ފުވައްމުލައް ފުޓްބޯޅަ ސްޓޭޑިއަމްގައި މިހާރު ކުރިޔަށް ދާ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަރ ހައުސް ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް މުޡައްފަރު ހައުސް އާއި އަމީނު ހައުސް ދަތުރުކޮށްފިއެވެ. މި ދެޓީމުން ވެސް ވަނީ މުބާރާތުގައި އެންމެ ފަހުން ކުޅުނު މެޗުން މޮޅުވެފައެވެ.
މުބާރާތުގައި 6 ވަނަ މެޗުގައި ބައްދަލުކުރީ އަމީން (ބްލޫ) ހައުސް އާއި ޝަނިވިރަޒާ (ޔެލޯ) ހައުސް އެވެ. މިމެޗް 2-1 ން ކާމިޔާބުކޮށް އަމީނު ހައުސް ވަނީ ފައިނަލުގެ ޖާގަ ޔަގީން ކޮށްފައެވެ.
މުބާރާތުގެ 6 ވަނަ މެޗުގައި މުޡައްފަރު (ރެޑް) ހައުސް އާއި އިމާދު (ގްރީން) ހައުސް ބައްދަލުކުރި މެޗު ތަފާތު ބޮޑުކޮށް، 5-0 ން މޮޅުވެ މުބާރާތުގައި އެޓީމުން ކުޅުނު ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް ދެމެހެއްޓިއެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ މުޡައްފަރު (ރެޑް) ހައުސް އާއި އަމީން (ބްލޫ) ހައުސް އެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައި މާދަމ،ާ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖުން ޓީމުތަކަށް ޕޮއިންޓް ލިބިފައި ވަނީ:
މުޡައްފަރު (ރެޑް) ހައުސް 9 ޕޮއިންޓް 10+ ގޯލު (3-0، 3-1 ،5-0)
އަމީން (ބްލޫ) ހައުސް 6 ޕޮއިންޓް 1+ ގޯލު (2-0، 1-3، 2-1)
ޝަނިވިރާޒާ (ޔެލޯ) ހައުސް 1 ޕޮއިންޓް 4- ގޯލު
އިމާދު (ގްރީން) ހައުސް 1 ޕޮއިންޓް 7- ގޯލު
ޏ.އަތޮޅު ތައުލީމީ މަރުކަޒުން ބޭއްވި އިންޓަރ ހައުސް ފުރަތަމަ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ވެސް ބައްދަލުކޮށްފައި ވަނީ މުޡައްފަރު (ރެޑް) ހައުސް އާއި އަމީން (ބްލޫ) ހައުސް އެވެ. 1980ގެ 3 ކުރީ ކޮޅު ދަޑިމަގު ފުޓްބޯޅަ ދަނޑުގައި ވަރަށް ފޯރިއާއެކު ކުރިޔަށް ގެނެދެވުނު އެމުބާރާތުގެ ޗެމްޕިއަން ޓީމަކީ އަމީން ހައުސް އެވެ. އެޓީމުގެ ކެޕްޓަނަކީ އައްސަދު (މަމީ) އެވެ. މުޡައްފަރު (ރެޑް) ހައުސް އޭރުގެ ކެޕްޓަނަކީ މިހާރު އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދެވެ.
ޚިޔާލުތައް