“ބަސްދަސް” ނަމުގައި ކުޑަކުދިންނަށް ޚާއްޞަ ހޮލިޑޭ ކޭމްޕެއް މިއަދު ހަވީރު ފުވައްމުލަކުގައި އެބަ ފެށެއެވެ.
މި ކޭމްޕް ހިންގަވާ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި 5 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ހޮލިޑޭ ކޭމްޕްގެ މައިގަނޑު މަޤްޞަދަކީ ކުދީންގެ ހިތްތަކުގައި ބަހަށާއި ޤައުމަށް ލޯބި ޖައްސައި ޤައުމީ ލޯބި އިތުރު ކުރުމެވެ.
“ވަރަށް ގިނަ ބެލެނިވެރީންގެ ޝަކުވާއެއް އެއީ ތިމަންނާމެންގެ ކުދިން ދިވެއްސަށް ވަރަށް ކޮށިވާނޭ، ދިވެހި ފޮތެއް ނުކިޔައޭ، ދިވެހި ކިޔަވާކަށް ނޫޅެޔޭ. ކިޔަނީ މުޅީންވެސް އިނގިރޭސި ފޮތްފޮތޭ. މި ކޭމްޕްގައި ބައިވެރި ކުރުވާން ގުޅި ގިނަ ބެލެނިވެރިންގެވެސް ވާހަކައަކީ އެއީ. އެހެންވީމާ އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ މި ކޭމްޕްގެ ތެރެއިން ކުދިންނަކީ ދިވެހި ކިޔަވާ ހިތް ވާނޭ، ދިވެހި ޤައުމު ދެކެ ލޯބިވާނޭ ދިވެހި ޤައުމިއްޔަތު ހުރި ކުދިންނަށް ހެދުން.” ބަސްދަސް ކޭމްޕް ރާވައި ހިންގުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ޝީން މިސް ވިދާޅުވިއެވެ.
“ބަހަށް ލޯބި ޖެއްސިގެން ނޫނީ ކުދިން ބަސް ކިޔަވާ ހިތެއް ނުވާނެ.” އޭނާ އިތުރަށް ވިދާޅުވިއެވެ.
އެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި މި ހޮލިޑޭ ކޭމްޕް ފަރުމާ ކުރެވިފައިވަނީ ކުޑަކުދިން ގަޔާވާނޭ ޙަރަކާތްތަކާއި ކުޅިވަރުތަކާއި މަސައްކަތްތައް ހިމަނައިގެންނެވެ.
ބަސްދަސް ހޮލިޑޭ ކޭމްޕްތަކުގެ އިސް ލެކްޗަރަރއަކީ އަދި އިސް މުދައްރިބަކީ ފަތުޙުﷲ ޞާލިޙެވެ. އޭނާއަކީ ބައެއް ދިވެހި ކިލާސްތަކާއި ޤައުމިއްޔަތު ސެޝަންތަކާއި ދިވެހި ބަހުގެ އެކެޑަމީން ހިންގަވާ ބައެއް އަދަބީ ކޯސްތަކުގައި ކިޔަވައިދެއްވާ ދާރިސްއެކެވެ. ދިވެހި ބަސް ކޮމިޓީގެ މެންބަރެކެވެ.
ފަތުޙުﷲ އާއެކު މުދައްރިބުންގެ ޓީމެއް މި ކޭމްޕްގައި ޙަރަކާތްތެރި ވާނެއެވެ.
މި ކޭމްޕްތަކުގައި ކިޔަވައިދިނުން ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވަނީ ފުވައްމުލަކުގެ ހިތްގައިމު މާޙައުލުތަކުގައެވެ.
އެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި “ބަސްދަސް”އަކީ ސިލްސިލާކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވާ ޕްރޮގްރާމެކެވެ.
މިއަދު ފެށެނީ ބަސްދަސް 1 އެވެ. 1ވަނަ ކޭމްޕްގައި ބައިވެރި ކުރެވެނީ 6 އަހަރާއި 7 އަހަރާއި 8 އަހަރުގެ ކުދީންނެވެ. ފީއަކީ 400 ރުފިޔާއެވެ. ބަސްދަސް 1ގައި ކުދީން ބައިވެރި ކުރުމުގެ ސުންގަޑިއަކީ މިއަދު (22 ޑިސެންބަރު)ގެ 14:00 އެވެ.
ބަސްދަސް 2 ފެށުމަށް ހަމަޖެހިފައި ވަނީ މި ޑިސެންބަރު މަހު 27ވަނަ ދުވަހުއެވެ. 2 ގައި ބައިވެރި ކުރެވެނީ 9 އަހަރާއި 10 އަހަރާއި 11 އަހަރުގެ ކުދިންނެވެ. 2ގެ ފީއަކީ 600 ރުފިޔާއެވެ.
ކޭމްޕްތަކުގައި ކުދީން ބައިވެރި ކުރުމަށް ގުޅާންޖެހޭ ނަންބަރަކީ 9863939 އެވެ.
ޚިޔާލުތައް
ތި ކޭންޕުގައި ކިޔަވައިދެނީ ކޯއްޗެއް. އެއް ދުވަހުން ދިވެހިބަސް ދަސްވޭތަ
ކޮންމެ ވެސ ްގޮތަކުން ފައިސާކޮޅެއް ހޯދައިލަން ބަޔަކު ކުރާ ކަމެއް. އެއްކަމެއް ވެސް ތިޔަކަލަ ކޭންޕުތަކުން ނުވާނެ.
ބެލެނިވެރިން ސަމާލުވޭ.