ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025 ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. މި އެވޯޑް ދިވެހިރާއްޖެއަށް އަރުވާފައިވަނީ މިއަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސް ދިނުމަށްޓަކައި ބެލްޖިއަމްގެ ވެރިރަށް، ބްރަސަލްސްގައި މިއަދު ބޭއްވި ހަފުލާއެއްގައެވެ.
މި އެވޯޑަކީ ދިވެހިރާއްޖޭގެ ޗާލު ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި ސާފު ރީތި މޫދާއި ފަރުތަކުގެ ދިރުމުގެ މައްޗަށް ބަލައި ދީފައިވާ އެވޯޑެކެވެ.
މިއަހަރުގެ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ ގެ އެންމެ ޚާއްޞަ އެއް އިވެންޓުގެ ގޮތުގައި ކުރިއަށްގެންދިޔަ މިއަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސްގައި ދިވެހިރާއްޖެއަށް ލިބުނު މި އެވޯޑާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހަވާލުވެވަޑައިގަތީ ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަނެވެ.
މި ހަފުލާގައި ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން ވަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ މި އެވޯޑު ލިބިވަޑައިގަތުމުން އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ޝުކުރުއަދާކުރައްވާފައެވެ.
“ރީޑިފައިނިންގ ޓުއަރިޒަމް އިން އަ ޗޭންޖިންގ ވަރލްޑް،” މި ޝިޢާރުގެ ދަށުން މިހާރު ކުރިއަށްގެންދާ، މިއަހަރުގެ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރުން ގުޅިގެން ސިނާޢަތުގެ މުސްތަޤްބަލު ބައްޓަން ކުރުމަށް އީޖާދީ ވިސްނުމާއެކު އެންމެން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ބާއްވާ ބައްދަލުކުރެއްވުމެކެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވާދަކޮށްގެން މިއަހަރުގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިފައިވާއިރު، ދިވެހިރާއްޖެއަކީ ކަނޑުފަޅުގެ މާހައުލުގެ ގުދުރަތީ ދިރުންތައް ދެމެހެއްޓުމަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލެވެ.
ޚިޔާލުތައް