22 ޖެނުއަރީ 2020 ( ބުދަ )

ފުނާޑު، މިސްކިތްމަގު ދާއިރާއަށް އިނާ ފޯމް ހުށަހަޅައިފި

މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ފުނާޑު އަދި މިސްކިތްމަގުގެ ބައެއް ހިމެނޭ ދާއިރާ ފުވައްމުލަކު ހުޅަނގު ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް އާމިނަތު އިނާޔާ (އިނާ) ފުނާޑު ރަތަމަލާނާ ފޯމް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ އޮފީހަށް އިނާ ފޯމް ހުށަހަޅާފައިވަނީ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އެކުއެވެ. އެމްޑީޕީ އިން ފުވައްމުލަކުގައި ހިންގާ ކެމްޕެއިން ހަރަކާތްތަކުގައި އަބަދުވެސް ހަރަކާތްތެރިވަމުން އަންނަ އިނާ ފާހަގަ ކުރެވިފައިވަނީ ގިނަ ބައެއް ރަހްމަތްތެރިއެއްގެ ގޮތުގައެވެ. އިނާ ވަނީ އޭވިއޭޝަން ދާއިރާގެ އިތުރުން ތައުލީމީ ދާއިރާގައިވެސް ހާއްސަކޮށް ފުވައްމުލަކަށް ޚިދުމަތްތަކެއް ކޮށްފައެވެ. އަދި އެދާއިރާތަކުން ތައުލީމް ހާސިލްކޮށްފައިވެސްވެއެވެ. މީގެ އިތުރުން އިނާ ފާހަގަ ކުރެވިފައިވަނީ އިޖުތިމާއީ އަދި ކުޅިވަރު ހަރަކާތް ތައް ރޭވުމުގައި ހަރަކާތްތެރިވެ، އިޖުތިމާއީ މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ބައެއް ޖަމްމިއްޔާ ޖަމާއަތްތަކުގެ އެކްސްކޯ މެމްބަރެއްގެ ގޮތުގައި ފުވައްމުލަކަށް ޚިދުމަތްތަކެއް ކޮށްދީފައިވެއެވެ.

އިނާގެ އިތުރުން އަންހެނުންނަށް ހާއްސަކޮށްފައިވާ މިދާއިރާ އަށް ދެން ކުރިމަތިލާފައިވަނީ އާމިނަތު ޝަބީނާ ޝާކިރު، ގަދަގެ ފުނާޑު އެވެ. އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ޚިޔާލު