މިއަދު ހެނދުނު ކުޅެވުނު ކޮޕާ އެމެރިކާ 2016 ސެންޓެނާރިއޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް އެއް ގުރޫޕެއްގައި ހިމެނުނު އާޖެންޓީނާ އާއި ޗިލީ ދަތުރުކޮށްފިއެވެ. އާޖެންޓީނާއިން ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާރޓަރ ފައިނަލުގައި ވެނެޒުއެލާ 4-1 ން ބަލިކޮށްގެންނެވެ. ޗިލީން ވަނީ މެކްސިކޯ 7-0 ން ބަލިކޮށް ސެމީ-ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ.
އާޖެންޓީނާ 4 -1 ވެނެޒުއެލާ
ބޮސްޓަންގެ ޖިލެޓް ސްޓޭޑިއަމްގައި ކުޅެވުނު މެޗު ފެށިގެންނާއެކު މެސީގެ ހަމަލަތަކުން ވެނެއެލާގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. މިމެޗުގެ ފުރަތަމަ ދެގޯލު ވެސް އާޖެންޓީނާއަށް ކާމިޔާބުކޮށް ދިނީ ފޯވަޑް ގޮންޒާލޯ ހިގުއިން (ޖ.9) އެވެ. އާޖެންޓީނާ ކޯޗުގެ ފުރަތަމަ ޗޮއިސް ކަމުގަިއ ވާ ހިގުއިންއަށް މިމުބާރާތުގައި ގޯލެއް ކާމިޔާބުކުރެވުނު މިއީ ފުރަތަމަ މެޗެވެ.
އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގައި ނުކުޅެ އަދި ދެވަނަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ މެސީ ވަނީ ކުރިން ހެޓްރިކެއް ހަދާފައެވެ. މިއަދުގެ މެޗުގައި މެސީ ވަނީ އެއް ގޯލެއް ކާމިޔާބުކޮށްދީ 2 ގޯލު ޖެހުމަށް އެހީތެރިވެފައެވެ. އެއާއިއެކު މުބާރާތުގެ އެންމެ ގިނަ ގޯލު ޖަގައިގެން (4 ގޯލު) ރަން ބޫޓަށް އޭނާ ވާދަކުރެއެވެ. މެސީގެ މިގޯލާއެކު އެނާ ގައުމީ ޓީމަށް ކާމިޔާބުކޮށް ދިން ގޯލުގެ އަދަދު 54 ށް އެރީ އެވެ. މިއީ އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ ކުރީގެ ފޯވަޑް ގަބްރިއެލް ބަޓިސް ޓޫޓާ އާއި އެއްވަރުގެ އަދަދެކެވެ.
މިމުބާރާތުގެ އެންމެ ހައިރާން ކުރުވަނިވި ޓީމަކަށްވި ވެނެޒުއެލާއިން ވެސް އާޖެންޓީނާގެ ގޯލަށް ހަމަލާތައް ދެމުން ދިޔައެވެ. އާޖެންޓިނާގެ ކީޕަރު ސާޖިއޯ ރޮމޭރޯ ހުޝިޔާރުކަމާއެކު އެހަމަލާތައް ދިފާޢު ކުރަމުން ދިޔައެވެ. އަދި ފުރަތަމަ ފާހުގެ ފަހު މިނިޓުގައި ވެނެޒުއެލާއަށް ލިބުނު ޕެނަލްޓީއެއް ވެސް ރޮމޭރޯ ވަނީ މަތަކޮށްފައެވެ.
ފަހު ހާފުގައި މެސީގެ ގޯލަށް ފަހު ވެނެޒުއެލާގެ ސެލޮމަން ރޮންޑަން (ޖ.9) ވަނީ ގޯލެއް ކާމިޔާބުކޮށްދީފައެވެ. ރޮންޑޮންގެ ހަމަލާތަކެއް މުޅިމެޗުގައި ވެސް ފެނިގެންދިޔައެވެ. ބަދަލު ކުޅުންތެރިޔާ އެރިކް ލަމެއްލާ (ޖ.18) އާޖެންޓީނާގެ ފަހު ގޯލު ކާމިޔާބުކޮށްދިން އިރު މެޗުގައި ސަޖިއޫ އަގުއެރޯ (ޖ.11) ވެސް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ.
ޗިލީއަށް ގޯލް ގޯންޏެއް! 7-0
ކުއާރޓާރ ފައިނަލުގެ ފަހުމެޗުގައި މިއަދު ހެނދުނު ވަރުގަދަ މެކްސިކޯގެ މައްޗަށް ޗިލީ އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މިމުބާރާތުގައި އަދި އެއްމެޗެއްގައި އެންމެ ގިނަ ގޯލުޖެހި، މިމެޗުގައި ޗިލީއިން ވަނީ މެކްސިކޯ ކޮޅަށް 7 ގޯލު ޖަހާފައެވެ. ޗިލީގެ އެޑުއާޑޯ ވާގާސް (ޖ.11) ވަނީ މެޗުގައި 4 ގޯލުޖަހާފައެވެ. މިއާއެކު އެންމެ ގިނަ ގޯލުޖަހައިގެން ރަންބޫޓަށް ވާދަކުރާ ރޭހުގެ ކުރިއަށް އެނާ އެރީ 6 ގޯލާއެކުއެވެ. ދެވަނާގައި 4 ގޯލާއެކު މެސީއެވެ. މިމެޗުގައި އެލެކްސް ސަންޗޭޒް (ޖ.7) ގެ ގޯލަކާއި އެޑިސްން ޕުޗް (ޖ.22)ގެ ދެގޯލު ފެނިގެން ދިޔައެވެ.
އެންމެ ދަށްވެގެން މުބާރާތުގެ 4 ވަނަ ހާސިލުކުރަން އައި މެކްސިކޯ ޓީމަށް ބޮޑު ލަދަކާއެކު މުބާރާތް ނިންމާލަން ޖެހުނީ ކުޅިބަލަން ވަދެތިބި މެކްސިކޯގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައެވެ. އަދި އެޓީމުން ބަލިނުވެ ދަމަހައްޓަމުން އައި 22 މެޗު ކުޅުމުގެ ރެކޯޑު ވެސް ނިމުމަކަށް އައީއެވެ.
މިމުބާރާތް ކުޅެވޭ 2 ވަނައަށް އެންމެ ބޮޑު ސްޓޭޑިއަމް، ނިއުޔޯކުގެ “މެޓްލައިފް” ގައި 70500 ބެލުންތެރިންގެ ތެރެއިންގެ ހާޒިރުގައި މެކްސިކޯގެ މި ބޮޑު ނާކާމިޔާބީ އަކީ މިފަހަކުން ދުވަހަކު ވެސް އެޓީމަށް ކުރިމަތިނުވާހާ ބޮޑު ނާކާމިޔާބީއެކެވެ.
މިމުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މާދަމާ ނޫން އަނެއް ދުވަހު (21 ޖޫން) އާޖެންޓީނާ ބައްދަލުކުރާނީ މުބާރާތް ބޭއްވޭ އެމެރިކާއާ އެވެ. ދެވަަނަ މެޗުގައި 22 ޖޫންގައި އެންމެ ފަހުގެ ޗެމްޕިއަން ޗިލީ ބައްދަލުކުރާނީ ކޮލަމްބިއާ ދެކޮޅަށެވެ.
ޚިޔާލުތައް