އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ޒުވާން ޚަޠީބުން ތަމްރީނު ޕްރޮގުރާމުގެ ތިންވަނަ ބުރުގެ ބައިވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ހޮނިހިރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. ‘ޒުވާން ޚަޠީބުން’ ތަމްރީނު ޕްރޮގުރާމުގެ ތިންވަނަ ބުރުގެ ތަމްރީނުތައް ރޭ ނިންވައިލަފައިވާއިރު، މި ބުރުގައި 257 ޒުވާނަކު ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ޕްރޮގުރާމުގައި ބައިވެރިވެ ހުރިހައި ކުދީންނަށް ވުޒާރާގެ ފަރާތުން ޝުކުރުއަދާކުރައްވާކަމަށާއި، ޕްރޮގުރާމުގައި ބައިވެރިވެ ޒުވާން ކުދީން ޚިޔާރުކޮށްފައިވަނީ ވަރަށް މާތް މަގެއްކަމަށެވެ. ވަޒީރު ވަނީ މި ބައްދަލުކުރެއްވުމުގައި އިމާމުކަމާއި ޚަޠީބުކަމާ ގުޅޭ ގޮތުން ބައިވެރީންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވައިފައެވެ. މުސްތަޤުބަލުގައި ކޮންމެ ދާއިރާއަކުން ކުރިއަށްދިޔަކަމުގައި ވީނަމަވެސް ޚަޠީބުކަން ދޫކޮށްނުލުމަށާއި މި ކަމުގައި ކުރިއަށް ދިއުމަށް ވަޒީރު ވަނީ ބައިވެރީންނަށް އިލްތިމާސްކުރައްވައިފައެވެ.
މީގެ އިތުރަށް ޚަޠީބަކަށްވުމަށްފަހު އާންމު ދިރިއުޅުމުގައިވެސް އިސްލާމީ އުސޫލާއި އެއްގޮތަށް ރިވެތި އަޚުލާޤާއެކު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ވަޒީރު ވަނީ ނަސޭހަތްތެރިވެލައްވާފައެވެ.
’ޒުވާން ޚަޠީބުން’ ޕްރޮގްރާމަކީ ގްރޭޑް 10، 11، 12ގައި އުޅޭ ދަރިވަރުންނަށާއި އިސްކޫލު ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ޚާއްޞަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ޚިޔާލުތައް