20 ފެބުރުއަރީ 2020 ( ބުރާސްފަތި )

banner

ހެޔޮޚަަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: ޒުބައިރު ބުނު އައްވާމް 2

ޖިހާދުގެ މައިދާނުގައި

ކީރިތި ރަސޫލުﷲ (ސއވ) އާއިއެކު އެކަލޭގެފާނު ބައިވެރިވެވަޑައިގަތް ހުރިހާ ހަގުރާމައެއްގައިވެސް ޒުބައިރު ބުނު އައްވާމް ބައިވެރިވެވަޑައިގަތެވެ. ޒުބައިރު ބުނު އައްވާމް ހިމެނިވަޑައިގަންނަވަނީ ހިތްވަރުފުޅު ގަދަ އަސްވާރެއްގެ ގޮތުގައެވެ. އަދި ހަގުރާމައިގެ މައިދާނުގައި އާދަޔާ ޚިލާފު ހަގުރާމަވެރިއެއްގެ ގޮތުގައިވެސް އެކަލޭގެފާނު ފާހަގަކުރެވެއެެވެ.

މައްކާގެ މުޝްރިކުންނާއި ދެކޮޅަށް މުސްލިމުން ފުރަތަމަ ނިކުތް ބަދުރު ހަގުރާމައަށް ތައްޔާރުވެވުނު ހިނދު މުޝްރިކުންގެ އަދަދު ބެއްލެވުމަށާއި ޚަބަރު އޮޅުންފިލުވުމަށް ޒުބައިރު (ރއ) އާއި އަލީ(ރއ) އާއި ދެބޭކަލުން ފޮނުވުނެވެ. ބަދުރުގެ މައިދާނުގައި ޒުބައިރު (ރއ) އަށް އެތައް ޒަޚަމްތަކެއް ލިބިވަޑައިގަތެވެ. އެކަލޭގެފާނުގެ ދަރިކަލުން އުރުވާ ބުނު ޒުބައިރު ރިވާކުރެއްވިއެވެ. އެކަލޭގެފާނު (އުރުވާ) ތުއްޕުޅުއިރު އެކަލޭގެފާނުގެ ބައްޕާފުޅުގެ ގައިކޮޅުގައި ހުންނަ ލަކުނުތަކާއިކުޅެމެވެ. އެލަކުނު ތަކުގެ ތެރޭގައި އާދަޔާ ޚިލާފަށް ފުންކޮށް ހުންނަ ތިން ލަކުނެއްވެއެވެ. އެތިން ލަކުނަށް އެކަލޭގެފާނުގެ އިގިލިކޮޅު ވަދެއެވެ. އެތިން ލަކުނުގެ ތެރެއިން ދެލަކުނަކީ ބަދަރު ހަގުރާމައިގައި ލިބުނު ޒަޚަމުތަކުގެ ތެރެއިން އުފެދުނު ދެލަކުނެކެވެ. އަނެއް ލަކުނަކީ ޔަރުމޫކު ހަގުރާމައިގައި ލިބިވަޑަގަތް ޒަޚަމެކެވެ.

ބަދުރު ހަގުރާމައިގެ ދުވަހު ޒުބައިރު (ރއ) ރީދޫ ކުލައިގެ ފޮށައެއް ތުރުކުރައްވައިގެން ހަގުރާމަކުރެއްވިއެވެ. އެދުވަހު މަލާއިކަތް ބޭކަލުން ވަޑައިގަތީ އެފަދަ ގޮތަކަށް ކަމަށް ކީރިތި ރަސޫލޫﷲ (ސއވ) ހަދީސް ކުރެއްވިކަމަށް އަބޫ ޔައުުނާގެ މުސްނަދާއި ހަވާލާދީ ޔާސިރު ގާދީ ވިދާޅުވެއެވެ.

ޒުބައިރު(ރއ)ގެ އަރިހުން ރިވާކުރެއްވިއެވެ. އުހުދު ހަގުރާމައިގެ ދުވަހު ކީރިތި ރަސޫލު ﷲ (ސއވ) ގެ ކަނޑިކޮޅުގައި ހިއްޕަވާނީ ކޮންބޭކަލެއްތޯ އެއްސެވި ހިނދު އެންމެ ފުރަތަމަ އެކަމަށް އިސްނެންގެވީ ޒުބައިރު ބުނު އައްވާމެވެ. ނަމަވެސް، ކީރިތި ރަސޫލު ﷲ(ސއވ) ދެވަނަ ފަހަރަށް ތަކުރާރު ކުރެއްވުމުން އުހުދު ހަގުރާމައިގައި އާދަޔާ ޚިލާފު ހުށިޔާރުކަމެއް ދެއްކެވި ބަތަލެއް ކަމަށްވާ އަބޫދުޖާނާ އިސްނެންގެވިއެވެ. މިކަމާއި ގުޅިގެން ޒުބައިރު (ރއ) އަށް އެކަނޑިކޮޅު ނުލިބި އަބޫ ދުޖާނާ އަށް އެކަނޑިކޮޅު ދެއްވި ސަބަބު ބެއްލެވުމަށް އަބޫ ދުޖާނާ ފަސްފަހަތް ބެއްލެވުމަށް ޒުބައިރު (ރއ) ނިންމެވިއެވެ. އެދުވަހު އަބޫ ދުޖާނާ ދެއްކެވި ހިތްވަރުފުޅާއި ކާމިޔާބީ ސިފަކުރައްވާފާއިވަނީ ޒުބައިރު (ރއ) އެވެ.

އުހުދު ހަގުރާމައިގައި މުސްލިމުންގެ ސަފުތައް ފަހަތައް ޖެހުނު ހިނދު ކީރިތި ރަސޫލުﷲ (ސއވ) ހިމާޔަތް ކުރެއްވުމަށް ހަގުރާމައިގެ މައިދާނުގައި ސާބިތުވެ ތިބި ބޭކަލުންގެ ތެރޭގައި ޒުބައިރު (ރއ) ހިމެނިވަޑައިގަންނަވައެވެ. އެހަގުރާމައިގައި އެކަލޭގެފާނުގެ މަންމަ ފަރާތުގެ ބޮޑުބޭބޭފުޅު ހަމްޒާ (ރއ) ޝަހީދުވިއެވެ. އެޚަބަރު ލިބިވަޑައިގެން އެކަލޭގެފާނުގެ މަންމާފުޅު ސަފިއްޔާ ބިންތި އަބްދުލް މުއްތަލިބު ހަގުރާމަ ނިމުނުތަނާހެން ވަޑައިގަތެވެ. ނަމަވެސް، ކީރިތި ރަސޫލުﷲ (ސއވ) ގެ އިރުޝާދަށް އެކަމަނާ ހުއްޓުވުމަށް ވަޑައިގަތީ ޒުބައިރު (ރއ)އެވެ. ނަމަވެސް އެކަމަނާގެ ކެތްތެރިކަމާއި އެކަމަނާގެ ނިޔަތް އެގިވަޑައިގެން އެކަމަނާއަށް އެ ހުއްދަދެއްވިއެވެ.

އުހުދު ހަގުރާމަ ނިމުމަށްފަހު މުސްލިމުންނަށް ލިބުނު ގެއްލުމާއި ހާނިއްކައާއިއެކު މަދީނާ އަށް އެބުރި ވަޑައިގަތުމަށްފަހު ގިނަ ވަގުތުތަކެއް ނުވެ ލަޝްކަރެއް ތައްޔާރުކުރެވުނެވެ. މިލަޝްކަރު ތައްޔާރު ކުރެވުމުގެ ބޭނުމަކީ މުސްލިމުންނަށް ލިބުނު ގެއްލުމާއި އެކު ގުރައިޝުން އަނެއްކާވެސް މުސްލިމުންނަށް ހަމަލާއެއް ދިނުމަށް އަބުރާ އައިސްދާނެކަމަށް ބަލާ ތައްޔާރުކުރެވުނު ލަޝްކަރެކެވެ. މިލަޝްކަރަށް ގޮވާލުމާއިއެކު މުނާފިގުން އިސްނެގިއެވެ. ނަމަވެސް މުނާފިގުންގެ އިސްނެންގެވުން ގަބޫލުފުޅު ނުކުރައްވައި އުހުދު ހަގުރާމައިގައި ބައިވެރިވި ބޭކަލުންގެ ތެރެއިން ލަޝްކަރެއް ކީރިތި ރަސޫލު ﷲ(ސއވ) އެކުލަވާލެއްވިއެވެ. މިލަޝްކަރުގެ އިސްބޭކަލުންގެ ތެރޭގައި ޒުބައިރު (ރއ) އާއި އަލީ ބިން އަބީ ތާލިބު ހިމެނުއްވިއެވެ. މިލަޝްކަރުގައި އަބޫބަކުރު (ރއ)ވެސް ހިމެނިވަޑައިގަތެވެ.

އައިޝާ (ރއ) ގެ އަރިހުން އުރުވާ ބުނު ޒުބައިރު ރިވާކުރެއްވިއެވެ. އައިޝާ (ރއ) ތިމަންކަލޭގެފާނަށް ދެންނެވިއެވެ. ކީރިތި ޤުރުއާނުގެ އާލު އިމްރާނު ސޫރަތުގެ 172 ވަނަ އާޔަތުގައި ނަންގެނެވިފައިވާ “ރަސޫލުﷲ (ސއވ) އަށް އިޖާބަ ދިން މީހުންގެ ތެރެއިން ކަލޭގެފާނުގެ ދެބައްޕާފުޅު (އެބަހީ ޒުބައިރު (ރއ) އާއި އަބޫބަކުރު (ރއ)) ހިމެނިވަޑައިގަންނަވައެވެ.

“އެއީ އެއުރެންނަށް ވޭނާއި، ހާނިއްކަ ލިބުމަށްފަހުވެސް، ﷲ އާއި ރަސޫލާ އަށް އިޖާބަދިން މީހުންނެވެ. އެއުރެންގެ ތެރެއިން އިހުސާންތެރިވެ ތަގުވާވެރިވި މީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުއްޓެވެ.” 3:172

ޚަންދަގު ހަގުރާމައިގައި ޚަންދަގު ތައްޔާރުކުރަމަށް ބުރަކޮށް ޒުބައިރު (ރއ) މަސައްކަތް ކުރެއްވިއެވެ. ޚަންދަގު ހަގުރާމައަށް އަރަބިން އެކުލަވާލި 10 ހާސް ހަގުރާމަވެރިންގެ ލަޝްކަރު ޚަންދަގު ހުރަސްނުކުރެވި މަދީނާގެ ރަށްބޭރުގައި ކޭމްޕުކުރިއެވެ. ދުވަސްތައް ހަފުތާއަށް ބަދަލުވެ ހަގުރާމަ ދިގުދެމިގެން ދިޔައެވެ. މުސްލިމުންގެ ކާބޯތަކެތި މަދުވެ ބިރުވެރިކަން އުފެދުނެވެ. އެބިރުވެރިކަމުގެ ތެރޭގައި ވަނިކޮށް އަނެއްކާވެސް ލިބިގެންދިޔައީ އިތުރު ބިރުވެރި ޚަބަރެކެވެ. މަދީނާގެ ޔަހޫދީ ގަބީލާއެއްކަމަށްވާ ބަނޫ ގުރައިޟާގެ ޔަހޫދީން މުސްލިމުންގެ އަހުދަށް ޚިޔާނާތްތެރިވެ މުޝްރިކުންގެ ލަޝްކަރަށް ބައިއަތު ހިފި ޚަބަރެވެ.

ރަސޫލާގެ ހަވާރީ

މިޚަބަރު ލިބުނު ދުވަހުގެ ރޭ ކީރިތި ރަސޫލުﷲ (ސއވ) މުސްލިމުން އެއްކުރައްވައި ބަނީ ގުރައިޟާގެ ޚަބަރު ޙޯއްދެވުމަށް ވަޑަަގަންނަވާނީ ކޮންބޭކަލަކު ދެންނެވިއެވެ. އެހިނދު ޒުބައިރު (ރއ) އެކަމަށް އިސްނެންގެވިއެވެ. އަނެއްކާވެސް ކީރިތި ރަސޫލު ﷲ (ސއވ) ސުވާލު ތަކުރާރުކުރެއްވިއެވެ. ދެވަނަ ފަހަރަށްވެސް އިސްނެންގެވީ ޒުބައިރު (ރއ) އެވެ. ތިންވަނަ ފަހަރަށް ސުވާލު ތަކުރާރު ކުރެއްވުމުންވެސް އެއްވެފައި މީސްތަކުންގެ ތެރެއިން އެއްވެސް ބެއިކަލަކަށް އިސްނަންގަވަން ކެރިވަޑައިނުގެން ތިއްބަވަނިކޮށް ތިންވަނަ ފަހަރަށް ޒުބައިރު ބުނު އައްވާމު އިސްނެންގެވިއެވެ.

ޒުބައިރު (ރއ) ގެ މި އިސްނެންގެވުމާއި ގުޅިގެން ޒުބައިރު (ރއ) އަށް ކީރިތި ރަސޫލުﷲ(ސއވ) ގެ ހަވާރީ ކަމުގައި އެކަލޭގެފާނު ދެންނެވިއެވެ. ކީރިތި ރަސޫލު ﷲ(ސއވ) ހަދީސް ކުރެއްވިއެވެ. ކޮންމެ ނަބީބޭކަލަކަށްވެސް ހަވާރީއެއްވެއެވެ. ތިމަންކަލޭގެފާނުގެ ހަވާރީއަކީ ޒުބައިރު ބުނު އައްވާމެެވެ. ހަވާރީ ނުވަތަ ޑިސައިޕްލް އަކީ ސާހިބާ ވިދާޅުވާ ނުވަތަ ގެންނަވާ ހުރިހާ ކަމެއް ފުރިހަމައަށް ކުރައްވާ އަރިސްބޭފުޅެވެ. ޒުބައިރު ބުނު އައްވާމް ފިޔަވާ އެހެން އެއްވެސް ސަހާބީބޭކަލަކަށް ކީރިތި ރަސޫލުﷲ (ސއވ) ގެ ހަވާރީގެ ލަގަބު ލިބިފައެއްނުވާ ކަމަށް އިސްލާމީ ތާރީޚީ އިލްމުވެރިން އެއްބަސްވެލައްވައެވެ.

އެބިރުވެރިރޭގެ އެބިރުވެރި ކަމުގެ ތެރޭގައި އެކަނިމާއެކަނި މުސްލިމުންގެ އަހުދަށް ޚިޔާނާތްތެރިވެފައިވާ ގުރައިޝުންގެ ގަބީލާއަށް ބައިއަތު ހިފާފައިވާ ބަނީ ގުރައިޟާ ގެ ޔަހޫދީގެ ޚަބަރު ހޯއްދެވުމަށް ނިކުންނެވިއެވެ. އެބިރުވެރިކަމުގެ ތެރޭގައި ބަނީ ގުރައިޟާ ކިއްލާ ސަރަހައްދަށް ވަޑައިގެން އެބޭކަލުން މުސްލިމުންގެ އަހުދަށް ޚިޔާނާތްތެރިވެފައިވާކަން ޔަގީން ކުރައްވޭވަރުގެ ހެއްކާއިއެކު އެކު ވަޑައިގަތެވެ.

“އެބައިމީހުން އެމީހުންގެ ކަންބަޅިތައް އެއްކޮށް އަސްތައް ތައްޔާރުކުރަނީއެވެ.” ޒުބައިރު (ރއ) ވަޑައިގެން މުސްލިމުންނަށް ޚަބަރު ދެއްވިއެވެ. މިޚަބަރާއިއެކު ބަނީ ގުރައިޟާ ގަބީލާއިން މުސްލިމުންނަށް ޚިޔާނާތްތެރިވެފައިވާކަން ކަށަވަރުވިއެވެ. އެހެނީ ކަންބަޅިތައް އެއްކޮށް ކިއްލާ ތެރެއަށް ވެއްދުމާއި އަސްތައް ތައްޔާރުކުރުމަކީ ހަގުރާމައަކަށް ތައްޔާރުވުމުގެ ނިޝާނެކެވެ.

ޒުބައިރު (ރއ) މިޚަބަރު ގެނެސް ދެއްވުމާއި ގުޅިގެން ކީރިތި ރަސޫލުﷲ (ސއވ) ޒުބައިރު (ރއ) އަށް ނިސްބަތްކުރައްވައި ހަދީސް ކުރެއްވިއެވެ. “ތިބާއަށްޓަކައި އަޅުގަނޑުގެ މަންމަ އާއި ބައްޕަ ފިދާކުރަމެވެ.” މިއިބާރާތް ކީރިތި ރަސޫލުﷲ (ސއވ) ހަދީސް ކުރައްވާފައިވަނީ އެންމެ ދެ ސަހާބީންނަށް ކަމަށް ތާރީޚީ އިލްމުވެރިން ވިދާޅުވެލައްވައެވެ. އެއީ ޒުބައިރު (ރއ) ގެ އިތުރުން އުހުދު ހަގުރާމައިގެ މައިދާނުގައި ސައުދު ބިން އަބީ ވައްގާސް އަށެވެ.

ޚައިބަރު ހަގުރާމައިގެ މައިދާނުން

ޒުބައިރު (ރއ)ގެ ހިތްވަރުފުޅާއި ކުޅަދާނަކަން ޚައިބަރު ހަގުރާމައިންވެސް ފާހަގަވެގެން ދިޔައެވެ. ޚައިބަރު ހިއްޕެވުމަށް ކުރެވުނު ހަގުރާމަތަކުގެ ތެރެއިން އެއްހަގުރާމައިގައި މުސްލިމުންގެ ސަފުތަކަށް ހަމަލާދެމުން އައި އާދަޔާޚިލާފަށް ބިޔަ ހަށިގަނޑުންވަރުގަދަ މީހަކު ފާހަގަކުރެވުނެވެ. މީނާ މުސްލިމުންގެ ލަޝްކަރުގެ އެކިއެކި ދިމަދިމާލުން ހަމަލާދީ މީހުންތައް ގަތުލުކުރަމުންދެއެވެ. އޭނާގެ ކުރިމައްޗަށް ނިކުންނަ ކޮންމެ މީހަކު ގަތުލުކުރުމަށްފަހު މުސްލިމުންގެ ލަޝްކަރަށް ގޮންޖަހާ މީނާގެ ކުރިމައްޗަށް ނިކުތުމަށް ދައުވަތުދެއެވެ. އެންމެފަހުން މުސްލިމުންގެ ސަފުތަކުގެ ތެރެއިން މީނާގެ ކުރިމައްޗަށް ނިކުތުމަށް ފަސްޖެހެންފެށިއެވެ. މިދަޑިވަޅުގައި މީނާއަށް ގޮންޖަހާ މީނާއާއި ކުރިމަތިލުމަށް ޒުބައިރު (ރއ) ނިކުތެވެ. މިތަން ފެނިފައި ޒުބައިރު (ރއ) ގެ މަންމާފުޅު ސަފިއްޔާ ބިންތި އަބުދުލް މުއްތަލިބު ރަސޫލުﷲ (ސއވ) އަރިހުން ޒުބައިރު ހުއްޓުވުމަށް އެދުނެވެ. އަދި ދެންނެވިއެވެ. އޭނާ ތިމަންކަމަނާގެ ދަރިކަލުން ޝަހީދުކޮށްލާނެއެވެ. ޖަވާބުގައި ރަސޫލު ﷲ(ސއވ) ހަދީސްކުރެއްވީ ނޫނެކެވެ. ޒުބައިރު އޭނާ ގަތުލުކޮށްލާނެއެވެ.

ރަސޫލު ﷲ(ސއވ) ހަދީސް ކުރެއްވިފަދައިން އިސާހިތަކު އެ އާދަޔާ ޚިލާފަށް ބިޔަ ވަރުގަދަ ފަހުލަވާނު ޒުބައިރު (ރއ) ގެ ހަމަލާތަކުން ގަތުލުވެއްޖެއެވެ. މުސްލިމުން ދުޝްމަނުންނާއި ދެކޮޅަށް ކުރެވުނު ހަގުރާމަތަކުގައި ޒުބައިރު (ރއ) ގެ ހިތްވަރުގަދަކަމާއި ކުޅަދާނަކަން ވަނީ ދައްކާފައެވެ.

މައްކާ ހިއްޕެވި ދުވަހު މުސްލިމުންގެ ލަޝްކަރުގެ ދިދަ ދެއްވި ތިން ބޭކަލުންގެ ތެރޭގައި ޒުބައިރު (ރއ) ހިމެނިވަޑައިގަންނަވައެވެ.

މުޝްރިކުން ޚުބައިބު ސަލީބަށް އަރުވާ ގަތުުލު ކުރުމާއި ވިދިގެން ޚުބައިބުގެ ހަށިގަނޑު ސަލީބުން ނެގުމަށްފަހު އަބުރާ ގެނެސްދެއްވާނީ ކޮން ބޭކަލެއްތޯ ސުވާލު ދެންނެވުނު ހިނދު އެކަމަށްވެސް ޒުބައިރު (ރއ) އިސްނެނެގެވިއެވެ. މިމަސައްކަތައް އަލްމިގްދާދު އާއިއެކު ރެއާއި ދުވާލު ދަތުރުކުރައްވާ 40 ދުވަހުން އެސަރަހައްދަށް ދެވުނު އިރު ޙުބައިބުގެ ހަށިގަނޑު ސަލީބަށް ނަގާފައިހުރި ތަނުގެ ފާރައަށް 40 މީހުން ތިއްބެވިއެވެ. މިހުރިހާ އެންމެވެސް ތިބީ ނިދިފައެވެ. ވަގުތުގެ ބޭނުން ހިއްޕަވައި އަވަސްއަވަހަށް ހަށިގަނޑު ސަލީބުން ތިރި ކުރުމަށްފަހު އަހަށް އަރުވައި ދަތުރު ފެށިއެވެ.

ޚުލަފާއުއްރާޝީދޫންގެ ދައުރުގައި

ކީރިތި ރަސޫލުﷲ (ސއވ) ދުނިޔެ ދޫކުރެއްވުމަށްފަހު އަބޫބަކުރު (ރއ) އާއި އުމަރު (ރއ)ގެ ވެރިކަމުގައިވެސް އެންމެ އަރިސް ބޭކަލުންގެ ތެރޭގައި ޒުބައިރު (ރއ) ހިމެނިވަޑައިގަތެވެ.

(ނުނިމޭ)

ގުޅޭ ލިއުންތައް

ހެޔޮޚަަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: ޒުބައިރު ބުނު އައްވާމް


ކިޔުންތެރިންގެ ޚިޔާލު