A wide advertisement which will be shown on all devices. (700 x 100)

ޖިހާދަށްކަމަށްބުނެ ސީރިއާއަށް ދިޔަ ސުމާ އެކަނިވެރިވެ ރާއްޖެ ނާދެވިފައި

މީގެ 4 އަހަރު ކުރިން 2014 ވަނަ އަހަރު އޮކުޓޫބަރު މަސްތެރޭ ޖިހާދަށްކަމަށް ބުނެ ފިރިމީހާ އަހުމަދު މުންސިއު (މޮޗޯ) އާއިއެކު ސީރިއާއަށް ދިޔަ ފުވައްމުލަކު ސުމާ އަލީ ރާއްޖެ އަންނަންބޭނުންވެ ރާއްޖެ ނާދެވިފައިވާ ޚަބަރު ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ. ސުމާ އަލީ އޭނާގެ ފިރިމީހާ ފުވައްމުލަކު އައިރީ، އަހުމަދު މުންސިއު (މޮޗޯ) އާއިއެކު ޖިހާދަށްކަމަށް ބުނެ ސީރިއާއަށް ގޮސްފައިވަނީ 2014 އޮކްޓޫބަރު މަހުގައެވެ. އޭގެ 5 މަސްދުވަސް ފަހުން 2015 ވަނަ އަހަރު މާރިޗު މަހުތެރޭ މުންސިއުގެ މަރުގެ ޚަބަރު ވަނީ މިކަލް ނޫހަށް ލިބިފައެވެ. މުންސިއުއާއި ސުމާ ސީރިއާއަށް ގޮސް ގުޅިފައިވަނީ އައިއެސް ޖަމާއަތާއި ކަމަށް މިކަލް ނޫހަށް މައުލޫމާތުލިބެއެވެ.

ކައިވެންޏަށް އަހަރެއްވެސް ނުވަނީސް މުންސިއު އާއި ސުމާ ސީރިއާއަށް ދިއުމަށް ނިންމާފައިވަނީ އެފަރާތްތަށް ލިބިފައިވާ ނުބައި މައުލޫމާތުގެ ސަބަބުންކަމަށް ބެލެވެއެވެ. އެގޮތުން، އައިއެސްއަށް ތާއީދުކުރާ ވެބުސައިޓެއްގައި މިދެމަފިރިން ސީރިއާއަށް ދިޔަ ވާހަކަ ބަޔާންކުރަމުން ލިޔެފައިވަނީ “ކައިވެނި އޭގެ ޅަފަތުގައިވީ މި ދެމަފިރިންނަށް އެމީހުންގެ ޙަޔާތުގެ އުފާވެރިކަމަށް މިމުޖްތަމަޢުގެ (ރާއްޖޭގެ) ފަސާދަވެރިކަމާ ނުބައިކަން ހުރަސް އަޅަމުން ދާކަން ވިސްނެން ފެށިއެވެ. އެބާއްޖަވެރި ކައިވެނީގެ ބަރަކާތުން އެދެމަފިރިން އިންދާއޮށުން ފަޅާގަސް އެއީ މިފަދަ ފަސާދައިން ފުރިފައިވާ ބިމަކުން ފަޅާ ގަހަކަށް ވުމަށް އެދެހިތެއް ނޭދުނެވެ. ކިތަންމެ ސާފު ފެނެއް އެގަހަށް ދިންކަމުގައި ވިޔަސް، ތަޣައްޔަރުވެފައިވާ ބިމަކުން އެގަހައް ލިބޭ ނުބައި ކާނާޔާ، ވިހަ ޖައްވަކުން އެގަހަށްލިބޭ ވިހަވައިގެ ސަބަބުން އެގަހަކީ ޅަފަތުގައި މަރުވެފައިވާ ގަހަކަށްވެދާނެކަމުގެ ބިރު އެދެމަފިރިންނަށް ހީވަމުން ދިޔައެވެ. އެހެންކަމުން، ކައިވެންޏަށް އެންމެ އަހަރެއްވެސް ނުވާ ދެމަފިރިން ދިރިއުޅުން ދައުލަތުލް އިސްލާމަށް ބަދަލު ކުރީއެވެ. އަމިއްލަ ވަޒަނާއި، މައިންބަފައިންނާ އާއިލާޔާ ގާތްތިމާގެ މީހުން ދޫކޮށް އެދެމަފިރިން ދަތުރުފަށާފައިވަނީ ނުހަނު ފޮނި އުންމީދު ތަކަކާއެކުގައި ކަމަށްވެއެވެ.”

އާންމު ގޮތެއްގައި ޖިހާދަށްކަމަށް ބުނެ ގިނަ ދިވެހިން ސީރިއާއަށް ގޮސްފައިވަނީ އެކަށީގެންވާ މައުލޫމާތު ނުލިބި ކޮންމެވެސް ބައެއްގެ ބަހަށް ހެއްލިގެނެވެ. އެގޮތުން، އެފަރާތްތަކުގެ މައުލޫމާތު ރަގަޅަށް އެގެނީ އެޖަމާއަތްތަކާއި ގުޅިއެތަށް ދުވަހެއް ފަހުންނެވެ. އެހާހިސާބަށް ކަންތައްތައް ދާއިރު ވަނީ ހުރިހާ ލިޔެކިއުމެއް ނައްތާލާފައެވެ. ޕާސްޕޯޓާއި ނުވަތަ ތައުލީމީ ސެޓްފިކެޓްފަދަ މުހިންމު ލިޔެކިއުންތައް ނައްތާލައެވެ. އަދި ގައުމަށް އެބުރި ނާދެވޭގެ ގޮތުގެ މަތިން އިންތިޒާމުތައް ރާވާލައެވެ. އެއާއިއެކު އެބުރި ގައުމަށް އައުމަކީ ފަސޭހަކަމަށް ނުވެއެވެ.

ސުމާ ރާއްޖެއަންނަން ބޭނުންވެގެން ރާއްޖެ ނާދެވިފައި ހުރި ވާހަކަ ފޮޓޯއާއިއެކު ސޯޝަލް މީޑިއާގައި އާންމު ކުރުމާއިއެކު ގިނަ ބަޔަކު އެފަދަ މީހުން ރާއްޖެ ގެނައުމަށް ބޭނުންނޫން ކަމަގެ ޝުއޫރުވެސް ވަނީ ފާޅުކޮށްފައެވެ.

ސީރިއާއިން ބަލިވެފައިވާ އައިއެސް ޖަމާއަތާއި ގުޅިފައިވާ ދިވެހިންގެ އިތުރުން އެހެން ޖަމާއަތް ޖަމާއަތާއި ގުޅިފައިވާ ދިވެހިންގެ އެތައް ބަޔަކު ރާއްޖެ ނާދެވިފައިވާ ވާހަކަ މީގެ ކުރިން ވަނީ އެކިއެކި މީޑިއާތަކުން ހާމަކޮށްފައެވެ.

ޖިހާދަށްކަމަށް ބުނެ ރާއްޖެއިން ދިއުމަށްފަހު އެބުރި އައި ދިިިވެއްސެއްގެ ވާހަކަ ބަޔާންކުރަމުން މިހާރު ނޫހުގައި ލިޔެފައިވަަަަނީ “ޖިހާދުވުމުގެ ނަމުގައި އުޅޭ ބައެއް މީހުންގެ ހަގީގަތް މަޑުމަޑުން އޭނާއަށް ސާފުވާން ފެށީ ޖާސޫސްކުރަން އެކި ތަންތަނަށް ގޮސް މައުލޫމާތު އެއްކުރުމުގެ ތެރޭގަ އެވެ. އެގޮތުން ދީނުގައި ހަރާންކުރައްވާފައިވާ ކިތައްމެ ކަމެއް އެ މީހުން ދިޔައީ ކުރަމުންނެވެ. ބަދުއަހުލާގީ އަމަލްތަކާއި ފައިސާގެ ވަގު މުއާމަލާތްތަކެވެ. އެ ހުރިހާ ކަމެއް އެނގުނު އިރު އެތަނުގައި އޭނާ އުޅޭތާ ހަތް އަހަރު ވެއްޖެ އެވެ.”

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !