28 މެއި 2020 ( ބުރާސްފަތި )

banner

ޑރ. ޖަމީލު ސިޔާސީ އެކަނިވެރިއެއްބާ؟

ސިޔާސީ އެންމެ ބޮޑު އެކަނިވެރިއަކަށް ނާއިބުރައީސް ޑރ.ޖަމީލު

ރާއްޖޭގެ ސިޔާސީ މަސްރަޙު ބަދަލުވަމުންދާއިރު ސިޔާސީ ގޮތުން މިވަގުތު ހުރި އެންމެ އެކަނިވެރިއަކީ ނާއިބު ރައީސް ޑރ.ޖަމީލުކަމަށް ސިފަވާން ފަށައިވިއެވެ. ނާއިބު ރައީސް މަގާމުން ވަކިކުރުމަށް އަމިއްލަ ޕާޓީން އަންދަމުންދާ އަލިފާނަށް އިދިކޮޅު ހުރިހާ ޕާޓީއަކުން ދަރު އަޅަމުން ދާތަން ހާމަވެގެން ދިޔައީ އިއްޔެ މަޖުލީހުގައި ނެގި ވޯޓު ވޯޓުދިން 80 މީހުންގެ ތެރެއިން 78 މީހުންގެ ވޯޓު ޑރ.ޖަމީލާއި ދެކޮޅަށް ދިނުމުންނެވެ. އިދިކޮޅަށް ދިން ދެވޯޓަކީ ވެސް ޑރ.ޖަމީލުގެ ދިފާޢުގައި ދިން ވޯޓުކަމުގައި ބެލެވެން ނެތުމުންނެވެ.
އިއްޔެގެ ވޯޓުގައި ޖަމީލުގެ އަމިއްލަ ރަށުގެ އަދި ޖަމީލުމެ ޕާޓީގެ 3 މެންބަރަކުވެސް ވަނީ ޖަމީލާއި އިދިކޮޅަށް ވޯޓު ދީފައެވެ. އަދި އިސްލާހު މަޖުލީހުން ފާސްވިތަނާ މާގިނަ އިރެއް ނުވަނީސް ޖަމީލު ހިމެނޭ ޕާޓީގެ މަޖުލިސް މެންބަރަކު ވަނީ ޖަމީލު ވަގުތުން އިސްތިއުފާ ދިނުމަށް ވެސް ގޮވާލާފައެވެ. އެހެން ނޫންނަމަ އިތުބާރު ނެތްކަމުގެ ވޯޓުނަގައި ބޭރުކޮށްލާނެކަމަށެވެ.

ކުރިން ސިޔާސީގޮތުން އަޑުހަރު ޖަމީލު ފަހުން ފެނިގެން ގޮސްފައިވަނީ ސިޔާސީ މަންޒަރުން ބާކީ ކުރެވިފައިވީތަނެވެ. ނާއިބު ރައީސެއްކަމަކު ޖަލްސާތަކުން ދުރަށްޖެއްސިފައިވާތަނެއް ފެނުމާއި ސަރުކާރުގެ ބޮޑެތި ކަންތައްތަކުގައި ޖަމީލުގެ ދައުރެއް ނުވާހެން ވެސް ހީވެއެވެ. ރައީސް އަމިއްލަ ދަތުރުފުޅުތަކުގައި ގައުމުން ބޭރަށް ވަޑައިގަތުމުން ވެސް ގައުމު ހިންގުމުގައި ޑރ.ޖަމީލުގެ ދައުރެއް ނުފެނެއެވެ.
ކުއްލިއަކަށް ޑރ.ޖަމީލުގެ ޕާޓީޕީޕީއެމުން ބުނަމުން ދަނީ ޑރ.ޖަމީލުގެ އެއްބާރުލުން ރައީސް ޔާމީނަށް ނުލިބޭ ކަމަށާއި އޭނާ ނާއިބުރައީސް ކަމުން ޖުލައި 26 ގެ ކުރިން ވަކިކުރާނެ ކަމަށެވެ. އަދި އެކަމަށް މަގުފަހިކުރުމުގެ އިސްލާޙު ގާނޫނު އަސާސީއަށް މިވަނީ ގެނެސްފައެވެ. ދެން އޮތީ މަޖުލީހުގައި ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުން ކަމަށް ބެލެވެއެވެ.

މިހުރިހައި ކަމެއް ޑރ.ޖަމީލާއި ދެކޮޅަށް ހިނގާއިރު ޑރ.ޖަމީލުގެ ދިފާޢުގައި ފާޅުގައި އަޑުއުފުލާނެ ފަރާތެއް ނެތެވެ. މަޖުލީހަށް ހުށަހެޅުނު އިސްލާޙަށް ޕީޕީއެމްގެ ރައީސް މައުމޫނު ދެކޮޅުކަން ހާމަކުރީވެސް ރައީށް ޔާމީނަށް މީހުންގެ ނަފުރަތު ލިބިގެންދާނެ ކަމަށް ބެލެވޭތީކަމަށް ހާމަކުރިއެވެ. ނަމަވެސް އެޕާޓީގެ މަޖުލީށް މެންބަރުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އެއިސްލާޙު ފާސްކުރީއެވެ. ޑރ.ޖަމީލުގެ ތިމާގެ ބޭފުޅެއްކަމަށްވާ މަލީޙު ޖަމާލު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމުން ވަކިކުރުމުން ގިނަބަޔެއްގެ ހަމްދަރުދީ ލިބުނު ކަމުގައި ވިޔަސް މަލީހު އެއްޗެއް ބުނަން ބޭނުން ނުވެ، އެކަނިވެރިކަން އިޚުތިޔާރުކުރީ ކީއްވެބާވައޭ ސުވާލު އުފެދެއެވެ.

ކުރިން ގައުމީޕާޓީގެ އިސްސަފުގައި ޑރ. ޖަމީލުއާއި ޑރ. ހަސަން ސައީދު އަދި މަލީހުމެން ވެގެން ދިޔައީ ސިޔާސީ ގޮތުން މީހުންގެ ތާއިދު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދަމުން އައި މަގުބޫލު ސިޔާސީ ފަރާތްތަކަށެވެ. ނަމަވެސް ޖަމީލު ޕީޕީއެމާއި ގުޅެން ނިންމީ ޑރ. ހަސަން ސައީދާއި ދެކޮޅަށެވެ. އަދި ޑރ.ޖަމީލާއި ޑރ. ހަސަން ސައީދުގެ ވިސްނުން ތަފާތުވެ ގައުމީ ޕާޓީ އުވި ސިޔާސީ މަސްރަހުން ޑރ.ހަސަން ސައީދު ދުރަށް ދިޔައީ ޕީޕީއެމްގެ އިސްފަރާތްތަކާއި މެދު އިތުބާރު ނެތިގެންކަމަށް ބުނެވެއެވެ.
މިއަދުގެ ސިޔާސީ މަސްރަޙުގައި ކަތިލެވޭ ކަންބަޅިއަކީ ޑރ. ޖަމީލުކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ.


ކިޔުންތެރިންގެ ޚިޔާލު