A wide advertisement which will be shown on all devices. (700 x 100)

ޔޫރަޕިއަންސް ޗެމްޕިއަންސް ލީގުގެ ފައިނަލް މިރޭ

ފޮޓޯ: ގެޓީ އިމޭޖްސް

ޔޫރަޕްގެ ކްލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމަށް ވާ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލް މިރޭ އިޓަލީގެ މިލާނުގައި ކުޅުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. މުބާރާތުގެ ފައިނަލްގައި ވާދަކުރާ ސްޕެއިނުގެ މެޑްރިޑުގެ ދެޓީމު ކަމަށްވާ ރިއާލް މެޑްރިޑް ފުޓްބޯޅަ ކުލްބާއި އެތުލެޓިކޯ މެޑްރިޑް ފުޓްބޯޅަ ކުލަބުން އެންމެ ފަހުގެ ތައްޔާރީ ތަކާއެކު މިހާރު ވަނީ އިޓަލީގައެވެ.

ޔޫރަޕުގެ ފުޓްބޯޅަ ސީޒޒަން ނިންމާ މިމެޗަކީ ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ މެޗެކެވެ. ފާއިތުވި 3 ސީޒަނުގެ ތެރެއިން 2 ސީޒަނުގައި މިދެޓީމު ފައިނަލުގައި ވާދަކުރަން ޖެހިފައި ވުމަކީ މިރޭގެ މެޗުގެ ފޯރި ގަދަވާ އެއްސަބަބު ކަމަށް މީޑީއާ ރިޕޯރޓްތައް ބުނެއެވެ.

މެޑްރިޑްގެ ވާދަވެރި މިދެޓީމުގެ ފައިނަލް މެޗު ފަށާނީ މާލެ ގަޑިން މިރޭ 11:45 ގައި މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައެވެ. ހޯމް އެންޑު އަވޭ އުސޫލުން ކުޅޭ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލް ގައި އެއްމެޗު ކުޅޭތީ އަބަދުވެސް ފައިނަލް ކުޅޭނީ ނިއުޓްރަލް ދަނޑެއްގައެވެ.

މީގެ ދެއަހަރު ކުރިން، 2014ގައި ޕޯޗްގަލްގެ ލިޒްބަންގައި މިދެޓީމު ބައްދަލުކުރި ފައިނަލް މެޗު ފުރިހަމަ ވަގުތު 0-0ން ދެޓީމު އެއްވަރު ވުމުން ކުޅުނު އިތުރު ވަގުތުގައި އެތުލެޓިކޯ މެޑްރިޑުން ފުރަތަމަ ލެނޑެއްޖަހައި ލީޑު ނެގިކަމުގައި ވިޔަސް މެޗު ނިމުނީ ރިއާލް މެޑްރިޑް ފަހަތުން އަރައި 4-1ން މޮޅުވެގެންނެވެ.

މިމުބާރާތުގެ ފައިނަލްގައި އެއް ގައުމެއްގެ ދެޓީމު ބައްދަލުކުރާ މިއީ 6 ވަނަ ފަހަރެވެ. އެއިގެ ތެރެއިން ދެފަހަރު ރިއާލް މެޑްރިޑުން ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ 2000 ވަނަ އަހަރު ސްޕޭންގެ ވެލެންސިއާ އަތުން 3-0 ން އަދި 2004 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވެގެންނެވެ.

މިމުބާރާތުގައި އެންމެ މަތިވެރި ޝަރަފެއް އޮތް ރިއާލް މެޑްރިޑުން މިމުބާރާތުގެ ފައިނަލް ކުޅެ މިއީ 14 ވަނަ ފަހަރެވެ. އެއިގެ ތެރެއިން 10 ފަހަރު އެޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހާސިލުކޮށްފައެވެ.

އެތުލެޓިކޯ އަށް 2014ގެ އިތުރުން މިމުބާރާތުގެ ފައިނަލަށް ދެވިފައި ވަނީ ވަރަށް ކުރިން 1974/1973 ގެ ސީޒަނުގައެވެ. އެފަހަރު ޖަރުމަނުގެ ބެޔާން މިޔުނިކާއެކު ކުޅުނު މެޗުގައިވެސް ފުރަތަމަ ލަނޑެއްޖަހައި ކުރި ހޯދި ނަމަވެސް މެޗް ނިމުމުގެ ކުރިން ބެޔާނުން އެއްވަރު ކުރިއެވެ. އަދި އެއިގެ ދެ ދުވަސް ފަހުން ކުޅުނު ދެވަނަ ފައިނަލް މެޗް ފަސޭހަކަމާއެކު ބެޔާނުން ކާމިޔާބުކުރީ 4-0 ނެވެ.

މިރޭގެ ފައިނަލް މެޗް އެތުލެޓިކޯއިން ކާމިޔާބުކޮށްފިނަމަ އެޓީމު ވާނީ 2012ގައި ޗެލްސީ އިން ކާމިޔާބުކުރި ގޮތަށް މިމުބާރާތް މުޅިން އަލަށް ކާމިޔާބުކުރާ ޓީމަކަށެވެ. އަދި މިމުބާރާތް ކާމިޔާބުކުރި ޓީމުތަކުގެ އަދަދު 23 އަށް އަރާނެއެވެ.

ރިއާލް މެޑްރިޑުން ޔޫރަޕްގެ މުބާރާތްތަކުގެ ފައިނަލް ކުޅޭ މިއީ 27 ވަނަ ފަހަރެވެ. އެޓީމު ފައިނަލް ކުޅުނު މުބާރާތްތަކަކީ ޔޫރަޕއިން ކަޕް ގައި 13 ފަހަރު، 2 ފަހަރު ޔޫއެފާ ކަޕް ވިނަސް (1985، 1986)، ޔޫރަޕިއަން ކަޕް ވިނަސް ކަޕް 2 ފަހަރު (1972، 1983)، ޔޫއެފާ ސުޕަރކަޕް 4 ފައިނަލް 2 ތަށި، ޔޫރަޕް ސައުތު އެމެރިކާ ކަޕް ފައިނަލްގައި 5 ފަހަރު ކުޅޭ 3 ފަހަރު ތަށި ހޯދާފައި ވެއެވެ.

އެތުލެޓިކޯ އިން ވަނީ ޔޫއެފާ ޔޫރޮޕާ ލީގާއި ޔޫއެފާ ސުޕަރ ކަޕް މިދެމުބާރާތް ވެސް 2010، އަދި 2012ގައި ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޔޫރަޕިއަން ކަޕް ވިނަސް ކަޕްގެ ފައިނަލްގައި 3 ފަހަރު ކުޅެ 1 ފަހަރު ތަށި ހޯދާފައ ވެއެވެ.

މިރޭގެ މެޗުން ރިއާލް މޮޅު ވެއްޖެނަމަ މިމުބާރާތް، ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ކާމިޔާބުކުރާ 7 ވަނަ މީހާއަށް ރިއާލްގެ ކޯޗް ޒިދާން ވެގެން ދާނެއެވެ. އަދި މިރޭގެ މެޗުގައި ރޮނަލްޑޯއަށް ގޯލެއް ޖެހިއްޖެ ނަމަ އޭނާ ވެގެންދާނީ މިމުބާރާތުގެ 3 ފައިނަލް ގައި ގޯލުޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މިހާރު އޭނާ ވަނީ 2 ފައިނަލްގައި (2008ގައި މެންޗެސްޓަރ ޔުނަިއޓެޑް ގައި، އަދި 2014ގައި ރިއާލްގައި) ގޯލު ޖަހާފައެވެ. މިއީ ރައުލް ގޮންޒާލެޒް (ރިއާލަގެ ކުރީގެ ފޯވަޑެއް) އާއި ސެމިއުލް އެޓޫ ހަމަކޮށްފައިވާ ރެކޯޑެވެ.

މިސިޒަނުގައި ޔޫރަޕްގެ މުބާރާތްތަކުގައި ރޮނަލްޑޯ ވަނީ 16 ގޯލު ޖަހާފައެވެ. މިއީ އޭނާ 2015/2014 ގެ ސީޒަނުގައި 17 ގޯލު ޖަހައިގެން ހެދި އޭނާގެ އަމިއްލަ ރެކޯޑަށް ވުރެ އެއްގޯލް މަދު އަދަދެކެވެ. މިރެކޯޑު އާކުރުމުގެ ފުރުސަތު ވެސް މިރޭގެ މެޗުގައި އެބައޮތެވެ.

އާޖެންޓީނާގެ ކުރީެގ ކުޅުންތެރިޔާ، ސިމިއޮނީ އެތުލެޓިކޯއަށް ކޯޗުކޮށް ދޭއިރު ފްރާސްގެ ކުރީގެ ކުޅުންތެރިޔާ އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޒައިނުއްދީން ޒިދާން ރިއާލް އަށް ކޯޗުކޮށްދޭ މިއީ ފުރަތަމަ ސީޒަނެވެ. މިދެކޯޗުން ވެސް ކުރިން އިޓާލިއަން ލީގުގައި އިދިކޮޅަށް ކުޅެފައިވެއެވެ.

ކުޅުންތެރިއެގެ ގޮތުގައި އަދި މިހާތަނަށް ބޮޑަށް ކާމިޔާބީ ޒިދާން އެވެ. ނަމަވެސް ކޯޗެއްގެ ގޮތުގައި ސިމިއޯނީ މާކާމިޔާބެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !