ޑިމޮކްރަސީއެއް ފުރިހަމަވަނީ އެޑިމޮކްރަސީގައި އުފެދިފައިވާ މިނިވަން މުއައްސަސާތަކަކީ އިތުބާރުކުރެވޭ އިތުބާރުހިފޭ ތަންތަނަށް ވެގެނެވެ. ވެރިކަމެއް ނިމޭ ކޮންމެފަހަކު އިތުބާރުނެތްކަމުގެ ވޯޓުނެގުމަށްފަހު މެންބަރުން ބަދަލުކުރުމަކުން އެމުއައްސަސާތަކަކަށް އިތުބާރެއް ނުލިބެއެވެ. އޭގެ ބަދަލުގައި ގެއްލެނީ ކުރެވޭ އިތުބާރެވެ. ވެރިކަން ބަދަލުވުމާއިއެކު ފާރަވެރިވާ މިނިވަން މުއައްސަސާތަކުގެ މިނިވަން މެންބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައެވެ. ނުވަތަ އިސްތިއުފާދިނުމަށް މަޖުބޫރުކުރުވައެވެ. އެއަށްފަހު ސިޔާސީ ޕޯޑިއަމްތަކުން ފެނިފައިވާ މީހުން ނުވަތަ ސިޔާސީ ވެރިންތަކުގެ ގާތްތިމާގެ މީހުން މުއައްސަސާތަކުގެ މެންބަރުކަމަށް ވަންނަތަންފެނެއެވެ. ވަންނަނީ ވަލުން ދޮރުން ކަމެއް ނުވަތަ ކުޑަދޮރުންކަމެއް ސާފުނުވިނަމަވެސް ފެންނަ ހަގީގަތަކީ ބައެއް މެންބަރުން އެމަގާމަށް އައުމަށް ކުއްލިއަކަށް ސިޔާސީ ޕާޓީން ވަކިވެއެވެ. މިދެންނެވި ފަރާތްތަކަށް އާންމު ރައްޔިތުންގެ އިތުބާރު ލިބޭނީ ކިހިނެތް ހެއްޔެވެ. އިތުބާރު ހޯދުމަށް ހާދަހާވާ މަސައްކަތެއް ކުރަންޖެހެއެވެ.
މިދެންނެވި ފަރާތްތަކުން އިތުބާރު ހޯދުމުގެ ބަދަލުގައި ފެންނަނީ އިތުރަށް އިތުބާރު ގެއްލޭފަދަ އަމަލުތައް ކުރާތަންތަނެވެ. ސަރުކާރާއި ސަރުކާރު ނިސްބަތްވާ ފަރާތްތަކާއި ދެކޮޅަށް ހުށަހެޅި ބެލެމުންދާ މައްސަލަ ތެރެއިން މައްސަލައެއް ފެނުމަކީ ނާދިރުކަމެކެވެ. މިފަދަ ކަންތައްތައް ތަކުރާރުވުމަކީ އާންމުންގެ އިތުބާރު ގެއްލެން މެދުވެރިވާ އެއްސަބަބެވެ.
ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އަންނަނީ ކަރަޕްޝަނާއި ފަސާދަމުލުން ލުހެލުމުގެ ނިޔަތުގައެވެ. އިދިކޮޅު ކެންޕޭނުގެ އެންމެ ބާރަށް ހިގާ އެންމެ ވައިގައިހިފާ ސްލޮގަންއަކީ ކަރަޕްޝަނާއި ދެކޮޅުވާހަކައެވެ. ވެރިކަން ލިބުމަށްފަހު މަޖިލީހަށް އައުމަށްވެސް މިބީދައިން މަސައްކަތްކުރެއެވެ. ވަގުން ހިފުމަށް މަސައްކަތްކުރާނެކަމަށާއި ވަގުން ހިފާއެއްޗެހި ކިޔެވިކަމަށް ބުނެ ވޯޓުހޯދާ ވާހަކައަކީވެސް މިއަދުގެ ސިޔާސީ ދާއިރާގައި ހިގާ ވާހަކައެކެވެ. ނަމަވެސް، ވެރިކަމަށް އައުމަށްފަހު ކޮރަޕްޝަނާއި ދެކޮޅަށް ދެއްކި ވާހަކަ ހަނދާންނެތެއެވެ. ކަރަޕްޝަނުގެ ބޮޑެތި ނެޓްވޯކްތައް ފަޅާއަރައެވެ.
ނިމިދިޔަ ވެރިކަމަށް ބަލާއިރުވެސް މިކަންތައް ވަނީ އާންމުންނަށް ފެނިފައެވެ. ކުރީގެ ވެރިކަމުގައި ކުރި ވައްކަމާއި ފަސާދައިގެ ވާހަކަ ދެއްކުމަށްފަހު ވެރިކަމަށް އައިސް ރާއްޖެ ސިއްސުވާލިފަދަ ބޮޑެތި ކަރަޕްޝަން މައްސަލަ ފެންމަތިވިއެވެ. މިނިވަން މުއައްސަސާތައް ތިއްބެވެ. ނަމަވެސް އެފަދަ މައްސަލައެއް ފަޅާއަރަނީ އެމައްސަލައެއްގައި ޝާމިލުވާން ޖެހޭ ބަޔަކާއި ދޭތެރޭ އިތުބާރު ގެއްލުމުންނެވެ. އެގޮތުން، ސިޔާސީ ދާއިރާގެ މަޝްހޫރު ބުރޯގެ ވާހަކައަކީ އެންމެން ދަންނަ ވާހަކައެކެވެ. ބުރޯގެ ޖަލަށްލުމާއިއެކު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަ ފަޅާއެރިއެވެ. އޭގެ ކުރިން މިނިވަން މުއައްސަސާތައް ކޮބައި ހެއްޔެވެ. އޮޑިޓާ ޖެނެރަލަކު އެވާހަކަ ދެއްކުމުން އިތުބާރު ގެއްލި ވަޒީފާ ގެއްލުނެވެ. އޭސީސީ ކިޔާ މުއައްސަސާއޮތެވެ. މައްސަލަތައް ބެލުމުގައި އަވަދިނެތިއެވެ. ގިނައިން އަންނަނީ ކަރަޕްޝަނުގެ އެއްވެސް ކަމެއް ނެތްކަމުގެ ރިޕޯޓެވެ.
ނަމަވެސް، އެވެރިކަމަކީ އިންތިހާއަށް ކަރަޕްޝަން އޮތް ވެރިކަމެއްކަމަށް އިދިކޮޅުން ބުނެ، ތަރައްގީއަށްވުރެ، ކަރަޕްޝަނާއި ފަސާދަ ނައްތާލުން މުހިންމުކަމަށްބުނެ އަލަށް ވެރިކަމާއި ހަވާލުވީ ފަރާތްތަކަށް އެވައުދު ފުއްދުނު ހެއްޔެވެ. އާ ވެރިކަމާއިއެކު އިތުބާރު ގެއްލިފައި އޮތް އޭސީސީގެ މެންބަރުން ބަދަލުވިއެވެ. އެއްވެސް، ސިޔާސީ ނުފޫޒަކަށް ފަސްނުޖެހޭނެކަމަށް ވައުދުވެ ގޮޑިއާއި ހަވާލުވިއެވެ. ނަމަވެސް، އޭރުވެސް މިހާރުވެސް ބައެއް ފަރާތްތަކުން ބުނަމުންދަނީ އައްޔަން ކުރެވުނު މެންބަރުންނަށް އެގޮތަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. މަގާމު ދީފައިވަނީ ސިޔާސީ މީހުންނަށް ނޫނީ ތިމާގެ މީހުންނަށް ކަމަށެވެ.
މިފަދަ ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް އަނެއްކާވެސް ސިޔާސީ ބޮޑު ލޮޅުމެއް އައިސްފިއެވެ. އެއާއެކު އޮޑިޓް ރިޕޯޓް އާންމުވެއްޖެއެވެ. ސަރުކާރު ތެރޭ ބޮޑެތި ކަރަޕްޝަން ހިގައިފައިވާކަމަށް ތުުމަތުކުރެވޭ ރިޕޯޓް އާންމުވެއްޖެއެވެ. މިފަދަ ކަރަޕްޝަން މިވަނީ ޓްއަރިޒަމް މިނިސްޓްރީއިން ފެށިގެން ހެލްތު މިނިސްޓްރީ އާއި ހަމައަށް ފޯރާފައެވެ. އިއްތިފާގަކުން މިދެވުޒާރާ އާއި ހަވާލުވެފައިވަނީ އެމްޑީޕީއިންނެއްނޫނެވެ. ރައީސް އިބްރާހިމް މުހައްމަދަށް ބައިއަތު ހިފާފައިވާ ޖޭޕީގެ ދެ މެންބަރަކު ތަމްސީލުކުރި މިދެވުޒާރާގެމިފަދ ަބޯޑެތި ކަރަޕްޝަނެއް ފަޅާއަރާފައިވަނީ އެމްޑީޕީގެ މެންބަރުންތަކެއް އިސްވެތިބެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އިތުބާރު ލިބިފައިވާ އިގްތިސާދީ ވަޒީރު ވަކިކުރަން މަސައްކަތް ފެށުމާއިއެކުގައެވެ.
އޮޑިޓާ ޖެނެރަލް މިރިޕޯޓަކީ މިނިވަން މުއައްސަސާތަކުގެ ވެރިންނަށް މިނިވަންކަމާއިއެކު އެމްޑީޕީގެ ވެރިކަމުގައި ރިޕޯޓްނެރެވޭކަމަށް ހުއްޖަތެއްގެ ގޮތުގައި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން ދައްކަމުން ދާއިރު މިރިޕޯޓެއްވެސް އިއްތިފާގަކުން މިނިކުތީ ސިޔާސީ ނާޒުކު ދަޑިވަޅެއްގައެވެ. އެމްޑީޕީގެ އެކްޓިވިސްޓުން ރުޅިއަންނަ ޖޭޕީ ވަޒީރަކާއި ދެކޮޅަށެވެ. އަދި އަނެއް ވަޒީރު ވެރިކަމުން ދުރުކުރިފަހުންނެވެ. މީގެ އިތުރުން މީގެ ތިންމަސްކުރިން އޭސީސީއިން ހަމަ އެމައްސަލާގައި ކަރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލައެއް ފާހަގަނުކުރޭ ވާހަކަވަނީ ބުނެފައެވެ. ނަމަވެސް، އާންމުން ނުރުހުން އަމާޒުވުމާއިއެކު ތިންމަސްވެފައިވާ އެމައްސަލަ އަދި ނުނިމޭކަމަށް ބުންޏަށް ރައްޔިތުންކުރި އިތުބާރު ލިބޭނެހެއްޔެވެ. އެއްފަހު ކުއްލިއަކަށް އެކަމަކީ ކަރަޕްޝަނަށް މަގުފަހިވާ ގޮތަކަށް ހިގާފައިވާ ކަމެއް ކަމަށްބުނުމަށްފަހު ޕީޖީ އޮފީހަށް މައްސަލަ ބަލަން ފޮނުވައިފިނަމަ ރައްޔިތުންގެ އިތުބާރު ލިބިދާނެ ހެއްޔެވެ. މިނިވަން މުއައްސަސާތަކުގެ ދައުރަކީ ހަމައެކަނި ނިކަމެތިންގެ މައްސަލަ ބަލުން ނުވަތަ އާރާއި ބާރު ގެއްލުމުން މައްސަލަ ބެލުން ކަމަށް ވެއްޖެނަމަ އިތުބާރު ލިބިދާނެހެއްޔެވެ.
އެފަދަ ތަންތަނަށް އިތުބާރު ހޯދައިދިނުމަކީ ސަރުކާރުގެ ވާޖިބެކެވެ. ގާބިލުމީހުން މަގާމަށް އިސްކުރުމަކީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައްތަކެވެ. ސަރުކާރު މަގާމުތަކުން ފެށިގެން ގޮސް ސިޔާސީމަގާމުތަކާއި ހަމައަށެވެ. މިއަދުގެ ދިވެހިރާއްޖެ ވެފައިމިވަނީ ކަރަޕްޝަން އިންތިހާއަށްއޮތް އިންޑިއާއިން އައިސް ރާއްޖޭގެ ކަރަޕްޝަން މައްސަލަތައް ބަލައިދޭ ގައުމަކަށް ވާން ކައިރިވެފައެވެ.
ޚިޔާލުތައް