ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް” ގެ ދަށުން ލޯނުދޫކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބްއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީ.އީ.އޯ. އެންޑް މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝަރީފްއެވެ.
މި އެއްބަސްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަމުގައިވާ ބޯހިޔާވެހިކަން %5 ޕްރޮފިޓް ރޭޓުގައި ބޭންކުތަށް މެދުވެރިކޮށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ. މި ޕްރޮގްރާމްގެ ދަށުން ގެދޮރު އެޅުމަށް ނުވަތަ ގޯތިގަތުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަ އުސޫލުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އިންތިޒާމު ހަމަޖައްސާފައެވެ.
“ހިޔާވެހި ފައިނޭންސް ސްކީމް” އަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރުމަށް ދަތިވާ ފަރާތްތަކަށް މާލީގޮތުން ޙައްލު ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުގެ ދަށުން، އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ދޫކުރާ ލޯނުތަކެކެވެ.
މި ޕްރޮގްރާމްގެ ދަށުން ލޯނު ހަމަޖެއްސުމަށްޓަކައި، ކަމާބެހޭ މިނިސްޓްރީއާ ބޭންކް އޮފް މޯލްޑިވްސްއާ އެކު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ވަނީ ފަހުމުނާމާގައި ސޮއިކުރެވިފައެވެ. މި ފަހުމުނާމާއާ އެކު މި ޕްރޮގްރާމް އިފުތިތާހު ކުރެވުނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 05 ވަނަ ދުވަހުއެވެ. އޭގެ ފަހުން، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 08 ވަނަ ދުވަހު މި ޕްރޮގްރާމުގެ އުސޫލުތައް ގެޒެޓްކޮށް، އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވުނެވެ.
މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު 2025 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހު ހަމަވެފައިވާއިރު، ޖުމްލަ 2256 ފޯމު ހުށަހަޅާފައިވެއެވެ. މި ފޯމުތަކުގެ ތެރެއިން “ރަށްވެހި” ސްކީމަށް 1329 ފޯމު، “ސަހަރް” ސްކީމަށް 586 ފޯމު، އަދި “ފަހިމާލެ” ސްކީމަށް 341 ފޯމު ހުށަހަޅާފައިވެއެވެ. މިވަގުތު މި ފޯމުތައް އިވެލުވޭޓް ކުރުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ކަމާބެހޭ ފަރާތުން މައުލޫމާތު ދެއެވެ.
އިވެލުވޭޝަންގެ މަސައްކަތް ނިމުމާއެކު، ފޯމުތައް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށްޓަކައި އެ ފަރާތްތަކަށް ފޮނުވިގެންދާނެއެވެ. މި ޕްރޮގްރާމްގެ ދަށުން ލޯނުތައް ދޫކުރެވިގެންދާނެ ކަމަށް ބެލެވޭ މަސްކަމަށް 2025 ވަނަ އަހަރުގެ ޖުލައި މަސް ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން، މި ޕްރޮގްރާމްގެ އުސޫލުތަކަށް 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 17 ވަނަ ދުވަހު ވަނީ އިސްލާހު ގެނެވިފައެވެ. މި އިސްލާހުގެ ދަށުން، ހުރިހާ ތިން ސްކީމަށްވެސް މިނިސްޓްރީއާއެކު ސޮއިކުރާ ބޭންކުތަކުން ލޯނު ދޫކުރެވޭނެއެވެ.
މި ޕްރޮގްރާމްގެ ސަބަބުން ހިޔާވަހިކަން ހޯދުމުގައި މާލީ ގޮތުން ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް، ލުއި ގޮތްތަކެއް މަގުފަހިވެ، މާލެ ސަރަޙައްދާއި ރާއްޖޭގެ ރަށްތަކުގައި ފަޅު ގޯތިތަކާއި ގެ އަޅަންފަށާ ނުނިމި ހުރި ގޯތިތަކުގެ މައްސަލައަށް ޙައްލެއް ލިބި، ގެދޮރުނެތިފައިވާ ޢާއިލާތަކަށް ގެދޮރުގެ ތަނަވަސްކަންވެސް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ޚިޔާލުތައް