ކޮޕާ އެމެރިކާ 2016 ސެންޓެނާރިއޯ ފުޓުބޯޅަ މުބާރާތުގައި ވަރުގަދަ ބްރެޒިލް ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔައީ އަތުން ޖެހި ގޯލަކުން ކަމަށް ޓީވީ ރިޕްލޭތަކުން ސާފުވެއެވެ. މިއަދު ހެނދުނު ޕެރޫއާއި ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ހަމައެކަނި ގޯލު ޕެރޫގެ ފޯވަޑް ރައުލް ރުޑިއެޒް ގޯލަށް ވައްދާލާފައި ވަނީ އަތުން ޖަހައިގެން ކަމަށް ބުނެ ބްރެޒިލް ކުޅުންތެރިން މައްސަލަ ޖެއްސިއެވެ. ފައިނަލް ޑިޒިޝަނެއް ނަގަން ރެފުރީންނަށް ވަގުތުތަކެއް ހޭދަކުރަން ޖެހުނެވެ. ގޯލަކަށް ނިންމުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިން ރެފުރީން ވަށާލާފައި ޕްރެޝަރު ކުރަމުން ދިޔައެވެ. ނަމަވެސް
ފުޓުބޯޅަގައި ވީޑިއޯ ރިޕްލޭ ބަލާގޮތަށް ގަވާއިދެ ހަދާފައި ނެތުމުން
ރެފުރީން އަމިއްލައަށް ނިންމީ އެއީ ރަނގަޅު ގޯލެއް ކަމަށެވެ.
1993 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކުޅެވުނު ކޮންމެ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތެއްގެ ކުއާރޓަރ ފައިނަލެއްގައި ވެސް ކުޅެފައިވާ ބްރެޒިލަށް މެޗުން އެއްވަރުކޮށްގެން ވެސް ދެވަނަ ބުރެއް ދެވެން އޮތެވެ. އަދި ރޭފަތިހު ކުޅެވުނު މިގުރޫޕުގެ އިކުއެޑޯ އާއި ހެއިޓީ ބައްދަލުކުރި މެޗު ނިމުނު ގޮތުން ފަސޭހަކަމާއެކު ފަސް ވޯލްޑްކަޕުގެ ޗެމްޕއިން – ބްރެޒިލަށް ކުއާރޓަރ ފައިނަލަށް ދެވޭނެ ކަމަށް ބެލެވުނެވެ. މިއީ ފާއިތުވި 31 އަހަރުތެރޭ ޕެރޫއަށް ބްރެޒިލްގެ މައްޗަށް ކުރިހޯދުނު ފުރަތަމަ ފަހަރެވެ.
މިފަހަކަށް އައިސް
ބޮޑެތި މުބާރާތްތަކުގައި
ބްރެޒިލަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހޭކަން ފާހަނގަ ކުރެވެއެވެ. އެގޮތުން މިމުބާރާތުގެ ގްރޫޕް ސެޓޭޖުން ކެޓުމާއި، މިދިޔަ އަހަރު ބޭއްވުނު ކޮޕާ އެމެރިކާ 2015 މުބާރާތުގެ ކުއާރޓަރ ފައިނަލުން ބަލިވުމާއި އެއިގެ ކުރީ އަހަރު ވޯލްޑް ކަޕް 2014 ގެ ސެމީ ފައިނަލުން ކަޓައިގެން ދިއުމަކީ ބްރެޒިލްގެ ފުޓުބޯޅައަށް ލިބުނު ބޮޑު ނާކާމިޔާބީތަކެކެވެ.
މުޅިންހެން ބްރެޒިލްގެ ރީނދޫ ކުލައިން އޮތް ޖިލެޓް ސްޓޭޑިއަމްގައި ފުރަތަމަ ހާފު ޕެރޫއަށް ބްރެޒިލްގެ ގޯލަށް ރަނގަޅު ހަމަލާއެ ނުދެވުނުއިރު، ބްރެޒިލްގެ ފިލިޕޭ ލުއިސް އާއި ގަލޭސް އަދި ގެބްރިއަލްގެ ހަމަލާތައް ޕެރޫގެ ގޯލަށް ނުރައްކާ ވިއެވެ. ދެވަނަ ހާފުގައި ޕިލިފޭ ކޮންޓީނިއޯގެ ހަމަލާ ޕެރޫގެ ދިފާއީ ކުޅުންތެރިޔަކު މަތަކުރިއިރު އެލިއަސްގެ ހަމަލާ ކީޕަރު ގަލޭސް (ޖ.1) ދިފާއުކުރިއެވެ.
މިމެޗުގައި ބްރެޒުލުން މޮޅަށް ކުޅެ އިދިކޮޅު ގޯލަށް ނުރައްކާތެރި އެތައްކެއްހަމަލާއެއް ދިނެވެ. އެއިގެ ގިނަ ހަމަލާތަކެއް ހުއްޓުވައި މެޗުގެ މޮޅު ކުޅުންތރިެޔާގެ މަގާމު ހޯދީ ޕެރޫގެ ގޯލް ކީޕަރު، ޕެޑްރޯ ގަލޭސް އެވެ. އޭނާ ހުއްޓުވި ބްރެޒިލްގެ ކޮންމެ ހަމަލާއަކާއެކު ޕެރޫގެ ޓީމު-ރޫޙު ދިޔައީ ވަރުގަދަ ވަމުންނެވެ.
މިމުބާރަތުގައި މިހާތަނަށް އެންމެ ގިނަ ގޯލުޖަހާފައި ވަނީ އާޖެންޓިނާއާއި ބްރެޒިލުންނެވެ. ކޮންމެ ޓީމަކުން 7 ގޯލު ޖަހާފައިވާއިރު ބްރެޒިލް، އިކުއެޑޯ މެޗް 0-0 ން އެއްވަރުވެ އަދި ޕެރޫ މެޗު 1-0 ން ބަލިވެގެންނެވެ. މުބާރާތުގައި ބްރެޒިލަށް އަދި އާޖެންޓީނާއަށް ވެސް ގިނަ ގޯލްތަކެއް ޖެހިފައި މިވަނީ ހަމައެކަނި އެންމެ ބަލި ޓީމުގެ ގޮތުގައި ފެނުނު ހެއިޓީއާއި ދެކޮޅަށެވެ.
މިބައްޔާއެކު ބްރެޒިލްގެ ކޯޗު ޑުންގާގެ މުސްތަގުބަލާއި މެދު ސުވާލުތަކެއް އުފެދޭނެކަމަށް ބެލެވެއެވެ. ނަމަވެސް ހެންޑް ބޯލްގެ ބަހަނާ މިފަހަރު ދެއްކިދާނެއެވެ.
ރޭ ފަތިހު މެޓްލައިފް ސްޓޭޑިއަމްގައި ކުޅެވުނު މިގްރުޕުގެ އަނެއް މެޗު ފަސޭހަކަމާއެކު ހެއިޓީގެ މައްޗަށް 4-0 ގެ މޮޅަކުން ގުރޫޕްގެ ދެވަނަ ހޯދީ އިކުއެޑޯއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އިކުއެޑޯގެ އެނަރ ވެލެންސިއާއެވެ. މިއާއެކު އިކުއެޑޯއަށް ގުރޫޕްގެ ދެވަނަ ލިބެނީ 5 ޕޮއިންޓާއި ފައިދާ 4 ގޯލުންނެވެ. ޕެރޫއަށް އެއްވަނަ ލިބެނީ 7 ޕޮއިންޓާއި ފައިދާ 2 ގޯލުންނެވެ. ބްރެޒިލަށް 4 ޕޮއިންޓާއި ފައިދާ 5 ގޯލު ލިބިފައި ވެއެވެ.
ކުއާރޓަރ ފައިނަލުގައި އެމެރިކާ ބައްދަލުކުރާނީ އިކުއެޑޯ އާއެވެ. އަދި ޕެރޫ ބައްދަލުކުރާނީ ކޮލަމްބިއާ އާއެވެ.
ޚިޔާލުތައް