A wide advertisement which will be shown on all devices. (700 x 100)

އަޅުގަނޑުގެ ރޯދަމަހުގެ ދަތުރު ތަޖުރިބާ: ދަތުރުކުރާނަމަ ރޯދަވިއްލާވަގުތު ނުވަތަ ރޯދަހިފާ ވަގުތުން މަހުރޫމް

ފުވައްމުލަކުން މާލެދާން މިރޯދަމަހު އަޅުގަނޑަށް ޖެހުނެވެ. ފުވައްމުލަކާއި މާލެއާއި ދޭތެރޭ ވައިގެ ދަތުރު ފޯރުކޮށްދޭ ހަމައެކަނި ކުންފުނި ކަމަށްވާ އައިލެންޑް އޭވިއޭޝަނުން ޓިކެޓް ލިބެންހުރި ގޮތްސާފުކުރީމެވެ.

މާލެދާން ޓިކެޓް ލިބެން ހުރި ގަނޑިތައް ސާފުކޮށްލިއިރު ކަމަކުދާކަށް ނެތެވެ. ލިބުނީ ހައިރާންކަމެކެވެ. އައިލެންޑް އޭވިއޭޝަން ބިޒީކަމުން ނުވަތަ ދަތުރު ރާވާފަރާތްތަކުގެ ރޭވުންތެރިކަމުގެ ކުޑަކަމުން އަޅުގަނޑުމެންނަށް މިއޮތީ ރޯދަ ހިފާ ވަގުތު ނުވަތަ ރޯދަވިއްލާ ވަގުތުން މަހުރޫމްވާ ގޮތަށެވެ. މިކަމާއި ގުޅިގެން އައިލެންޑް އޭވިއޭޝަންގެ އިތުރު ދަތުރު ތާވަލް ބަލަންފަށައިފީމެވެ. ހަމަކޮންމެ ދުވަހަކުހެން ފްލައިޓްތައް މިއޮތީ މިގަނޑިތަކުގައެވެ. ހިތަށް އެރިއެވެ. ނަމާދަށް އެންމެ ފަރުވާކުޑަ މީހުން މިއުޅެނީ ފުވައްމުލަކުގައި ބާވައެވެ. އެހެނީ ހުރިހާ ދުވަހަކު ކަހަލަގޮތަކަށް މިގޮތަށް ޝެޑިއުލް ކޮށްފައިވުމުންނެވެ.

އަޅުގަނޑަށް އެގިފައިވާ ގޮތުގައި ރޯދަވެރިޔާ ރޯދަވީއްލާ ވަގުތާއި ރޯދަހިފާ ވަގުތަކީ ވަރަށް ޚާއްސަ ދެވަގުތެވެ. މިދެވަގުތަށް ފްލައިޓް ޝެޑިއުލްކުރަނީ ކީއްވެހެއްޔެވެ. ވަކިން ޚާއްސަކޮށް އަޅައިގަތީ ފަތިސްނަމާދު ވަގުތެވެ. އާންމު ގޮތެއްގައި ފުވައްމުލަކުން ފްލައިޓް ފުރަން ތާވަލްކޮށްފައިވަނީ ފަތިހު 5.00 ގައެވެ. ފުވައްމުލަކަށް ފަތިސް ނަމާދު ވަގުތުވަނީ 5 ޖަހަން 10 މިނެޓަށް ވެފައިވަނިކޮށެވެ. އަޅުގަނޑު ހިތުގައި އުފެދުނީ ފްލައިޓް ޝެޑިއުލްކުރި ފަރާތުން އިސްކަންދިނީ ހާރުކެއުމަށެވެ. ނަމާދަކަށް ނޫނެވެ. ކުޑައިރުކޮޅަކަށް މަޑުކޮށްލައިގެން ފަތިން ނަމާދު ފުރިހަމަކޮށްގެން ދެވުން އޮތްވާ 5.00 މިނިޓަށް ފްލައިޓް ފުރާ ގަނޑި ހަމަޖައްސަނީ ކީއްވެބާވައެވެ.

ވަކިން ޚާއްސަކޮށް ފަތިސްގަނޑީގައި ފުރާ ފުލައިޓަކީ ދަތުރުވެރިޔާއަށް ލިބިދީފައިވާ ލުއިފަސޭހައިގައި ހިމެނޭ ޖަމްއު ކުރެވޭ ނަމާދެއްނޫނެވެ. އަދި އެނަމާދަށް ފަރުވާތެރިވުމަށް އެތަކެއް ހަދީސެއް އައިސްފައިވާ މުހިންމު ނަމާދަށް ބަންގި ގޮވަން 5 ވަރަކަށް މިނިޓަށް ވުމުން އެއާޕޯޓް މުވައްޒަފެއްކައިރިން ނަމާދުކުރެވޭނެ ތަނެއް ހުރިތޯ ސުވާލުކޮށްފީމެވެ. ޖަވާބުގައި އެފަރާތުން ދެންނެވީ ނަމާދުކުރާ ކޮޓަރި ހުރީ ބޭރުގައި (ޑިޕާޗާ ހޯލުގެ ބޭރުގައި) ކަމަށެވެ. އަލުން ބޭރަށް ނިކުމެ ނަމާދުކޮށްގެން އަލުން ފައިނަލް ޗެކިން ހެދިދާނެތޯ ސްވާލުކޮށްލީމެެވެ. އެފަރާތުން ދެންނެވީ މިހާރު ކުރޫން ބޯޓަށް އަރާ ބޯޓުފުރަން ތައްޔާރުވަނީ ކަމަށާއި ބޯޑުކުރުމަށް އެހުޅުވާލަނީކަމަށެވެ. އެހެންކަމުން ނަމާދުކޮށްގެން އަންނަންވާއިރަށް ބޯޓު ނައްޓާލާނެކަމަށެވެ. އެފަރާތުން ދެންނެވީ ރަގަޅަށެވެ. އޭގެ ދެތިން މިނިޓްތެރޭ ބޯޓަށް ފަސިންޖަރުން އަރުވަން ފަށައިފިއެވެ. އެއިރު އަދި ބަންގި ގޮވަންހުންނާނީ ދެމިނިޓްވަރެވެ. އަޅުގަނޑު ހިތަށްއެރިއެވެ. ނަމާދަށް ގޮވުމާއިއެކު ނަމާދަށް އަވަސްވެގަންނަން ޖެހުނު ނަމަވެސް ދިވެހި އިސްލާމީ ސަރުކާރުން ހިންގާ އައިލެންޑް އޭވިއޭޝަންގެ ފްލައިޓް ޕައިލެޓަށް މިޖެހެނީ ބޯޓް ނައްޓާލުމަށެވެ.

ފަތިސް ނަމާދުގެ ވަގުތު ނިމުމުގެ ކުރިން މަންޒިލަށް ނުދެވޭނެކަން ފްލައިޓް ނައްޓާލުމުގެ ކުރިންވެސް އެގެއެވެ. އެހެންކަމުން، ދަތުރުވެރިންނަށް މިޖެހެނީ ފްލައިޓް ތެރޭ ނަމާދުކުރާށެވެ. ދަތުރުވެރިޔާއަށް ލުއިފަސޭހަ ލިބިގެންވެއެވެ. ނަމަވެސް އިސްލާމީ ގައުމުގެއް އިސްލާމީ ސަރުކާރަކުން ހިންގާ ކުންފުންޏަކުން ބަންގި ގޮވުމާއިއެކު ނަމާދުކުރުމަށް ފުރުސަތުނުދީ ފްލައިޓް ފުރުވާލުން ނުވަތަ ރޯދަވިއްލަން ކައިރިވެފައިވަނިކޮށް ފްލައިޓް ފުރުވާލަނީ ކީއްވެބާވައެވެ؟

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !