31 މެއި 2020 ( އާދީއްތަ )

banner

އާތިޔާ ނަސީރު: ފުވައްމުލަކު އަޑު އިއްވައިދޭނެ ކަނބަލެއް

ޏ.ފުވައްމުލަކު މާދަޑު، ހަޒާރުމާގެ ފާތިމަތު އަޙްމަދުދީދީ އާއި، ދިގުވާނޑު، މޯނިންގްލޯރީ ޢަލީ ނަޞީރަށް ލިބުނު 6 ކުދިންގެ ތެރެއިން އެ އާއިލާގެ 3 ވަނަ ދަރިފުޅު، ޢާއިޝަތު ޢާޠިޔާ ނަޞީރު، އުފަންވީ  08 އޮކްޓޫބަރުގައެވެ. ޢާޠިޔާގެ ބައްޕަޔަކީ ވިޔަފާރި ވެރިއަކަށް ވެފައި މަންމައަކީ އިޖްތިމާއީ ޚިދުމަތްތަކުގައި މުޅި ރަށު ފެންވަރުގައި ފާހަގަ ކޮށްލެވޭ ޚިދުމަތްތެރި ލީޑަރެކެވެ. ޢާޠިޔާ ދިޔައީ އެންމެ ކުޑައިރުގައި ވެސް ބައްޕަގެ ވިޔަފާރިއާއި މަންމަ ކުރަމުންދިޔަ އިޖުތިމާއި ހަރާކާތްތަކުގައި ބައިވެރިވަމުންނެވެ.

އާތިޔާ ވިދާޅުވީ އެނެމް ފުރަތަމަ ތައުލީމީ ހަޔާތް ފައްޓާފައިވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގައިކަމަށެވެ. އެސުކޫލްގެ ގުރޭޑް އެކަކުން ފަހަކަށް ތައުލީމު ހާސިލްކުރުމަށް ފަހު، ދެން މާލެ އިންގްލިޝް ސްކޫލްގައި ހަވަނަ ގުރޭޑާއި ހަތްވަނަ ގުރޭޑް ނިންމުމަށްފަހު، ސާނަވީ ތައުލީމު ހާސިލު ކުރީ އަމީނިއްޔާ ސްކޫލުން ކަމަށެވެ. އާތިޔާއަށް ކިޔަވައި ދެއްވި ޓީޗަރަކު ވިދާޅުވީ ޢާޠިޔާގެ މަދުރަސީ ދުވަސްވަރު ފާހަގަކޮށްލެވެނީ ތޫނިފިލި، އަދިބިއްޔާތާއި ކުޅިވަރަށް މޮޅު އަދި އިތުރު ހަރަކާތްތަކުގައި ފާހަގަކޮށްލެވޭ ދަރިވަރެއްގެ ގޮތުގައިކަމަށެވެ.

 

މަސައްކަތުގެ މާހައުލު

ފުރާވަރު އުމުރުގައި މަސައްކަތުގެ މާހައުލަށް ނިކުތީ 1992 ވަނަ އަހަރު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 7ގެ ދަރިވަރުންނަށް ސައިންސް ކިޔަވައިދޭނެ މުދައްރިސުން ސްކޫލްގައި ނެތުމުން، ސްކޫލްގެ އެދުމަކަށް ހިލޭ ސާބަހަށެވެ. އަދި އޭގެފަހުން ކިޔަވައިދިނުމުގެ ދާއިރާއިން ތަމްރީން ވުމަށްފަހު ސިންގަޕޫރުންނާއި މެލޭޝިޔާއިން މަތީ ތައުލީމް ހާސިލް ކުރީ ކިޔަވައި ދިނުމުގެ ދާއިރާއިންނާއި ލީޑަރޝިޕްގެ ރޮނގުނެވެ. ޢާޠިޔާ އަކީ ކިޔަވައިދިނުމުގައި ޝައުގުވެރިވާ ފަދަ އުކުޅުތައް ބޭނުންކުރި ބެލެނިވެރިންގެ މެދުގައި މަގުބޫލު އަދި ދަރިވަރުން އެހާމެ ލޯބިވާ މުދައްރިސެކެވެ. މެނޭޖްމެންޓާ ގުޅިގެން ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލު ކުރުމަށް މަސައްކަތްކޮށް އިތުރު ހަރަކާތްތަކާއި، އަދަބީ ޖަމިއްޔާތައް ހަރުދަނާ ކުރުމުގައި ލީޑާޝިޕް ވަރުގަދަ މުދައްރިސެކެވެ.

ތައުލީމީ ދާއިރާގައި ރަށުގައި މަސައްކަތް ކުރި ދުވަސްވަރު ވެސް ޢާޠިޔާ ދިޔައީ ރަށުގެ އިޖުތިމާއީ ހަރަކާތްތަކަށް ވަގުތު ދެމުނެވެ.

ސްކޫލަށް ޒަމާނީ ބަދަލުތަކެއް!

ޢާއިޝަތު ޢާޠިޔާ ނަޞީރު އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ ފުވައްމުލަކު ޙާފިޒު އަޙުމަދު ސްކޫލަށް ޒަމާނީ ބަދަލުތަކަކާ އެކު ސްކޫލަށް އިންގިލާބެއް ގެނެސްދިން ޕްރިންސިޕަލެއްގެ ގޮތުގައެވެ.

ސްކޫލްގެ ބެލެނިވެރިޔަކު ވިދާޅުވީ އާތިޔާ ފާހަނގަކުރެވިފައިވަނީ ބެލެނިވެރިންނާ ގާތް ގުޅުމެއް ބާއްވާ، ބެލެނިވެރިންގެ އަޑުއަހާ ޕްރިންސިޕަލެއްގެ ގޮތުގައެވެ. “އެހެންކަމުން ސިޔާސީ ދާއިރާއިންވެސް އާތިޔާ ރައްޔިތުންގެ އަޑު އަހާ އެއަޑު އިއްވާނެ ކަމާއި މެދު ޝައްކެއް ނުކުރަން” ފުވައްމުލަކު މެދު ދާއިރާ އަށް ނިސްބަތްވާ ބެލެނިވެރިޔަކު ބުންޏެވެ.

ޢާޠިޔާގެ މޭސްތިރި ކަމުގެ ދަށުން އެ ސްކޫލް މާލޭގެ ޕްރައިމަރީ ސްކޫލްތަކާ އެއް ފަންތިއަކަށް އަރާ ހަމަކުރިއެވެ. އެދުވަސްވަރު ޙާފިޒު އަޙުމަދު ސްކޫލްގެ ފެންވަރު ރަގަޅުކަން ފާހަގަ ކުރެވި މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކުގެ މުދައްރިސުންނާއި ޕްރިންސިޕަލުން އެ ސްކޫލަށް ޒިޔާރަތްކޮށް ދިޔައީ ތަމްރީނާއި ތަޖުރިބާ ހޯދަމުނެވެ.

ކުރިން ހޯދާފައި ނުވާ ވަރުގެ ނަތީޖާއެއް!

ދެހާސް އަށްވަނަ އަހަރުގެ މާރިޗް މަހު އަމީނިއްޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްކަމާ ހަވާލުވެ މަގާމު ތިންއަހަރަގެ މުއްދަތަށް އަދާކުރުމަށްފަހު އެ ސްކޫލްގެ އެންމެ އިސްވެރިޔާގެ މަގާމާ 2011ވަނަ އަހަރު ހަވާލުވި އިރު އެސްކޫލަށް ވަނީ ބެލެނިވެރިންނާއި މުޅި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އާންމުންގެ ފަރާތުން ލިބެމުންދިޔަ ފާޑުކިޔުންތަކަށް ރައްދު ދެއްވީ ޢާޠިޔާގެ ހިންގުންތެރި، ހިކުމަތްތެރި ދުރުވިސްނުމާއި ހީވާގި ކަމާއެކު ކުރަމުންދިޔަ މަސައްކަތުންނެވެ. މުޅި ސްކޫލްގެ ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސް ޒަމާނުއްސުރެ އެސްކޫލަށް އާންމުން ކުރަމުންދިޔަ އިހުތިރާމާއި ހާއްސަކޮށް އާމީނިއްޔާ ވަންތަކަން އާލާކޮށް ވަރުގަދަ ކުރުމަށްފަހު ކެމްބްރިޖު އޯލެވެލް އިމްތިހާނުން ދަރިވަރުން މިހާތަނަށް ހޯދާފައި ނުވާ ވަރުގެ ނަތިއްޖާ ޢާޠިޔާގެ ދައުރުގައި އަމީނިއްޔާއިން ހޯދާފައިވެއެވެ. އަމީނިއްޔާއަކީ ބެލެނިވެރިންނާ ރައްޓެހި ސްކޫލަކަށް ބަދަލުވެގެންދިޔައެވެ.

 

ސިޔާސީ ހަޔާތް

2015 ވަނަ އަހަރު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުން ދިޔަ ހަލަބޮލި އޮއިވަރުގެ ތެރޭގައި ސަރުކާރު ހިންގާ ފިކުރާ ދިމާނުވާ މީހުންނާ ދެމެދު ގެންގުޅުނު ތަފާތުކުރުމުގެ ޝިކާރާއަކަށް ޢާޠިޔާ ވެގެން ދިޔައީ ފިރިމީހާޔަކީ އޭރުގެ އަނިޔާވެރި ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ އިސްލާހަށް މަސައްކަތްކުރާ ފަރާތަކަށް ވުމުންނެވެ.

ޢާއިޝަތު ޢާޠިޔާ ނަޞީރަކީ ހިންގުންތެރި މުރާލި ފިސާރި ކަނަބަލަކަށް ވުމުން އަމިނިއްޔާގެ އިސްވެރިޔާގެ މަގާމުން ނުހައްގުން ވަކި ކުރި ހިސާބުން ދިވެހިރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމު އަދާކުރަން ފެށި އަދި ޔުނިވާސިޓީ އާއި ޕްރައިވެޓް ކޮލެޖް ތަކުގައި ލެކުޗަރ ދިނުން ކުރިޔަށް ގެންދިޔައެވެ. އެހައި ހިސާބުން ގިނަ ބަޔަކު ޢާޠިޔާއާ ބައްދަލުކޮށް އޭރުގެ އެ އަނިޔާވެރި ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް އެދެމުން ދިޔައެވެ. ނަތީޖާޔަކަށްވީ ވަޒިފާ އަދާކުރަމުން ސިޔާސީ ދާއިރާއިން ޢާޠިޔާ ފެންނަން ފެށުމެވެ. ޢާޠިޔާ ދިޔައީ ޢާޠިޔާގެ ދާއިރާއިން އިދޮކޮޅު މައި ޕާޓީ އެމްޑީޕީގެ އެޑިއުކޭޝަން ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އިލްމީ އަދި ސިޔާސީ މަސައްކަތްތަކެއް ކޮށްދެމުންނެވެ. ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯ ކޮމެޓީގެ މެމްބަރެއްގެ ގޮތުން ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރިއެވެ. އަދި ރާއްޖޭގެ އެކިއެކި ދިމަދިމާއިން އެމްޑީޕީގެ ކެމްޕެއިން ޓީމްތައް ތަމްރީނު ކުރުމަގައި ބުރަ މަސައްކަތްތަކެއް ކުރިއެވެ. 2017 ގެ ލޯކަލް ކައުންސިލް އިންތިހާބުގައި އަދި 2018 ގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ އެކިއެކި ރަށްތަކަށް ދަތުރުކޮށް އެމްޑީޕީ ގެ ކެމްޕެއިންތަކުގައި އިސްރޯލެއް އަދާކުރިއެވެ. 2018ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު އުފެއްދި ޓްރާންސިޝަނަލް ކޮމިޓީގައި ވެސް ޢާޠިޔާ ހިމެނި ސަރުކާރު ބަދަލުވުމަށް ތައްޔާރު ވުމުގެ ގޮތުން އެކޮމިޓީގައި ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ.

ޢާތިޔާ އަކީ…

ޢާއިޝަތު ޢާޠިޔާ ނަޞީރަކީ ހިތްހޮޔު، އޯގާތެރި، މީހުންނާ ގުޅޭ، ހިތްތިރި، ސާދާ މިޒާޖެއްގެ ވިސްނުންތޫނު ލީޑަރެކެވެ. ޢާޠިޔާ އަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނެވި ތަރައްޤީ އަށް ލޯބިކުރާ މީހެކެވެ. ޢާޠިޔާ ދެކެން ބޭނުންވާ ބޮޑު މަންޒަރަކީ، ފުވައްމުލަކުގެ ގުދުރަތީ ވެށި ފުރިހަމަޔަށް ހިމާޔަށްކުރެވި، ފުވައްމުލަކަކީ ތައުލީމީ ރޮނގުންނާއި އިގުތިސާދީ ރޮނގުންނާއި އުމްރާނީ ރޮނގުންނާއި އިޖްތިމާއީ ގޮތުންނާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮނގުން ޒަމާނީ ފެންވަރަށް ތަރައްގީވެފައިވާ ޖަޒީރާ ސިޓީ އެއްގޮތުގައި ތަރައްގީ ވަމުންދާ މަންޒަރެވެ. ރައްޔިތުންނާއި އަދި ފުވައްމުލަކަށް ޒިޔާރަށްކުރާ މެހުމާނުންނަށް އެންމެ އުފާވެރި މާހައުލު ކަމުގައިވާ ހައިރާންކުރުވަނިވި ތަފާތު ޖަޒީރާ ސިޓީއެއް ގޮތުގައި ފުވައްމުލައް ތަރައްގީ ވަމުންދާ މަންޒަރެވެ.

ޢާޠިޔާ ދެކޭ ގޮތުގައި ތަރައްގީ އަކީ އަންނަން އޮތް ޖީލްތަކަށް ވާސިލުވާ މުއްސަދި ގުދުރަތީ މާހައުލާއި ތިމާވެއްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީ އެކުވެގެން، އަމާން އޮމާން ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅި އުފެއްދޭ އުފާވެރި މާހައުލެއްގައި ދިރިއުޅޭ ހުނަރުވެރި އަދި ތައުލީމީ މުޖުތަމައެއް ބިނާކުރެވޭ ދެމެހެއްޓެނިވި ތަރައްގީއެވެ.

މިހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކުގެ ގޮޑިއަކަށް މިހާތަނަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކޮށް އެކަމަށް މަސައްކަތްކުރަމުންދާ ހަމައެކަނި ކަނބަލަކީ އާތިޔާއެވެ. ފުވައްމުލަކު ގިނަ ބަޔަކު ގަބޫލުކުރަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާ ތަމްސީލްކުރުމުގެ އެންމެ ފުރުސަތު ބޮޑުވެފައި، އަދި ތަޖުރިބާ އާއި އިލްމީގޮތުން އެންމެ ގާބިލް ކެންޑިޑޭޓަކަށްވާނީ އައިޝަތު އާތިޔާ ނަސީރު ކަމެވެ.


ކިޔުންތެރިންގެ ޚިޔާލު