29 މާރިޗު 2020 ( އާދީއްތަ )

banner

ފުވައްމުލަކުގައި 800 ހައުސިންގ ޔުނިޓް އަޅަނީ

ފުވައްމުލަކު ސިޓީގައި 800 ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ޙާލިސް ޝަރީފް ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ޙާލިސް ޝަރީފް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ފުވައްމުލަކުގައި އެޅުމަށް ހަމަޖެހިފައިވާ 800 ހައުސިންގ ޔުނިޓް އެޅުމުގައި މިހާރު ގޯތި ލިބި ގެއެއް އެޅިފައިނުވާ ފަރާތްތަކަށް އެފަދަ ގޯތި ތަކުގައި ގެ އެޅުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށެވެ.

“ފުވައްމުލަކުން ގޯތި ލިބި މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އަލަށް މިހުޅުވާލި ހައުސިންގ ޔުނިޓް މަޝްރޫއުގެ ތެރެއިން ގެ އެޅުމުގެ ފުރުސަތުލިބޭނެ، ސަރުކާރުގެ ވިސްނުމަކީ ހަމައެކަނި ހައުސިންގ ޔުނިޓްތަކެއް އެޅުމެއްނޫން، ގޯތި ލިބި ގެ އެޅޭނެ ވަސީލަތްތައް ނެތް ފަރާތްތަކަށް ގެ އެޅޭނެ އުސޫލްތަކެއްވެސް މި 800 ހައުސިންގ ޔުނިޓްގެ ތެރެއިން ފަހިވެގެންދާނެ، އެފަދަ ފަރާތްތަކަށް ފަސޭހައިން ބޯހިޔާވަހިކަން ހޯދައިދިނުމަކީ މިސަރުކާރުގެ ވިސްނުމެއް” ޚާލިސް ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީ އިންވިދާޅުވީ އަމިއްލަ މީހުންގެ ގޯތި ތަކުގައި ގެ އެޅުމުގެ ފުރުސަތުގެ އިތުރުން ހައުސިންގ ޔުނިޓްތަކެއްވެސް އެޅިގެންދާނެކަމަށެވެ. އަދި އެކަމާއި ގުޅޭ މަޝްވަރާތައް މިހާރު ފުވައްމުލަކު ސިޓީ ކައުންސިލާއި ކުރެވިފައިވާ ކަމަށާއި ވަރަށް އަވަހަށް ހައުސިންގ ޔުނިޓް އަޅާނެ ބިންތައް ހަމަޖެހިގެންދާނެކަމަށެވެ.

ޙާލިސް އިތުރަށް ވިދާޅުވީ ފުވައްމުލަކުގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތައް ގާއިމްވެގެން ދިޔުމުން މިރަށުގައި މިހާރު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައެއްކޮށް ހައްލުވެގެން ދާނެކަމަށެވެ. އަދި ރަށުތެރޭގައި ގެ ނޭޅި ހުރި ހުސްގޯތިތައް އެއްކޮށްކަހަލަ ގޮތަކަށް ހުސްވެގެން ދާނެކަމަށް ބެލެވޭކަމަށެވެ. އަދި ރަށަށް އިތުރު ކުރިއެރުމާއި ވިޔާފާރިތައް އިތުރަށް ފުޅާވެ، ވަޒީފާގެ ފުރުސަތުތައްވެސް އިތުރަށް ފަހިވެގެން ދާނެ މަޝްރުއެއް ކަމަށެވެ.

ފުވައްމުލަކުގައި މިހާރުވެސް 200 ފުލެޓް ސަރުކާރުން ތަރައްގީކޮށް ފުލެޓްލިބޭ ފަރާތްތަކާއި ހަވާލުކުރުމުގެ އިދާރީ މަސައްކަތް ކުރިއަށް އެބަދެއެވެ. މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހުގެ ތެރޭގައި ފުލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު