A wide advertisement which will be shown on all devices. (700 x 100)

އަނެއްކާވެސް ކަރަންޓުގެ ވާހަކަ!

ނަސްރު އަލީ

ފުވައްމުލަކުގެ ކަރަންޓުގެ ވާހަކަ ލިޔަން އަދިވެސް ޖެހިލުންވެއެވެ. އަޅުގަނޑުގެ މާޒީގައި ކޮށްފައިވާ ހިތި ތަޖުރިބާއެއްގެ ސަބަބުންނެވެ. ނަމަވެސް އޭރު އޮތް ބިރުވެރިކަން މިހާރު ނެތުމުން، ކަރަންޓުގެ ވާހަކަ ލިޔުމަކީ މިހާރު، މާބޮޑަށް ތުރުތުރު އަޅަންޖެހޭ ކަމެއްނޫނެވެ. ގިނަ ދުވަސްތަކަކަށް ފަހު، އަލުން ކީބޯޑުގައި އިނގިލި ތަޅަން މިފެށީ، ފުވައްމުލަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިދުވަސްވަރު ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލާގައި އެއްޗެއް ލިޔެލުމަށެވެ.

ހިނގަމުން މިދާ ރޯދަމަހު އިރުއިރުކޮޅާ ރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންނަށް ބޮޑެތި އުނދަގުލާއި ގެއްލުމާއި ކުރިމަވަމުން ނުދާ ދުވަހެއް މަދެވެ. ވަކިބަޔަކު ކުށްވެރިކޮށް އިނގިލި ދިއްކުރުމުގެ ކުރިން، މިކަން މި ދިމާވަނީ ކީއްވެގެންތޯ ބަލައިލުމަކީ އެންމެ ރަނގަޅު ކަމެއްކަމުގައި ދެކެމެވެ.

ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ ޖެހިގެން އުޅެނީ އަދަކު އިއްޔެއަކު ނޫނެވެ. 1992 ވަނަ އަހަރު ސަރުކާރުން ފުވައްމަލަކަށް ދޭންފެށި ކަރަންޓު، 2019 ވަނަ އަހަރަށް އެޅުނުއިރު ތަރައްގީކުރަންވާ ވަރަށް އެކަން ކޮށްފައިވޭތޯ ބަލަންޖެހެއެވެ. ފުވައްމުލަކުގައި އެންމެ ފުރަތަމަ އެޅި ބާ ކޭބަލްތައް ނަގައި، ހައިވޯލްޓޭޖް(އެޗްވީ) ކޭބަލް 2005 ވަނަ އަހަރު އެޅިއެވެ. އެކަމަކު އެޗްވީ ކޭބަލާއެކު ބަދަލުކުރަން ޖެހޭ 16 ޓްރާންސްފޯމަރުގެ ތެރެއިން ބަދަލުކޮށްފައި ވަނީ 3 ޓްރާންސްފޯމަރެވެ. އެހެންކަމުން ބާކީ 13 ޓްރާންސްފޯމަރު އަދިވެސް ބަދަލުނުކުރެވި އެބަހުއްޓެވެ. މިއީވެސް ބައެއްފަހަރު ކަރަންޓު ކެނޑުމަށް ދިމާވާ ސަބަބެކެވެ.

ދެންއޮތް ސުވާލަކީ މިހާރު ކަރަންޓު ކެނޑެމުން މިދަނީ ޖެނެރޭޓަރު ތަކުގެ ކެޕޭސިޓީ ޑިމާންޑް ލޯޑާ އެއްވަރަށް ނެތީމަތޯއެވެ؟ ފުވައްމުލަކު އިންޖީނުގޭގައި މިވަގުތު ހުރީ 4.6 މެގަވޮޓްގެ ކެޕޭސިޓީ އެވެ. މީގެތެރެއިން ކަރަންޓު ދޫކުރެވޭ ކެޕޭސިޓީއަކީ 3.2 މެގަވޮޓެވެ. މިވަގުތު، ރަށުގެ ކަރަންޓުގެ ޑިމާންޑަކީވެސް 3.2 މެގަވޮޓްގެ ލޯޑެވެ. އެހެންކަމުން މިވަގުތު ރަށުގެ އިންޖީނުތަކުން ކަރަންޓު ދެވެންހުރީ ކިރިޔާ ފުދޭ ނުފުދޭ ވަރަށެވެ. އިތުރު ގެތަކާއި، އާބާދީ އިތުރުވުމާއި، ކަރަންޓުން ބޭނުންކުރާ އާލާތްތައް އިތުރުވެއްޖެނަމަ، މިހާރު މިހުރި އިންޖީނުތަކަށް އޮބިނޯންނާނެއެވެ. ނަމަވެސް، މިހާރު ކަރަންޓު ކެނޑެމުން އެދަނީ އިންޖީނުތަކުގެ ކެޕޭސިޓީ ނެތިގެނެއް ނޫނެވެ.

ނަން ހާމަކުރަން ނޭދޭ، ފެނަކަ ފުވައްމުލަކުގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި، މިދުވަސްވަރު ކަރަންޓު ކެނޑެމުންދަނީ އެޗްވީ ކޭބަލްތަކަށް ލިބިފައިހުރި ގެއްލުންތަކުގެ ސަބަބުންނެވެ. ލަފާކުރެވޭ ގޮތުގައި އެއީ އެކިއެކި ބޭނުންތަކުގައި މަގު ކޮނުމުގެ ތެރޭގައި ލިބިފައިވާ ގެއްލުންތަކެވެ. އެޗްވީ ކޭބަލަށް ކިތަންމެ ކުޑަ ގެއްލުމެއްވެސް ލިބިއްޖެނަމަ މުޅި ރަށުން ކަރަންޓު ކެނޑޭގޮތް ވެއެވެ. މިހެން ދިމާވެއްޖެނަމަ އަލުން ކަރަންޓު ދޫކުރުމަށް 30 މިނެޓް ވަރު ނަގައެވެ. އެއަށްފަހު، މައްސަލަޖެހުނު ހިސާބު ހޯދަން މަސައްކަތް ކުރަންޖެހެއެވެ. މަރާމާތަށް ފަހު ކަރަންޓު ދޫކުރަން ވަގުތު ނަގަނީ މިހެންވެގެންނެވެ.

ފެނަކަ ފުވައްމުލަކުގެ މިހާރުގެ އިސްވެރިން އެތަން ހިންގުމާއި ޙަވާލުވުމަށްފަހު، އިންޖީނުގެއާއި ކަރަންޓުދިނުމުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހޯދާބަލާ، ތަފްސީލީ ރިޕޯޓެއް ވަނީ ހަދައިފައެވެ. މިރިޕޯޓުގައި ފުވައްމުލަކުގެ ކަރަންޓުގެ ވިއުގައަށް ދާއިމީ ހައްލެއް ހޯދުމަށް ބޭނުންވާ ކަންކަން ފާހަގަކޮށްފައިވެއެވެ. މިރިޕޯޓު ރައީސުލް ޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު އަތްޕުޅަށް އަރުވާފައިވާކަމަށް ވެއެވެ. އަދި ދެބޭފުޅުންގެ ފަރާތްޕުޅުން ވެސް ފުރިހަމަ އެއްބާރުލުން ލިބޭކަމަށް ފެނަކައިގެ ފުވައްމުލަކު އޮފިޝަލް ވިދާޅުވިއެވެ. މިގޮތުން އަންނަ އަހަރު އިރުގެ އަވިން 2 މެގަވޮޓްގެ ހަކަތަ އުފައްދޭނެ ނިޒާމެއް ފުވައްމުލަކުގައި ބަހައްޓަން ރާވަމުންދާ ކަމަށްވެއެވެ.

ފުވައްމުލަކުގެ ކަރަންޓަށް މިހާރު ދިމާވެގެން މިއުޅޭ މައްސަލައަކީ އެންމެ ކަމެއް ހައްލުކޮށްގެން ނިމެން އޮތްކަމެއް ނޫނެވެ. ޓްރާންސްފޯމަރު ބަދަލުކުރުމުގެ އިތުރުން، ހަކަތަ އުފައްދާ މިންވަރު އިތުރުކުރުކޮށް، ގެއްލުން ލިބިފައިވާ އެޗްވީ ކޭބަލްތައް މަރާމާތު ކުރަން ޖެހެއެވެ. މައްސަލައެއް ޖެހޭއިރަށް، މުޅި ރަށުން، ނުވަތަ އަވަށުން ކަރަންޓު ނުކެނޑޭނޭހެން ކޭބަލްގެ ވިއުގަ ބަދަލުކުރަން ޖެހެއެވެ. ކަރަންޓަކީ ފުވައްމުލަކަށް ހާސްކަން ނުގެނުވާނެ އެއްޗަކަށް ހެދޭނީ އޭރުންނެވެ. ރައްޔިތުންގެ މުދަލަށް ލިބޭ ގެއްލުން ހުއްޓުވޭނީ އޭރުންނެވެ. ފުވައްމުލަކަކީ ދުނިޔެމަތީގައި އޮތް އެންމެ އުފާވެރި މަންޒިލަށް ހެދޭނީވެސް އޭރުންނެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !