28 މެއި 2020 ( ބުރާސްފަތި )

banner

ކޮލަމް ސުމެއް: އެއްބިލިއަން ޚަރަދު އެކަމަކު ކުރެވުނީގެ ސުމެއްގެ ކަންތައްތަކެއް

ރައީސް ޔާމީނުގެ ރިއާސީ ކެމްޕޭނު އެމަނިކުފާނު ފެއްޓެވީ 2013 ވަނަ އަހަރު ފެއްޓެވީ ފުވައްމުލަކުން ފުވައްމުލަކުގެ ނާއިބު ރައީސަކާއިއެކުގައެވެ. އެކަން ފުވައްމުލަކު ރައްޔިތުން ބަލައިގަތެވެ. ނަތީޖާއެއްގެ ގޮތުން ފުވައްމުލަކުގެ ތިން ދާއިރާގެ ތިން ގޮޑިވެސް ޕީޕީއެމަށް ދިނެވެ. ހިތުން ރުހުމުން ތިން ގޮޑި ހަވާލުކުރީ ފުރިހަމަ އުއްމީދުގައެވެ. ފުވައްމުލަކު ނާއިބު ރައީސެއް ހުރުމާއި ފުވައްމުލަކުން ކެމްޕެއިން ފެށުމާއި އެކު ޕީޕީއެމްއަށް ފުވައްމުލަކުން ސަޕޯޓުކުރީ ފުވައްމުލަކުގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ކުރެވޭނެކަމުގެ އުއްމީދުގައެވެ. ނަމަވެސް، ދައުރު ދެބައިނުވަނީސް ނާއިބު ރައީސް ބޭރުކުރިއެވެ. އަދި މާކަގިނަ ދުވަހެއްނުވެ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މާޔޫސްކަމާއިއެކު ޕީޕީއެމް ދޫކުރިއެވެ. އެއާއިއެކު ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މަޖިލީހުން ވަކިކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ މަޖިލީހަށް އެކަން އެންގިއެވެ. ނަމަވެސް އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ދިޔައީ އުތުރު ދާއިރާ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުނުކުރެވިއެވެ. ޒިންމާވާނެ ފަރާތެއްނެތެވެ. އެއީވެސް ފުވައްމުލަކު ރައްޔިތުންނަށް މާޔޫސްކަމެއް ގެނުވި ކަމެކެވެ. އެއަށްފަހު ރިއާސީ އިންތިޚާބަށް މަހަކަށްވުރެ ކުރުވެފައިވަނިކޮށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރުވެސް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހިންގެވި މަގުން ހިންގަވައިފިއެވެ. ހުރި މާޔޫސްކަމެއްގެ ބޮޑުކަމާއެވެ.

ރައީސް ޔާމީނު ދެވަނަ ދައުރަކަށް ކުރިމަތިލައްވާ އެމަނިކުފާނުގެ ރިއާސީ ކެމްޕޭނެ ދަތުރުތައް ނިންމަވާލެއްވީ ފުވައްމުލަކުންކަމަށް އިއުލާންކުރެއްވިއެވެ. އެއާއިއެކު ހިތުގައި އުފެދުނީ ސުވާލެކެވެ. ރައީސް ޔާމީނުގެ ރައީސް ކަމުގެ ކެމްޕޭނު ފުވައްމުލަކުން ފަށައި ރައީސްކަމުގެ ކެމްޕޭނު ފުވައްމުލަކުން ނިންމަވާލެއްވީ ނޫންބާވައެވެ. 

ރައީސް ޔާމީނު އެމަނިކުފާނުގެ ކެމްޕެއިން ދަތުރު ނިންމަވާލައްވަމުން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ” އަޅުގަނޑުގެ ރިޔާސީ އިންތިޚާބުގެ މަސައްކަތް ފެށީ ފުވައްމުލަކުން. އަޅުގަނޑުގެ މި ދައުރުގެ މަސައްކަތާއި އާ މަސައްކަތަށް، ރަށްރަށަށް ކުރާ ދަތުރު މިހާރު މި އޮތް ވަރުން ވެއްޖިއްޔާ އަޅުގަނޑު މި ނިންމަނީ މި ރަށުގައި. އެހެންވީމާ، ޝައްކެއް ވެސް ފުވައްމުލަކަކީ އަޅުގަނޑަށް ޚާއްސަ ރަށެއް” ކަމަށެވެ. އެހިސާބުން އުފެދުނު ސުވާލަކީ ފުވައްމުލަކުން އެމަނިކުފާނަށް ނުދެއްވަނީ ކޯއްޗެއްތޯއެވެ. ސަޕޯޓްދެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ތިން ގޮޑިވެސް ދެއްވިއެވެ. އެކަމަކު ކޮށްދެއްވީ ކޮންކަމެއްތޯއެވެ. ޚާއްސައޭ ވިދާޅުވުމަކީ ޚާއްސަވުމެއްނޫނެވެ. އެމަނިކުފާނުގެ 5 އަހަރުދުވަހު ކޮށްދެއްވި ދިގުލިސްޓް މުރާޖައާކޮށްލާއިރު  ގިނައިން ފެންނަނީ، އެމް.ޖޭ.އެމް. ސްކޫލް 8 ކްލާސްރޫމް އިމާރާތް ކުރުމާއި ޙާފިޒް އަޙުމަދު ސްކޫލުގެ 9 ކްލާސްރޫމްގެ 3 ބުރި އިމާރާތް އެޅުމާއި ބަނދަރު މަރާމާތުކުރުމާއި، އަތޮޅު ހޮސްޕިޓަލުގެ  ޖާގަ އިތުރުކުރުމާއި މާލެގަން ރަސްގެފަންނު އިޖުތިމާޢީ ބިމުގައި ފެންސްޖެހުމުގެ މަސައްކަތްކުރުމާއި މާލެގަން ސްޕޯޓްސް އެރީނާގެ މަސައްކަތް ދޫޑިގަން ފުޓްބޯޅަދަނޑުގެ މަސައްކަތާއި ސްޓޭޑިއަމުގައި ފެންދޭ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކުރުމާއި މިސްކިތްމަގު ނެޓުބޯޅަކޯޓު ތަރައްޤީކުރުމާއި ސްޓޭޑިއަމުގެ ފުޓްސަލްދަނޑު މަރާމާތުކުރުމާއި ފުޓްސަލްދަނޑުގެ ނުނިމިހުރި މަސައްކަތް ފަދަ އާދައިގެ މަރާމާތުކުރުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން، ބޮޑެތި މަޝްރޫއުތައްކަމަށް ވިދާޅުވެ ދެއްވާފައިވަނީމަގެއްގެ 2.7 ކިލޯ މީޓަރު ހައްދަވާދެއްވުމާއި، ނުނިންމާ ހުޅުއްވައިދެއްވި ނަރުދަމާއާއި ފެނުގެ މަސައްކަތެވެ. އެދަންނަވާ 2.7 ކިލޯ މީޓަރު އަދި ނިނުމެއެވެ. ތާރުވެސް ނޭޅޭ އެމަސައްކަތް ކުރީގެ އެމްއާރުޑީސީއާއި ހަވާލުކޮށްފައިވަނީ މީގެ ދެތިން އަހަރު ކުރިންނެވެ. އެހެންކަމުން އެމަނިކުފާނުގެ ފުރަތަމަ ދައުރުގައި އެމަސައްކަތް ނިމިދާނެތޯއެވެ. 

ދެންއޮތީ ފެނާއި ނަރުދަމާގެ ވާހަކައެވެ. އެމަސައްކަތަކީ އެމްޑީޕީ ވެރިކަމުގައިވެސް ކުރިއަށްދިޔަ މަސައްކަތެކެވެ. ނަމަވެސް، ވެރިކަން ބަދަލުވެ ރައީސް ވަހީދުގެ ވެރިކަމުގައި އެކަމަށް ބޭނުންވާ ފައިސާގެ އެހީވަނީ ހޯއްދަވާ ނިންމަވާފައެވެ. އެހެންކަމުން އެމަސައްކަތް ފެއްޓެވުމުގެ ކުރެޑިޓް ލިބެންޖެހެނީ ރައީސް ވަހީދަށެވެ. އެމަސައްކަތް ނިންމުމުގެ ކްރެޑިޓް ހައްގުފަރާތެއް އެގޭނީ އެމަސައްކަތް ނިމުމުންނެވެ. ރަސްމީކޮށް ނަރުދަމާއާއި ފެނުގެ ޚިދުމަތް ދޫކުރެއްވިކަމަށް ވިދާޅުވެ ރަސްމިއްޔާތު ބޭއްވެވިނަމަވެސް، ފުވައްމުލަކުގެ ގިނަ ގެތަކަށް އަދިވަނީ ފާޚާނާ ހޮޅި ނުގުޅިއެވެ. ފެންއިސްކުރު ނުލެވިއެވެ. ފުވައްމުލަކަށް ބޭނުންވާ 3 ފެންޕްލާންޓްގެ ތެރެއިން ބެހެއްޓުނީ އަދި އެންމެ ޕްލާންޓެއްކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން، އެއްބިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން އެމަނިކުފާނުގެ ޒައާމަތުގައި އަދިކޮށދެވިފައިވަނީ ސުމެއްގެ ކަންތައްތަކެކެވެ. 

ރައީސް ޔާމީނު އެމަނިކުފާނުގެ ކެމްޕެއިން ދަތުރުތައް ނިންމަވާލައްވަމުން އިތުރަށް ވިދާޅުވެފައިވަނީ ” ފުވައްމުލަކުން ކިތަންމެ ބޮޑު އުފަލެއް ލިބިވަޑައިގަތަސް ހިތްދަތިކަން ވެސް އެބައޮތްކަމަށާއި ރައީސް ވިދާޅުވީ، ޑރ. ޖަމީލާއި ޕީޕީއެމްގެ މަޖިލީހުގެ ދެ މެމްބަރުން  ވަކި ހިސާބަކުން “އޮޑިން ފުންމާލެއްވީ” ކަމަށެވެ.” އެއޮޑިން އެބޭފުޅުން ފުއްމަވާލެއްވީ ލިބުނު މާޔޫސްކަމުންތޯއެވެ. ފުވައްމުލަކަށް އުއްމީދުކުރި މިންވަރަށް ތަރައްގީގެ މަޝްރޫއުތައް ނުހިންގެވިގެންތޯއެވެ.


ކިޔުންތެރިންގެ ޚިޔާލު