A wide advertisement which will be shown on all devices. (700 x 100)

އިންޓަނެޓް އަގުހެޔޮވެ، ގައުމީ ޕޭމަންޓް ގޭޓްވޭއެއް ގާއިމުވާނެ – ޓެކްނޮލޮޖީ މިނިސްޓަރު މަލީހު

މިސަރުކާރުގައި އިންޓަނެޓުގެ އަގު ހެޔޮވާނެ ކަމަށާއި އަދި ނެޝަނަލް ޕޭމަންޓް ގޭޓްވޭއެއް ގާއިމުވެގެންދާނެ ކަމަށް މިނިސްޓާ އޮފު ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ. މަލީހު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަދައްކަވަމުންނެވެ.

މަލީހު ވިދާޅުވީ ބްރޯޑްބޭންޑް ޕޮލިސީ ހަދައި ތަންފީޒުކުރަން ފެށުމުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. ޕޮލިސީގެ ތެރެއިން ހައްލުވެގެންދާނެ މައްސަލަތަކަށް އަލިއަޅުއްވަމުން މަލީހު ވިދާޅުވީ މަސް ނިމިގެންދާއިރު ބާކީ ހުންނަ ޑޭޓާ، ޖެހިގެން އަންނަ މަހު ބޭނުން ނުކުރެވުމުގެ މައްސަލަ މިހާރު ކުރިމަތިވާކަމަށާއި އެ ޕޮލިސީއާ އެކު އެ މައްސަލައަށް ހައްލު އަންނާނެ ކަމަށެވެ. މީގެ އިތުރުން އިންޓަނެޓު ދެވޭނެ އެންމެ ދަށް ސްޕީޑް ކަނޑައެޅުން ފަދަ ކަންތައްތަކާ އެކު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ބްރޯޑްބޭންޑް ޕޮލިސީ ހަދާފައިވާ ގޮތުގެ އެސެސްމަންޓެއް ހެދިފައިވާ ކަމަށާއި އީޔޫ ޕޮލިސީތަކަކީ ބެންޗްމާކެއް ކަމަށް ބަަލައިގެން މަސައްކަތް ކުރަމުން އަންނަކަމަށް ސްޓޭޓް މިނިސްޓަރު އަހުމަދު އަފްޒަލް ވިދާޅުވި އެވެ.

އިންޓަނެޓުގެ އަގު ހެޔޮނުވާކަމުގެ ގިނަ ޝަކުވާތަކަށް މިނިސްޓަރު އުއްމީދީ ޖަވާބެއް ވެސް ދެއްވިއެވެ. “އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ މާތްﷲގެ ވާގިފުޅާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެއަށް ދެވޭ އިންޓަނެޓުގެ އަގު ހެޔޮވެގެންދާނެ. އެކަމާ ޝައްކު ނުކުރައްވާށޭ،” މަލީހު ވިދާޅުވި އެވެ. އިންޓަނެޓް އަގުހެޔޮކުރުމާ ގުޅޭގޮތުން ކޮމިއުނިކޭޝަން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ނިންމައި މިދިޔަ ޖޫން މަހު ވަނީ ރައީސް އޮފީހަށް ފޮނުވައިފައިވާ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މިސަރުކާރުން އަމާޒު ހިފާފައިހުރީ ޑިޖިޓަލް އިކޮނޮމީއަކާ ދިމާލަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ޕޭޕަލް ފަދަ މުހިއްމު ހިދުމަތްތައް ރާއްޖޭގައި ނުލިބޭކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭ ކަމަށާއި ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ އަކީ، އަގުބޮޑު، ބޭނުން ކުރަން އުނދަގޫ އަދި އެންމެ އެކަށީގެންވާ ސިސްޓަމް ނޫންކަމަށް ވަރަށް ގިނަ ބަޔަކު ބުނާކަމަށް ވިދާޅުވި އެވެ. އެކަންތަކަށް ހައްލެއް ގެނައުމަށް މަރުކަޒީ ބޭންކުން ނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނަމުގައި ޕޭމަންޓް ސިސްޓަމެއް ހަދަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !