަނީ ފުވައްމުލަކު ސްކޫލާއި ވާދަކޮށް 3-0 ލަޑުންނެވެ. މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދައިފައިވަނީ މުހައްމަދު ޖަމާލުއްދީން ސްކޫލްގެ ޖާޒީ ނަމްބަރު 10 މުހައްމަދު އާރިޒު އަބްދުލް ބާރީ އެވެ.
ކޮންމެ ޓީމެއްވެސް ދެމެޗު ކުޅެފައިވާ އިރު އެމްޖޭއެސް އަށް ލިބިފައިވަނީ ކުޅުނު ދެމެޗުން 3 ޕޮއިންޓާއި ފައިދާ 1 ގޯލެވެ. އަދި ޏ.އޭއީސީ އަށްވެސް ކުޅުނު ދެމެޗުން ލިބެނީ 3 ޕޮއިންޓާއި ފައިދާ އެއްގޯލެވެ. ނަމަވެސް، އެމްޖޭއެސް ޖުމްލަ 4 ލަޑު ޖަހާފައިވާތީ ޖެހި ލަޑުގެ ތަފާތުން 2 ވަނަ ލިބެއެވެ. ކޮންމެ ޓީމަކަށްވެސް ބާކީ އެއްމެޗު އޮތްއިރު ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ހުރިހާ ޓީމަށްވެސް އެބައޮތެވެ.
މިމުބާރާތުގެ ފަސްވަނަ މެޗުގައި މިއަދު ހަވީރު މުހައްމަދު ޖަމާލުއްދީން ސްކޫލް ނިކުންނާނީ ހާފިޒު އަހުމަދު ސުކޫލާއި ދެކޮޅަށެވެ. މިއަދު ގެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު އޮންނާނެތީވެ މިއަދުގެ މެޗަކީ ކޮންމެ ޓީމަކަށްވެސް ފައިނަލެއްފަދަ މެޗެކެވެ. މިމެޗު ފެށެނީ މިއަދު ހަވީރު 4.30 ގައެވެ.
މިމުބާރާތަކީ ފުވައްމުލަކު ސިޓީ ކައުންސިލާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާޓް ކުރިއަށް ދާނީ މިމަހު 26 ގެ ނިޔަލަށެވެ.
ޚިޔާލުތައް