5 އޭޕްރީލް 2020 ( އާދީއްތަ )

banner

ވަޒީފާއާބެހޭ ގާނޫނަށް އަވަސް ކަޅިއެއް

މުޙައްމަދު ރަޝީދު (ދޮންބެ)، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު

1. ޕްރޮބޭޝަން މުއްދަތު:

ވަޒީފާއާބެހޭ ގާނޫނަށް ހުށައެޅިފައިވާ އިސްލާހުތަކުގެ ތެރޭގައި، ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ (ޕްރޮބޭޝަންގެ) މުއްދަތު މިހާރު އޮތް 3 މަހުން 6 މަހަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ހުށައެޅުމަށް ތާއީދެއް ނުކުރެވެއެވެ. މިހާރުވެސް އަމަލުކުރަމުން މިދާ ގާނޫނުގައި އޮތް 3 މަސްދުވަހަކީ ވަޒީފާއަށް އެކަށޭނެ ގާބިލް މުވައްޒަފެއްތޯ ކަށަވަރުކުރުމަށް ވަޒީފާދޭ ފަރާތަށް އެކަށީގެންވާ މުއްދަތެކެވެ.

2. ސަލާމުގެ ޗުއްޓީ ނެގުމާގުޅޭ އުސޫލުތައް އިސްލާހުކުރުން:

ސަލާމުގެ ޗުއްޓީ ނެގުމާގުޅޭ އުސޫލު ބަދަލުކުރުމަށް ހުށަހަޅާފައިވާ ސަބަބަކީ ރައްޔިތުންނަށް ޚިދުމަށްދިނުމުގައި މިހާރު ނުކުންނަ މައްސަލަތަކަށް ހައްލު ހޯދާއިދިނުމާއި އުފެއްދުންތެރިކަން އިތުރު ކުރުމެވެ. ބައެއް މުވައްޒަފުން އެއްވެސް ސަބަބެއް ނެތި ސަލާމުގެ ޗުއްޓީ ނެގުމުގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަން ދަށްވެ، ރައްޔިތުންނަށް ޚިދުމަށްދިނުމަށް ދަތިވެގެންދެއެވެ. ޚާއްސަކޮށް ބަންދު ދުވަސްތަކާއި ގުޅިގެން އަންނަ ދުވަސްތަކުގައި ސަލާމުގެ ޗުއްޓީނެގުން އިތުރުވެގެން ދާކަން ފާހަނގަ ކުރެވެއެވެ.

ހަގީގަތުގައިވެސް ގާނޫތަކުން ލިބިދީފައިވާ ފަސޭހަތައް ހަނިކުރަން މިޖެހެނީ މަދުންނަމަވެސް، ބައެއް ވައްޒަފުން ގާނޫނުން ލިބިދޭ ފަސޭހަތައް ނާޖާއިޒު ގޮތުގައި ބޭނުން ކުރަމުން ދާތީއެވެ.

އަހަރެއްގެ ތެރޭގައި އަންނަ 365/6 ދުވަހުގެ ތެރެއިން 191 ދުވަސް ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޗުއްޓީގެ ގޮތުގައި ލިބެމުން ދެއެވެ. މިއީ މުޅިއަހަރުގެ 1/2 ވުރެވެސް ގިނަދުވަހެވެ. އެއީ:

އަހަރީ ޗުއްޓީ 30 ދުވަސް

ސަލާމުގެ ޗުއްޓީ 30 ދުވަސް

އާޢިލީ ޒިންމާގެ 10 ދުވަސް

ހުކުރު، ހޮނިހިރުގެ (ހަފުތާ ބަންދު) 104 ދުވަސް

ރަސްމީ ބަންދު 17 ދުވަސް

މިއީ ކުރިއަރަމުން އަންނަ އިޤުތިސާދެއް  ބިނާކުރުމަށާއި، ގައުމުގެ އުފެއްދުންތެރިކަން އިތުރު ކުރުމަށާއި، ރައްޔިތުންނަށް އެކަށީގެންވާ ގޮތުގައި ޚިދުމަތް ދިނުމަށް ހުރި ވަރަށް ބޮޑު ގޮންޖެހުމެކެވެ.

3. ސާރވިސް ޗާޖު ބެހުމާގުޅޭ އުސޫލުތައް ހަރުދަނާކުރުން:

ސާރވިސް ޗާޖުގެ ގޮތުގައި ވަކި ޕަސެންޓެއް ނެގުމަށް ގާނޫނުން ލާޒިމު ކުރެވިދާނެއެވެ. ސުވާލަކީ އެއީ އެންމެ ރަގަޅު ގޮތް ތޯއެވެ؟ ސާރވިސް ޗާޖަކީ ޚިދުމަތް ލިބިގަންނަ ފަރާތުން ޚިދުމަތާއި ދޭތެރޭގައި ހިންހަމަޖެހުމުގެ ސަބަބުން ދޭ އެއްޗަކަށް ވާއިރު ޚިދުމަތާއި ދޭތެރޭ ހިންހަމަ ނުޖެހުނަސް ސާރވިސް ޗާޖު ދައްކަން ގާނޫނަކުން މަޖުބޫރު ކުރުވުމަކީ ޚިދުމަތް ލިބިގަންނަ ފަރާތަށް އެންމެ ރަގަޅު ގޮތްކަމުގައި ނުވެދާނެއެވެ.

މިހާރުގެ ހަގީގީ މައްސަލައަކީ ބައެއްފަރާއްތަކުން ސާރވިސް ޗާޖުގެ ގޮތުގައި ނަގާ އަދަދު ގާނޫނުގައި ބުނާގޮތަށް ނުބަހާ މައްސަލައެވެ. ބައެއް ފަރާއްތަކުން ބަރާބަރަށް ބަހާއިރު އަނެއްބައި ފަރާއްތަކުން ދެނީ ފިކުސްޑް އަދަދެކެވެ. ބައެއް ފަރާއްތަކުން ދޭއް ނުވަތަ އެއައްވުރެ ގިނަ ވިޔަފާރިތައް އެއްކޮށްލައިގެން ޖެހޭވަރު ވެސް އެބަ ބަހައެވެ.

މިހާރު ބިލު ހުށަހަލާފައި އޮތްގޮތުން ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުން ސާރވިސް ޗާޖުން އިސްތިސްނާ ކުރެވިދާނެއެވެ. މިހާރު އަމަލުކުރަމުން މިދާ ގާނޫނުގައި ވާގޮތުން ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުން ވަނީ ސާރވިސް ޗާޖުއިން އިސްތިސްނާ ކުރެވިފައެވެ. ބިލްގައި ހުށަހަޅާފައިވާ ބަދަލަކީ، ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުން ސަރވިސް ޗާޖުއިން އިސްތިސްނާ ކުރުމަކީ އިޚުތިޔާރީ ކަމެއްގެ ގޮތުގައި ބަދަލު ކުރުމަށެވެ.

މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ހިންގުމުގެ އިސް ފަރާތްތަކަކީ ކޮބާކަން ބަޔާން ކުރަން މިގާނޫނު ލާޒިމުކުރެއެވެ. އެ ފަރާތްތައް ކަނޑައެޅުމުގައި އެ މުވައްޒަފަކަށް ލިބޭ މަސާރަ އާއި އިނާޔަތްތަކަށް ބެލިދާނެއެވެ.

މުވައްޒަފަކު މަސައްކަތްކުރި ގަޑިއިރަކަށް ނިސްބަތްކޮށް ސަރވިސް ޗާޖު ކަނޑައެޅުމުގެ އިޚުތިޔާރު އަދި މަސައްކަތަށް ހާޒިރުނުވާ މުވައްޒަފުންނާއި، ގަޑިޖެހޭ މުވައްޒަފުންނަށް ނިސްބަތުން އުނިކުރެވިދާނެ ކަމަށް ހުށައެޅިފައިވާ އިސްލާހުތަކުގައި ވެއެވެ. ނަމަވެސް މީގެ މާނައަކީ ގާނޫނުން ޙައްގުވާ ޗުއްޓީ ބޭނުންކުރާ ހާލަތުގައި ސަރވިސް ޗާޖުއިން އިސްތިސްނާ ކުރުމެއް ނޫނެވެ.

މީގެ އިތުރުން ސަރވިސް ޗާޖުއާއި ގުޅޭގޮތުން ނުކުންނަ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން މައުލޫމާތު ބެލެހެއްޓުން މި ގާނޫނުން ލާޒިމުކުރެއެވެ. ސަރވިސް ޗާޖުގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ، އެމަހަކު މަސައްކަތްކުރި މުވައްޒަފުން، މުވައްޒަފުން މަސައްކަތްކުރި ވަގުތުތަކުގެ އަދަދު، ކޮންމެ މުވައްޒަފަކަށް ޙައްގުވާ މިންވަރު، ދިން ފައިސާގެ އަދަދުގެ މައުލޫމާތު ބަލަހައްޓައި އަހަރަކު އެއްފަހަރު ލޭބަރ ރިލޭޝަން އޮތޯރިޓީއަށް އެ މައުލޫމާތު ހުށަހެޅުމަށް ލާޒިމު ކޮށްފައިވެއެވެ.

އަދި މީގެ އިތުރުން ލޭބަރ ރިލޭޝަން އޮތޯރިޓީން ބަލަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، މައުލޫމާތު ދިނުމަށް ލާޒިމުކުރެއެވެ.


ކިޔުންތެރިންގެ ޚިޔާލު