ކޯވިޑް19އަށް އަވަހަށް ޓެސްކުރެވޭ ވަސީލަތެއް ބޭނުން ކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން (އެފްޑީއޭ އިން) ހުއްދަދީފިއެވެ. ފާއިތުވި ހުކުރު ދުވަހު ހުއްދަ ދިން ޓެސްޓް ކިޓުން 45 މިނިޓް ތެރޭގައި ކްރޯނާވައިރަހަށް ޓެސްޓް ކުރެވި ނަތީޖާ ލިބިގެންދާނެ ކަމަށް ވެއެވެ.
މިއީ މިހާރު ބޭނުންކުރާ ޓެސްޓް ކިޓްތަކާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަން އަވަސް މިނެކެވެ. މިހާރު ބޭންކުރާ ޓެސްޓް ކިޓުތަކުން ނަތީޖާ ލިބުމަށް 24 ގަޑިއިރާއި 4 ދުވާހާއި ދެމެދުގެ ވަގުތެއް ހޭދަވާކަމަށް ސިއްޙީދާއިރާގެ މާހިރުން ބުނެއެވެ. އަދި އެއީ އެކަށީގެންވާ މިނަށްވުރެ މާ ލަސްމިނެއް ކަމަށާއި އަވަހަށް ނަތީޖާ ލިބޭނެ ޓެސްޓް ކިޓެއްގެ ބޭނުން އިންތިހާއަށް ޖެހިފައިވާކަމަށް އެމެރިކާގެ ސިއްޙީދާއިރާގެ މާހިރުން އައީ ހާމަކުރަމުންނެވެ.
ކެލިފޯނިއާގައި ހުންނަ ސެފީޑް ނަމަކަށްކިޔާ ކުންފުނިން އުފައްދާ މިޓެސްޓް ކިޓްތައް މިހާރު ވަނީ އެކިހިސާބުތަކަށް ފޮނުވަން ފަށާފައިކަމަށް ވެއެވެ.
މިދުވަސްވަރަކީ ވަރަށް ހަލުއިކަމާއެކު އެމެރިކާގައި ވެސް ކޯވިޑް19 ފެތުރެމުން ދާ ދުވަސްވަރަކަށް ވުމުން ސިއްހީ މާހިރުއަން އައީ އަވަސް މިނެއްގައި ޓެސްޓް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އިތުބާރު ހިފޭ މިޓެސްޓް ކިޓްތައް ލިބުމުން، ކޯވިޑް19ގެ ބަލިބަމަޑުކަމުން އެމެރިކާގެ ސިއްޙީ ނިޒާމަށް މިހަރު ބޮޑުވެފައިވާ ޕްރެޝަރު ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމަށް މާހިރުން ބުނެއެވެ.

ކޯވިޑް ބަލީގެ އަވަަސް ޓެސްޓްކިޓް އެމެރިކާގައި ތައްޔާރު ކޮށްފި.
ބަލީގެ ކުރީކޮޅު ޓެސްޓްކުރެވި ބަލި ހުރިކަން އެނގިއްޖެނަމަ އެހެން މީހުންނަށް ބަލިފެތުރިގެން ދިއުން ވަރަށްބޮޑުތަން ކުޑަކުރެވިދާނެކަމަށް މާހިރުން ގަބޫލުކުރެއެވެ.
މިދިޔަ ހޮނިހިރު ދުވަހާއި ހަމަޔަށް އެމެރިކާގައި 195000 (ސަތޭކަ ނުވަދިހަ ފަސް ހާސް) މީހުން ކޯވިޑް19 އަށް ޓެސްޓް ކުރެވި އޭގެތެރެއިން 19343 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެމެރިކާގެ ނާއިބުރައީސް ޕެންސް ހޮނިހިރު ދުވަހު ބޭއްވި ނިއުސް ބްރީފިންއެއްގައި ހާމަކުރެއްވިއެވެ. އެއީ ޓެސްޓް ކުރެވުނު މިންވަރާއި އަޅާބަލާއިރު ވަރަށް ކުޑަމިންވަރެކެވެ. އެންމެ %1 އެވެ. އެއާއެކު އެމެރިކާގެ ސިއްހީ އޮފިޝަލުން ގޮވާލާފައި ވަނީ ބަލީގެ އަސަރު ނެތް މީހުން ޓެސްޓް ނުކޮށް އިސްކަންދޭންވީ ބަލީގެ އަލާމަތް ހުރި މީހުން ޓެސްޓް ކުރުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.

އެންމެ ހަލުއިކޮށް މިހާރު ބަލިފެތުރިގެން ދަނީ އެމެރިކާގައި ކަމަށް ދައްކާ
ބަލީގެ ތަފާސް ހިސާބު ބަލާ ވޯލްޑޯމީޓާގެ މިއަދުގެ، (22 މާރިޗްގެ) އަދަދުތަކަށް ބަލާއިރު އެމެރިކާގައި ބަލިފެތުރޭ މިންވަރު ވަރަށް ބޮޑުތަން ހަލުއްވެވެ. މިހާތަނަށް ޗައިނާއާއި އިޓަލީ ފިޔަވައި އެންމެ ގިނަމީހުން ބައްޔަށް ޕޮޒިޓިވް ވެފައި މިވަނީ އެމެރިކާ އިންނެވެ. އެއީ 26892 މީހުންނެވެ. އިއްޔެ އެކަނިވެސް އެމެރިކާއިން 2685 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. ނަމަވެސް ބަލީގައި މަރުވާ މީީހުނާއި ހާލަތު ދަށްވާ މީހުން އެމެރިކާގައި އަދި ނިސްބަތުން ދަށެވެ. މިހާތަނަށް 348 މީހުން މަރުުވެފައިވާއިރު 708 މީހުން ސީރިއަސް ހާލުގައި އެބަތިއްބެވެ. އެމެރިކާގައި ބަލި ފެނިފައި ވަނީ ތަންކޮޅެއް ލަހުން (15 ފެބްރުއަރީ ގައި) ކަމަށްވުމާއެކު ބަލީގައި މަރުވާ މީހުންގެ އަދަދު އީރާނާއި ސްޕޭނަށް ވުރެ އަދި ދަށްވާނެ ކަމަށް ބަލަން ޖެހެއެވެ. ހަމައެއާއެކު އެމެރިކާ، ސ.ކޮރެއާ އަދި ސިންގަޕޫރަކީ އެންމެ ބޮޑަށް މައުލޫމަތު ހަމަކުރަމުންދާ ގައުމުތަކެވެ. ރާއްޖެ ކުޑަަނަމަވެސް މިލިސްޓްގައި މިފަހަރު ރާއްޖެ ވެސް ހިމެނެއެވެ.

އެމެރިކާގައި ކޯވިޑް19ގެ މީހުން މިހާރު ދުނިއިން 3 ވަނާއިގައި.
ޚިޔާލުތައް