ފެށުން
20 ވަނަ ގަރުނު ފެށުނުއިރު 6 ގަރުނަށްވުރެ ގިނަ ދުވަސްވީ އުސްމާނީ ޚިލާފަށްވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އޭރު ދުނިޔޭގެ އެންމެބާރުގަދަ ވެރިކަމެއްގެ ގޮތުގައި ފާހަގަވެފައިވަނީ އިގިރޭސި އިސްތިއުމާރީ ބާރެވެ. އިގިރޭސިން ނެގުމަށްފަހު ދެވަނަ ބާރެއްގެ ގޮތުގައި ޖަރުމަނު ގުނާލެވުނު ނަމަވެސް އިގިރޭސިންގެ ވެރިކަމާއި ގާތްވެސް ނުކުރެއެވެ. ތިންވަނަ ބާރެއްގެ ގޮތުގައި ރަޝިއާ ފާހަގަކުރެވޭއިރު ފަރަންސޭސިންގެ ފަހަތުން އޮސްޓްރިއާ ހަންގޭރީގެ ރަސްކަންވެސް ބާރެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އުސްމާނީ ޚިލާފަތް ބަލިކަށިވެފައި އޮތްނަމަވެސް އުސްމާނީ ޚިލާފަތަކީވެސް ހުޅަނގުގެ ބާރުތަކުން ޖެހިލުންވާ ބާރެކެވެ. ބާރު ބެހިފައިވާގޮތުން، ޖަރުމަނާއި އޮސްޓްރިއާ ހަންގޭރީ ރަސްކަމާއި އޮތީ ގާތްގުޅުމެކެވެ.
މުސްލިމު އުއްމަތް މަޣުރިބު (މޮރޮކޯ) އިން ފެށިގެން ސީނުކަރައާއި ހަމައަށް ފޯރާފައި އޮތް ނަމަވެސް ދެވަނަ ބޮޑު ހަގުރާމަ ފެށުނުއިރު އުސްމާނީން ބާރުގެ ދަށުގައި އޮތީ ތުރުކީއާއި (ޔޫރަޕުން ބަލްކަން ސަރަހައްދުގެ ބޮޑުބައެއް ބަލްގޭރިއާ ސާބިޔާ ހިމެނޭހެން ހަގުރާމައިގެ ދުވަސްކޮޅެއް ކުރިން ގެއްލުނު) އިރާގުކަރަ އާއި ހިޖާޒުކަރައާއި ޝާމުކަރައެވެ. މިސްރާއި ހިންދުކަރަ (މިހާރުގެ އިންޑިއާ ޕާކިސްތާން ބަންގާޅު) އޮތީ އިގިރޭސިންގެ ބާރުގެ ދަށުގައެވެ.
20 ވަނަ ގަރުނު ފެށުނުއިރު އުސްމާނީ ދައުލަތް އޮތީ ނިކަމެތިވެފައެވެ. ހުޅަނގުގެ ބަލިމީހާގެ(ޔޫރަޕިއަން ސިކް ޕާސަން) ގޮތުގައި ހުޅަނގުން ސިފަކުރަމުންދިޔަ އުސްމާނީ ދައުލަތަށްވަނީ ހުޅަނގުގެ ނުފޫޒު ވަދެފައެވެ. އިސްލާހަށް ގޮވަމުންދިޔަ ޒުވާންކަމުގެ ޖޯޝުން ފުރިފައިވާ ފަރާތްތަކުގެ ޕްރެޝަރާއި ކުރިމަތިވެފައެވެ. ފުރިހަމަ ވިރާސީ ރަސްކަމަކުން (އެބްސްލިއުޓް މޮނާކީ) ގާނޫނީ ރަސްކަމަކަށް (ކޮންސްޓިޓުޝަނަލް މޮނާކީ) ބަދަލުކުރުމަށް ގޮވާލާ ޚަލީފާއަށްކުރުމުން ދިޔަ ޕްރެޝަނުތައްވަނީ ހައްދުން ނެއްޓިފައެވެ. ނަތީޖާއަކަށްވީ ޒަމާނީ ބަދަލުތަކާއިއެކު ސިޔާސީ ޕާޓީގެ އުފެދި ގާނޫނީ ރަސްކަމަކަށް ވެރިކަން ބަދަލުކުވުމެވެ. މިބަދަލާއިއެކު އުސްމާނީގެ ވެރިކަމަށް ތަޖުރިބާ މަދު ފަރާތްތައް އައްޔަންވެ މުޅި ނިޒާމު އޮޅުން ބޮޅުންވިއެވެ. ޚަލީފ ގެ ބާރުކެނޑި ވެރިކަން ހިންގަން ދަތިވިއެވެ. މިއާއިއެކު އަލުން ފުރިހަމަ ވިރާސީ ރަސްކަމަކަށް ބަދަލުކުރަން އުސްމާނީ 34 ވަނަ ޚަލީފާ އަބްދުލް ހަމީދު 2 މަސައްކަތްކުރެއްވިއެވެ. ނަމަވެސް، މި ބަދަލުތަކުގެ ތެރޭގައި އަބްދުލް ހަމީދު 2ގެ ރަސްކަން ގެއްލި އާ ޚަލީފާ އަކަށް މެހުމެތު 5 (މުހައްމަދު) އައްޔަންވިއެވެ. މެހުމެތު 5، 1909 ގައި އާ ޚަލީފާއަކަށް އައްޔަންވި ނަމަވެސް އޭރު ވެރިކަން ހިންގުމުގެ ނިޒާމު އޮތްގޮތުން މާބޮޑު ބާރެއްނެތެވެ. ހަމައެކަނި އެއީ ރަމްޒީ މަގާމެކެވެ. މާގިނަ ދުވަހެއްނުވެ މަސްއަލަ ހޫނުވެފައިވާ ބަލްކަން ސަރަހައްދު އުސްމާނީންނަށް ގެއްލުނެވެ. އަދި އުުތުރު އެފުރިކާއިން އުސްމާނީންގެ ވެރިކަމުގެ ދަށުގައިވާ މިހާރުގެ ލީބިޔާގެ ސަރަހައްދު ހޯދުމަށް އިޓަލީން އެދުނެވެ. ނަމަވެސް، އުސްމާނީ ދައުލަތުން އެކަމާއި ދެކޮޅު ހެދުމުން އިޓަލީން އެސަރަހައްދަށް ހަމަލާދީ އުތުރު އެފުރިކާގެ އުސްމާނީންގެ ބާރުގެ ދަށުގައިވާ ސަރަހައްދު މިހާރުގެ ލީބިޔާ ހިފިއެވެ. އެއާއިއެކު އެފުރިކާއިން އުސްމާނީންގެ ބާރު އެއްކޮށް ނެތިގެން ދިޔައެވެ. މާގިނަ ދުވަހެއްނުވެ ފުރަތަމަ ބޮޑު ހަގުރާމަ ފެށުނެވެ. އެހަގުރާމައިގެ ތެރެއަށް ނުވަނދެ މިނިވަން ދައުލަތެއްގެ ގޮތުގައި އުސްމާނީ ޚިލާފަތަށް މާގިނަ ދުވަހަކު ދެމިނޯވެވުނެވެ. އުސްމާނީންގެ ބާރުގަދަ ވަޒީރުންތައް ޖަރުމަނާއިއެކު އެއްބަސްވުންތަކެއް ހެދުމުގެ ނަތީޖާއަކަށްވީ އުސްމާނީ ޚަލީފާ އަށް އެހަގުރާމައިގެ ތެރެއަށްވަދެ ޖިހާދު އިއުލާންކުރުމެވެ. އެދުވަސްވަރަކީ ހުޅަނދުގެ ބާރުތަކުން މުސްލިމުންގެ ބިންތައް ހިފާފައިވާ ދުވަސްވަރެއްކަމުން، މުސްލިމުންގެ ޚަލީފާ ޖިހާދު އިއުލާންކުރުމަކީ ހުޅަނގުގެ ގުޅިފައިވާ ބާރުތަކަށް ލިބުނު ބޮޑު ސިހުމެއްގެ އިތުރުން ކުރިމަތިލާން ޖެހުނު ބޮޑު ބިރެކެވެ. އެއާއިއެކު ހުޅަނގުގެ ގުޅިފައިވާ ފައުޖުތަކުން މުސްލިމުން ބައިކޮށް ވެރިކަންކުރުމުގެ (ޑިވައިޑް އެންޑް ރޫލް) މަކަރުވެރި ރޭވުންތައް ރޭވިއެވެ. އެމަކަރުވެރި ރޭވުންތަކުގެ ނަތީޖާއަކަށްވީ މުސްލިމު ބައެއްވެރިންނަށް ހުޅަނގުގެ ގުޅިފައިވާ ފައުޖުތަކުގެ ދެއްކިދަޅައަށް ހެއްލުމެވެ. އެދަޅާގައި ޖެހުނު އެއް ލީޑަރަކީ ހާޝިމު ވަންހައިގެ ޝަރީފު ހުސައިން ބިން އަލީއެވެ. ކީރިތި ރަސޫލާއާއި 40 ވަނަ ކާފާފުޅާއި ހަމައިން ގުޅޭކަމަށް ޔާސިރު ގާދީ ވިދާޅުވާ ހުސައިން ބިން އަލީ އަކީ އަކީ މައްކާގެ ވެރިކަން ކުރަމުން އައި ފަރާތެވެ. 700 އަހަރަށްވުރެ ގިނަ ދުވަސްވާންދެން އެއާއިލާއިން ދަމަހައްޓަމުން އައި ދެހަރަމުގެ ވެރިކަމާއި އެ އާއިލާއާއި ކީރިތި ރަސޫލާގެ އާއިލާއާއި އޮތް ގުޅުމާއި ގުޅިގެން ގިނަ ބަޔެއްގެ އިހުތިރާމާއި ލޯބި ލިބިފައިވާ ލީޑަރަކީ ހުސައިން ބިން އަލީއެވެ. މިހާރުގެ ޖޯޑަންގެ ރަސްގެފާނު އަބްދުﷲ ބިން ހުސައިން އަކީ މިދެންނެވި ހުސެއިން ބިން އަލީއަށް ހޫރުކާފަ (މުނި މުނިކާފަ) ވިދާޅުވާ ބޭފުޅެކެވެ.
އަރަބި ޚިލާފަތެއް އުފެއްދުމުގެ ވިސްނުން
އިސްލާމީ ހަޟާރަތް އުފެދިވަރުގަދަ ވެގެން ގޮސްފައިވަނީ އަރަބި ގުރައިޝުންގެ ވެރިކަމުގައެވެ. ނަމަވެސް، އަރަބި ގުރައިޝުންގެ ވެރިކަން ނިމި އުސްމާނީން (ތުރުކީން ނުވަތަ ތަތާރުންގެ ތުރުކީ ނަސްލު) ގެ ވެރިކަން ބަލިކަށިވުމުން، އަނެއްކާވެސް ގުރައިޝުންގެ ހިޔާވަހިކަމުގެ ދަށުން އިސްލާމީ އުއްމަތް އެކަތިގަނޑަަކަށް ވެދާނެކަމުގެ ހުވަފެންތަކެއް އިސްލާމީ އުއްމަތުން ފެންނާން ފެށިއެވެ. މިހުވަފެން ދެކެމުންދިޔަ އެކަކީ މައްކާގެ ވެރިކަން 7 ގަރުނު ވަންދެން ކުރަމުން އައި ދަރިކޮޅަށް ނިސްބަތްވާ އޭރުގެ މައްކާގެ ޝަރީފު ހުސެއިން ބިން އަލީއެވެ. ހުސެއިންގެ މިހުވަފެން ދެކެން ފެށުމުގެ ނަތީޖާއަކަށްވީ މިކަމާއި ގުޅޭ ގޮތުން އޭރުގެ އެންމެ ބާރުގަދަ ފަރާތްކަމަށްވާ އިގިރޭސިންނަށް ހުށަހެޅުމެވެ. ނަމަވެސް، އިގިރޭސިން މިކަމަކާއި މާބޮޑަށް ރުހޭކަމަކަށް ނުވިއެވެ. ނަމަވެސް، ދެވަނަ ބޮޑު ހަގުރާމަ ފެށި އިސްލާމީ ޚަލީފާ ޖިހާދު އިއުލާންކުރުން ވެގެން ދިޔައީ ޝަރީފު ހުސައިންގެ ބޭނުން ނާޖއިޒުގޮތުގައި ހިފުމަށް އިގިރޭސިންފެށުމެވެ. އޭރު މިސްރުއޮތީ އިގިރޭސިންގެ ވެރިކަމުގެ ދަށުގައެވެ. އަދި މިސްރުގެ ހައިކޮމިޝަނަރަކަށް އައްޔަންވެފައިވާ މެކްމެހަން އަކީ އެސަރަހައްދުގެ އެންމެ ނުފޫޒުގަދަ ފަރާތެވެ. އާރާއި ބާރާއިއެކު ވެރިކަން ކުރަމުންދިޔަ މެކްމެހަން މައްކާގެ ޝަރީފު ހުސައިން އަށް ތަފާތު ސިޓީތަކެއް ބަދަލުކުރިއެވެ. އަދި އަރަބި އިސްލާމީ ދައުލަތެއް ތުރުކީއިން ފެށިންގެ ޔަމަނާއި، ޝާމްކަރައާއިއެކު އުފައްދައިދޭނެކަމަށް ބުނެ އެއްބަސްވުމަކަށްއައެވެ. މިއެއްބަސްވުމާއިއެކު އުސްމާނީން އަރަބި ބިންތަކުން ފައްސާލުމުގެ މަސައްކަތް ޝަރީފު ހުސައިން ކުރަންޖެހެއެވެ. އެކަމަށް އިގިރޭސިން އެއްބާރުލުންދޭންވެސް ވަނީ ތައްޔާރަށެވެ. އިގިރޭސިންގެ އަމާޒަކަށްވީ އުސްމާނީންނާއި ދެކޮޅަށް އަރަބި މުސްލިމުން ތެދުކުރުމެވެ.
އެގޮތުން، އަރަބި މުސްލިމު އުއްމަތަށް ބަލާއިރު އެކަމަށް އެންމެ އައުލާކަން ބޮޑު އެކަކީ މައްކާގެ ޝަރީފު ހުސެން އެވެ. އެހެނީ، ޝަރީފު ހުސެން އަކީ ކީރިތި ރަސޫލާގެ ދަރިކޮޅަށް ނިސްބަތްވާ ފަރާތަކަށްވެފައި، ހިޖާޒުކަރައިގެ ގިނަ ބައެއްގެ އިހުތިރާމާއި ލޯބި ލިބިފައިވާ ފަރާތަކަށް ވުމާއިއެކު ވެރިކަމެއްކުރުމުގެ އަޒުމުވެސް ހުރި ފަރާތަކަށް ޝަރީފު ހުސެންވުމެވެ.
އެހެންކަމުން، އިގިރޭސިންގެ މަކަރުވެރި ރޭވުން ކާމިޔާބުވެ ޝަރީފު ހުސެއިން އުސްމާނީންނާއި ދެކޮޅަށް ތެދުވިއެވެ. ދެވަނަ ބޮޑު ހަގުރާމައިގެ އުޑި އެންމެ ބާރުގައި އުބުރެމުންދިޔަ ދުވަސްވަރު މީލާދީ ސަނަތުން 1916 ވަނަ އަހަރު ޖޫން މަހު 5 ވަނަ ދުވަސް ނުވަތަ 6 ވަނަ ދުވަހު ޝަރީފު ހުސެންގެ ތިން ދަރިން ކަމަށްވާ އަލީ، ފައިސަލް އަދި އަބްދުﷲ ގެ ކޮމާންޑަރުކަމުގެ ދަށުން އަރަބި އިންގިލާބު ފެށުނެވެ. މީލާދީ ސަނަތުން ޖޫން 10 ވަނަ ދުވަހު ހުސެން ބިން އަލީ (ޝަރީފު ހުސެން) ރަސްމީކޮށް މިއިންގިލާބު އުސްމާނީންގެ ވެރިކަން ދޫކޮށް އިންގިލާބު ރަސްމީކޮށް އިއުލާންކުރިއެވެ. އުސްމާނީންނާއި ދެކޮޅަށް މައްކާގެ ޝަރީފް ހުސެއިން ބިން އަލީ ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް އިގިރޭސިން ދިޔައީ މަދަދުވެރިވަމުންނެވެ. އެގޮތުން، އިގިރޭސިންގެ އޭޖެންޓު ޓީއީ ލޯރެންސް ގިނަ ގޮތްގޮތުން މަދަދުވެރިވިއެވެ. އުސްމާނީންގެ ގިނަ ހަރަކާތްތަކަކާއި ގުޅޭ ފުރިހަމަ މައުލޫމާތު ހޯދާފައިވާ ލޯރެންސްގެ އިއުޝާދާއިއެކު ޝަރީފު ހުސެއިންގެ ދަރިންގެ ކޮމާންޑަރުކަމުގެ ދަށުން ހަރަކާތްތެރިވި އަރަބި ލަޝްކަރު ދިޔައީ ކާމިޔާބީ ހޯދަމުންނެވެ.
(ނުނިމޭ)
ޚިޔާލުތައް