ޔޫރޯ 2016ގެ ދެވަނަ ދުވަހުގެ ކުޅުން ނިމުނުއިރު ގްރޫޕް އޭ އިން ފްރާންސާއި ސްވިޒަރލޭންޑް މޮޅުވެ އަދި ގްރޫޕް ބީން ވޭލްސް މޮޅުވިއިރު އިނގިރޭސިންނަށް ފުރަތަމަ މެޗު ނިންމާލަން ޖެހުނީ އެއްވަރު ވެގެންނެވެ. ގުރޫޕް އޭގެ ދެވަނަ މެޗުގައި މިއަދު ހަވީރު 6 ޖެހިއިރު ސްވިޒަރލޭންޑާއި އަލްބޭނީއާ ބައްދަލުކުރި މެޗު ނިމުނީ ކުރިން ހީކުރިހާ ފަސޭހަ ގޮތަކަށް ނޫނެވެ. އަލަށް ބައިނަލް އަގުވާމީ ފުޓުބޯޅަ މުބާރާތެއްގައި ވާދަކުރި އަލްބޭނިއާ ކޮޅަށް ސްވިސް ކުޅުންތެރިން ނަށް ޖެހުނީ އެންމެ ގޯލެކެވެ. މިގޯލް ކާމިޔާބުކޮށް ދިނީ ފަބިއަން ޝާ (ޖ.22)އެވެ.
ގްރޫޕް އޭގެ ދެވަނަ މެޗުގެ ބޮޑުބައި އަލްބޭނިއާ ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކުއެވެ. މެޗުގައި އެމީހުން ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދި ނަމަވެސް މެޗު ނިންމާލަން ޖެހުނީ ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ފުރަތަމަ ހާފުގައި ޓީމުގެ ކެޕްޓަން ލޯރީ ކެނާ (ޖ.5)އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލިކަމުގައި ވިޔަސް ޓީމުގެ ކުޅުން ދަށްވިތަނެ ނުފެނުނެވެ. މުޅި މެޗުގައި ވެސް ދެޓީމުގެ ކީޕަރުންގެ ފުރިހަމަ ސޭވް ތަކެއް ފެނިގެން ގޮސްފައި ވެއެވެ.
ގްރޫޕްބީ: ވޭލްސް ސްލޮވާކިއާ އާއި ވޭލްސް
ގްރޫޕްބީ ގެ ފުރަތަމަ މެޗުގައި ވޭލްސް އިން ވަނީ 2-1ން ސްލޮވާކިއާގެ މައްޗަށް ކުރި ހޯދާފައެވެ. ރިއަލް މެޑްރިޑަށް ކުޅޭ ބޭލް (ޖ.11) ގެ ހިލޭ ޖެހުމަކުން މެޗުގެ ކުރީ ކޮޅު ގޯލެއް ޖަހައި ލީޑު ނެގިއެވެ. ނަމަވެސް މުޅި މެޗުގައި މޮޅަށް ކުޅުނު ސްލޮވާކިއާ އިން ވަނީ ދެވަނަ ހާފުގައި ގޯލެއް ކާމިޔާބު ކުރިއެވެ. ބަދަލު ކުޅުންތެރިޔާ އަންޑްރޭ ޑޫޑާ (ޖ.88) ކާމިޔާބުކޮށްދިން ގޯލަކުން ނަތީޖާ އެއްވަރު ކުރިއެވެ. ނަމަވެސް މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ދަނޑަށް އެރި ވޭލްސްގެ ބަދަލު ކުޅުންތެރިޔާ ރޮބްސަން ކާނޫ (ޖ.9) ގޯލެއް ޖަހައި މެޗުގެ ނަތީޖާ ވޭލްސް ކޮޅަށް ބަދަލުކޮށްލިއެވެ. އެއިގެ ފަހުން މެޗު ނިމެންދެން ސްލޮވޭނިއާގެ ނުރައްކާތެރި ހަމަލަތަކެއް ވޭލްސްގެ ގޯލަށް އަދި ގޯލު ދަނޑިއަށް އަމާޒު ވިނަމަވެސް މެޗު ނިމުނީ 2-1ން ވޭލްސް މޮޅު ވެގެންނެވެ.
މިއަދުގެ ބޮޑު މެޗު: ރަޝިއާ އިނގިރޭސިވިލާތް
ގްރޫޕް ބީގެ ދެވަނަ މެޗު އަދި މިއަދު ކުޅުވުނު އެންމެ ފޯރިގަދ މެޗު ގައި ރަޝިއާ އާއި ދެކޮޅަށް އިނގިރޭސިން ކުޅެ މެޗު ނިންމާލަން ޖެހުނީ ދެ ޓީމު 1-1ން އެއްވަރު ވެގެން ނެވެ.
ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވުނު ކަމުގައި ވިޔަސް އިނގިރޭސި ޓީމުގެ ހަމަލާތަށް ރަޝިއާގެ ގޯލަށް އަމާޒުވިލެއް ގިނައެވެ. ހެރީ ކޭން (ޖ.9) އަދި ޑެލީ އަލީ (ޖ.20) އަދި ޑެނީ ރޯސް ގެ ހަމަލާ ފާހަނގަ ވިއެވެ.
ދެވަނަ ހާފުގައި ރަޝިއާގެ ޑީއޭރިއާ ތެރެއިން، އެރިކް ޑަޔަރ (ޖ.17) ފޮނުވާލި ހިލޭޖެމެއް ރަޝިއާގެ ގޯލުގެ ކާނާތްފަރާތުގެ މަތީކަނަށް ވަދެގެން އިނގިނރޭސިން މެޗުގައި ލީޑު ނެގިއެވެ. މެޗުގެ އިތުރު ވަގުތުގައި ގޯލު ހުރަސް ވެގެން އައި ބޯޅަ ރަޝިއާގެ ކުޅުންތެރިޔާ ގްލުޝަކޯވް (ޖ.8) ބޮލުން ގޯލަށް ވައްދާލައިގެން އެމީހުންގެ ގޯލު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 1-1 ށް ބަދަލުކުރިއެވެ. މިއީ އިނގިރޭސި ކޯޗު ހޮޖުސަން އަށް އެހާ ފަސޭހަ ނަތީޖާއަކަށް ނުވާނެއެވެ. ނަމވެސް މުޅި މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ އިނގިރޭސި ޓީމުންނެވެ.
މެޗު ނިމުނު ވަގުތު ރަޝިއާ އަދި އިނގިރޭސި ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއް ހިނގިއެވެ. ރަޝިއާގެ ސަޕޯޓަރުންތަކެއް އިނގިރޭސި ސަޕޯޓަރުނާއި ދިމާކުރުމަށް ސެކިއުރިޓީ ފަޅާލާފައި އެމީހުންގެ ތެރެއަށް ވަދެގަތެވެ. އެވަގުތު އިނގިރޭސި ބައެއް ސަޕޯޓަރުން ތިބިތަނުން، ބައިތައް ވަކިކުރަން ހުރި ފުޅައް (ފެންސް) މަތިން އަރައިގެން ދިޔަ ތަން ފެނުނެވެ.
ޚިޔާލުތައް