ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ދީދީ ރައްޔިތުންނާއި ބައްދަލުކޮށް ނަމޫނާ ދައްކަދީފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރުދުމާ މާލަމްގައި މެދު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކޮށް ހުސައިންވަނީ ވޭތުވެދިޔަ ދުވަސްތަކުގައި މަޖިލީހުގައި ކުރި މަސައްކަތްތައް ހިއްސާކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރައްވާނެ ގޮތުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާކޮށްފައިވެއެވެ.
ރައްޔިތުންނާއި ބައްދަލުކޮށް ހުސައިން ވިދާޅުވީ ކުރިންވެސް ދެންނެވިގޮތަށް މިފަދަ ބައްދަލުވުންތައް ކުރިއަށް އޮތްތަނުގައި ބާއްވާނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާނެކަމަށެވެ. އަދި އެފަދަ ކަންބޮޑުވުންތައް ހައްލުހޯދުމަށް މަޖިލިސް ތެރެއިންނާއި ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށްވެސް ގެންދަވާނެކަމަށެވެ.
ފުވައްމުލަކުގެ މަގު ހެދުމުގެ ޕްރޮޖެކްޓާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ އެމްޓީސީސީ އިން މިހާރު ކުރިއަށްގެންދަނީ އެތެރޭގެ މަގުތައް ޑިޒައިން ކުރާއި އީއައިއޭ ހެދުމުގެ މަސައްކަތްކަމަށެވެ. “ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެމަސައްކަތް ނިމި ނޮވެމްބަރ މަހު އަމަލީ މަސައްކަތް ފެށިގެން ދާނެ” އެމްޓީސީސީ އިން މައުލޫމާތު ދެއްވާފައިވާ ކަމަށް ހުސައިން ވިދާޅުވިއެވެ.
ސިއްހީދާއިރާއިން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި ބެހޭ ގޮތުން ހެލްތު މިނިސްޓަރާއި ބައްދަލުކުރެއްވި ކަމަށާއި މިނިސްޓަރ ވިދާޅުވެފައިވަނީ ރައީސްގެ ވައުދު އެގިވަޑައިގަންނަވާ ކަމަށާއި އެކަމާއި ގުޅޭ އަމަލީ އެއްވެސް މަސައްކަތެއް އަދި ކުރެވިފައި ނުވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ މަސައްކަތް ފެއްޓޭނެ ދުވަހެއް ވިދާޅުވެފައި ނުވާކަމަށެވެ.
” މިނިސްޓަރ ވިދާޅުވި ކުރިއަށް އޮތް އަހަރަށް 40 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ ޕްރޮގުރާމްގައި ހިމެނޭކަމަށް، އަދި އެއީ ކޮން މަޝްރޫއަށްކަމަށް ވިދާޅެއް ނުވޭ، ނަމަވެސް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެކަންތައްތައް އެގިގެންދާނެ” ހުސައިން ވިދާޅުވިއެވެ.
ހުސައިން އިތުރަށް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ އާއި ބައްދަލުކުރެއްވި ކަމަށާއި އެމިނިސްޓްރީ އިން ވިދާޅުވެފައިވަނީ އެމްޖޭއެސްގެ އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފެއްޓޭނެ ކަމަށެވެ. “އިސްލާމިކް މިނިސްޓަރާއި ބައްދަލުކުރުމަށް މިހާރުވާނީ އެޕޮއިންޓްމަންޓަކަށް އެދިފައި” ހުސައިން ވިދާޅުވިއެވެ.
ހުސައިންގެ ބައްދަލުވުމުގައި ބައިވެރިވި ރައްޔިތަކުގެ ފާހަގަކުރިގޮތުގައި ހުސައިން ދެއްކެވި ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށާއި އެގޮތުގައި ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނެ ކަމަށް އުންމީދު ކުރާކަމަށެވެ. އަދި ހުސައިން މުހައްމަދާއި ދޭތެރޭ ފަހްރުވެރިވެ އުފާކުރާ ކަމަށެވެ.
ހުސައިން މުހައްމަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލާ އަދި އެސުވާލުތަކަށް ޖަވާބު ދެއްވާފައިވެއެވެ.
ރައްޔިތުންނާއި ބައްދަލުކޮށް މަޖިލީހުގައި ބަހުސްކުރެވޭ ބިލްތަކާއި ގުޅޭގޮތުން މައުލޫމާތު ހާމަކޮށް ރައްޔިތުންނާއި ހިއްސާކޮށް އަދި ރައްޔިތުންގެ ހިޔާލު ހޯއްދަވާނެ ކަމަށް ކެމްޕެއިން ތެރޭގައި ހުސައިން މުހައްމަދު ވައުދުވެފައިވެއެވެ.
މިއީ ފުވައްމުލައް ތަމްސީލް ކުރައްވާ މެމްބަރަކު މިފަދަ ގޮތަކަށް ރައްޔިތުންނާއި ބައްދަލުކޮށް މައުލޫމާތު ހިއްސާކުރެއްވި ފުރަތަމަ ބައްދަލުވުންކަން ފާހަގަ ކުރެވެއެވެ. މިހެންކަމުން ހުސައިން މުހައްމަދު އަށް ގިނަ ބަޔަކު ތައުރީފް ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.
ޚިޔާލުތައް