28 މެއި 2020 ( ބުރާސްފަތި )

banner

ފިނިކުރި ދޮންއަނބު ކޮތަޅުތައް ވިއްކުމުގައި...އިއްޔެ މާލޭ ލޯކަލް މާރުކޭޓް ސަރަހައްދުގައި

ގަނޑުކުރި އަނބު ކޮތަޅު ވަރަށް ހިގައިފި

މިއަހަރުގެ އަނބު މޫސުން ނިމުނުއިރު ފުވައްމުލަކުގެ ބައެއް މީހުން ދޮންއަނބު ކޮށައި ޖޫސްޕެޓީ ކޮތަޅުގައި ބަންދުކޮށް ޑީފްރީޒަރުގައި ނުވަތަ އައިސްއަލމާރީގައި ރައްކާކުރިއެވެ. މިގޮތަށް ރައްކާކުރީ މީހުންގެ ބޭނުމަކަށް ވެފައިވަނީ ފަހުން (ރޯދަމަހުގައި) ޖޫސްގިރުމަށް ބޭނުންކުރުމަށެވެ. އަނެއްބަޔަކު އެހެން ކޮންމެވެސް ބޭނުމަކު ކަމަށް ވެދާނެއެވެ.
ހަވާސްބޯޓުން މިފަހަރު މާލެ ވިއްކަން ގެނައި ތަކެތީގެ ތެރޭގައި ފިނިކުރި އަނބު ކޮތަޅުވެސް ހުރި ތަން ވަނީ ފެނިފައެވެ. އެގޮތުން އިއްޔެ ބޯޓުން ބާލައި ވިއްކަން ފެށި ފުޅިމަދު ފޮށްޓެއްގެ ފިނިކުރި އަނބު ކޮތަޅުތައް ހީވެސް ނުކުރާހާ އަވަށް، ބަޑިއެއްޖެހިހެން ވިކި ހުސްވިއެވެ. ބޯޓުން ބާލައި ވިއްކަން ފެށިތާ ބައިގަޑިއިރުވެސް ނުވަނީސް އެހުރިހާ އަނބު ކޮތަޅުތަކެއް ވަނީ ވިކި ހުސްވެފައި ކަމަށް އަނބު ވިއްކި މީހާ ބުންޏެވެ.
ފިނިކުރި އަނބު ކޮތަޅުތައް ވިއްކާފައި ވަނީ ކިރައިގެން 60 ރުފިޔާއަށް ކިލޯގެ މަގުންނެވެ. އާއްމުކޮށް އެވަރުގެ ކޮތަޅަކަށް 3 ނުވަތަ 4 އަނބު ކޮށާފައި އެޅޭނެކަމަށް ބެލެވެއެވެ. މާރުކޭޓުގައި އިއްޔެ ދޮންއަނބުގެ އަގުހުރީ 25، 30 ރުފިޔާއަށް އެއްޗެއްގެ މަގުންނެވެ. ނުވަތަ 4 އަނބާއި 5 އަނބުގެ ބައެއް 100 ރުފިޔާއަށެވެ. ކޮތަޅުގައި ބަންދުކުރި އަނބު ގަތްމީހުން ތިބީ އަގާއިމެދު ވަރަށް ހިތްހަމަހިފައެވެ. ނަމަވެސް އެއިން ގިރާ ފަންޏައި މެދު އަދި އެހާ ބޮޑު ޔަގީންކަމެއް އެމީހުނަނަށް އަދި ނެތްކަމަށް ބުންޏެވެ. އެހެނީ އެއީ އަލަށް އެގޮތަށް އަނބުން ފަނިގިރަން ދިމާވާ ފަހަރުކަމަށް ވުމެވެ.
ނަމަވެސް ފާހަނގަކޮށްލަންޖެހޭ ކަމަކީ ބޭރު ގައުމުތަކުގެ ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ޖޫސްޖޮއިންޓްތަކުގައި މިގޮތަށް ފިނިކުރި އަނބު ޖޫސްގިރުމަށް އާއްމުކޮށް ބޭނުންކުރާ ކަމެވެ. އަދި އެއިގެ ރަހައަށް ވަކި ބަދަލެއް ނާންނަ ކަމެވެ. މިރޯދަމަސް ނިމިގެން ދާއިރު ފުވައްމުލަކުގެ ގިނަބަޔަކަށް ފިނިކުރި އނަބު ބޭނުންކުރުމުގެ ފައިދާއާއި ފަސޭހަ ފެނިގެން ދާނެކަމަށް ބެލެވެއެވެ. އެހެނީ ފުވައްމުލަކުގެ ގިނަގޭގޭގައި ކޮތަޅުގައި ބަންދުކޮށް ފިނިކުރި އަނބު މި މިރޯދަމަހު ބޭނުނުން ކުރާނެކަމަށް ބެލެވޭތީއެވެ. އަދި މިތަޖުރިބާއަށްފަހު މިކަމުގެ ނަފާ ހޯދުމަށް ތައްޔާރުވާނެކަމަށް ވެސް ބެލެވެއެވެ.
މިއީ ފުވައމުލަކުގެ އަނބު މާކެޓް ކުރުމަށް ހުޅުވުނު އާދޮރެއް ކަމުގައި ބެލެވެއެވެ. މިފަހަރު ގިނަ ބަޔަކު އަމިއްލަ ބޭނުމަށް މިގޮތަށް އަނބު ރައްކާކުރި ކަމުގައި ވިޔަސް ކުރިޔަށް އޮތް އަނބު މޫސުމުގައި ވިޔަފާރީގެ ގޮތުން މިއީ ކުރަން ރަނގަޅު ކަމެކެވެ. އަނބު މޫސުމުގައި ބޭނުންނުކުރެވި ފާވެ ހަލާކުވެގެން އުކާލަންޖެހޭ އަނބު މަދުކުރެވި އަނބުން މަންފާއެއް ހޯދިދާނެ އިތުރު ގޮތެކެވެ.


ކިޔުންތެރިންގެ ޚިޔާލު