މޫޑީސް ރޭޓިން އެންމެ ދަށް ސާކު ގައުމުތަކުގެ ތެރޭގައި ރާއްޖެ

Share on facebook
Share on twitter
Share on google

ގައުމުތަކުގެ އިގުތިސާދީ މިންގަނޑު ވަޒަންކުރާ މޫޑީސް އިން ރާއްޖެއިން ކުރިން ދީފައިވާ ބީ3 އިން ސީއޭއޭ1 އަށް މިދިޔަ އަންގާރަ ދުވަހު ދަށްކުރުމާއިއެކު މިސަރަހައްދުގެ މޫޑީސް ރޭޓިންގެ އެންމެ ދަށް ގައުމުގެ ގޮތުގައި ރާއްޖެ ހިމެނިއްޖެއެވެ. ރާއްޖޭގެ އިތުރުން ސްރީލަންކާވެސް ރޭޓްކޮށްފައިވަނީ މިރޭޓިންގައެވެ. މިސަރަހައްދުން ޕާކިސްތާން ބީ3 އަށް ރޭޓްކޮށްފައިވާ އިރު ބަގްލަދޭޝް އަށް ލިބިފައިވަނީ ބީއޭ3އެވެ. އަދި މިސަރަހައްދުން އެންމެ މަތިން ރޭޓްކޮށްފައިވާ އިންޑިއާއަށް ލިބިފައިވަނީ ބީއޭއޭ3 އެވެ.

މިދިޔަ އަންގާރަ ދުވަހު ރާއްޖޭގެ ރޭޓިން ދަށްވިއިރު ކުރިން ރާއްޖެއަށް ލިބިފައިވަނީ ބީ3 ރޭޓިންއެކެވެ.

މޫޑީސް އިން މިހަފްތާގައި ރާއްޖޭގެ ރޭޓިން “ސީއޭއޭ-1” އަށް ދަށްކުރީ ރާއްޖޭގެ ދަރަނި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވާނެ ކަމަށާއި ދަރަނި ދެއްކުން ލަސްވާނެ ކަމަށް ލަފާކޮށްފައެވެ. މޫޑީސް ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވި ނަމަވެސް ދަރަނި އަދާކުރުމުގައި ލަސްތަކެއް ދިމާވާނެ އެވެ.

ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވަނީ މޯލްޑިވްސް ސްކުކް އިޝުއެންސް ކުންފުންޏާއި ގުޅިގެންކަމަށްވެސް މޫޑީސް އިން ރާއްޖެއާއި ގުޅޭގޮތުން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މޯލްޑިވްސް ސްކުކް އިޝުއެންސް ލިމިޓޭޑަކީ ސަރުކާރު ހިންގުމަށް އިތުރު ފައިސާ ހޯދުމަށް ކޭމަން އައިލެންޑްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. މިކުންފުންޏަކީ ސަރުކާރުގެ ސަބްސިޑިއަރީ ކުންފުންޏެއްކަމަށާއި މިކުންފުނީގެ ދަރަނިތަކަކީ ދައުލަތުގެ ޒިންމާއެއްކަމަށްވެސް މޫޑީސް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވާ އިރު ފިޗް ރޭޓިންވެސް ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު ދަށްކޮށްފައިވެއެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު ފިޗުން ރާއްޖޭގެ ރޭޓިން ސީސީސީ އަށް ދަށްކުރުމުގެ ކުރިން މާޗް މަހު ވެސް ވަނީ ފިޗު އިން ރާއްޖޭގެ ރޭޓިން ބީޕްލަސް އިން ބީ އަށް ދަށްކޮށްފައެވެ.

މޫޑީސްގެ ރޭޓިންއާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، ސަރުކާރުގެ ދަރަނި އަދާނުކުރެވޭނެ ވަރުގެ ހާލަތެއް އަދި ދިމާ ނުވާ ކަމަށެވެ. ރާއްޖޭގެ އިގްތިސޯދު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި ދަރަނި ދެއްކުމުގައި ލަސް ނުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

4.0/5.0 Article rating
3 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments