އަޅުގަނޑުމެންނާއި މިއަދު މިވަނީ މިޖީލުގެ އެންމެ ބޮޑު ބަލިމަޑުކަމާއި ކުރިމަވެފައެވެ. މިކަމުން އަރައިގަނެވޭނެ ދުވަހެއްނޭގެއެވެ. ކޮރޯނާ ވައިރަސް ވަނީ މުޅި ދުނިޔެއަށް ފުތުރިފައެވެ. ހަކީމުންނާއި ޑޮކުޓަރުންނާއި ސައިސްވެރިން ރެއާއިދުވާލު ބުރަ ހޭދައެކުރަނީ މި ވައިރަހަށް ފަރުވާއެއް ހޯދުމަށެވެ. ދީނީ އެއްވުންތަކާއި ސުކޫލު މަދަރުސާތަކާއި ފޯރީގައި ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތައް ހުއްޓާލާ ދެކޮޅުވެރިންނާއި އަދުއްވުން އަތުގުޅުވާލައިގެން އެމަސައްކަތްކުރަނީ މިވަބާއިން ސަލާމަތްވުމަށެވެ. މަސައްކަތްތެރިންނާއި ވިޔަފާރިވެރިން އެބައިމީހުންގެ ވިޔަފާރިން އެބައިމީހުންގެ ވިޔަފާރި މަސްލަހަތުތައްވުރެ އާންމުންގެ ރައްކާތެރިކަމަށް ދަނީ އިސްކަން ދެމުންނެވެ. މިދަނޑިވަޅަކީ ދަތި ދަނޑިވަޅެކެވެ. ވިޔަފާރިތައް ދަނީ ބަގުރޫޓުވަމުންނެވެ. ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކުންދަނީ އާ މާލީ ހުށަހެޅުންތައް ހުށަހަޅަމުންނެވެ.
މިދަތި ދަނޑިވަޅުގައި ލޯނު އިންޓަރެސްޓް ކުޑަކުރުމަކީ މުހިންމު ކަމެކެވެ. ލޯނު ދޫކުރާ ބޭންކުތަކަކީ ފައިދާއަށް މަސައްކަތްކުރާ ކުންފުނިތަކެކެވެ. ވީމާ އެފަރާތަށް އިންޓަރެސްޓް ކުޑަކުރުމަކީ އުދަގޫކަމަކަށް ވެދާނެއެވެ. ނަމަވެސް، މިއީ އިޖުތިމާއީ ޒިންމާ ނަގާ ނަމޫނާ ދައްކަވަންވީ ދަނޑިވަޅެކެވެ. ގިނަ ބަޔެއްގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރުވަނީ ކުރިމަތިވެފައެވެ. ބައެއް ބޮޑެތި ކުންފުނިތަކުން މިހާރުވެސް މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައިވާއިރު އަނެއްބައި ކުންފުނި ތަކުންދަނީ މުސާރަ ކުޑަކުރަން ޖެހިދާނެ ކަމަށް ބުނަމުންނެވެ. ނޯޕޭ އާއި ހާފުޕޭ އާއި ޕޭ ލީވު ދިނުމަށްފަހު ވެސް ބައެއް ކުންފުނިތަކުން މީހުން ގެއަށް ފޮނުވާލައެވެ. މިކަންކަމާއި ގުޅިގެން އާންމުންގެ އާމްދަނީ ވަނީ ބޮޑުތަން ކުޑަވެފައެވެ.
މިޒަމާނުގެ ދިރިއުޅުން ބައްޓަންވެފައިވަނީ ލޯނުތަކަށް ބަރޯސާވެގެންނެވެ. ގޯތި ގެދޮރު ހޯދުމަށެވެ. ގެ މަރާމާތުކުރުމަށެވެ. ނޫނީ ގެއަށް ބޭނުންވާ އާލާތްތައް ހޯދުމަށް ވެސް ބޭނުންކުރަނީ ބޭންކު ލޯނެވެ. މިލޯނުތަކުގެ ބޮޑު ބަޔަކީ ލޯން އިންޓަރެސްޓެވެ. ނޫނީ ބޭންކުގެ ފައިދާއެވެ. ބޭންކުތަކުގެ ފައިދާގެ ނިސްބަތް ވަނީ 40 އިންސައްތަ އަށްވުރެ މައްޗަށް އުފުލިފައެވެ. އެހެންގޮތަކަށް ދަންނަވާކަމަށް ވަންޏާ ބޭންކަށް ލިބޭ އާމްދަނީގެ ކޮންމެ 100 އަކުން 40 އަށްވުރެ ބޮޑު އަދަދެއް ފައިދާގެ ގޮތުގައި ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރު ނުވަތަ ޑިސެމްބަރު 31 ގެ ނިޔަލަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ތިން ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތެވެ. ނިސްބަތުން ބޮޑު ރޭޓެކެވެ. މިދަތި ދަޑިވަޅުގައި އެރޭޓް ސުމަކަށް ދާމިންވަރަށް ލޯނު އިންޓަރެސްޓް ކުޑަކުރުން ކީއްތޯއެވެ.
HDFC | MIB | BML | |
Revenue | 50 | 71 | 703 |
NP | 35 | 34 | 286 |
Net Margin | 70% | 48% | 41% |
މަތީގައިވާ ޓާބަލްގައިވާ ހުރިހާ އަދަދެއްވަނީ މިލިއަނުންނެވެ.
ބޭންކުގެ ތަފާސް ހިސާބުތައް މިގޮތަށް ދެއްކި ނަމަވެސް މި ކުއާޓަރުގައި އެނިސްބަތުން ފައިދާ ނުވެދާނެއެވެ. ނަމަވެސް އިންޓަރެސްޓް ރޭޓް ނުވަތަ ބޭންކުން ކަސްޓަމަރުން އަތުން ނަގާ ފައިދާ ކުޑަކޮށް ނުދޭންވީ ކީއްވެގެންބާވައެވެ. މިވަގުތަކީ އާންމުންވެސް ޚަރަދުކުޑަކުރަންވީ ވަގުތެވެ. އާންމުންގެ ޚަރަދާއި ގުޅިފައިވާ އެންމެ ބޮޑުއެއް ޚަރަދަކީ ކުއްޔާއި ލޯނެވެ. ކުލިވެސް ގޮސް ގުޅެނީ ލޯނާއި ހިސާބުންނެވެ. ކުލި ކުޑަކުރުމަށް ދަނީ ގޮވާލަމުންނެވެ. ކުލީގެ އިތުރުން ތަކެތީގެ އަގުވެސް ކުޑަކުރަން އެބަޖެހެއެވެ. ވިޔަފާރިވެރިންގެވެސް އެންމެ ބޮޑު އެއް ޚަރަދަކީ ކުއްޔެވެ. އަދި ގިނަ ވިޔަފާރިތައް ހިންގަނީ ލޯނުންނެވެ. އަނެއްކާވެސް މިދެބައިވެސް މިގުޅެނީ ބޭންކު ލޯނާއިއެވެ. ވީމާ، ގައުމުގެ މިހާލަތުގައި ޚަރަދުކުޑަކުރުމަށް ބޭންކު ލޯނުތަކުގެ އިންޓްރެސްޓް ކުޑަކުރަން ޖެހެއެވެ.
ވިޔަފާރިތައް އާރާސްތުކުރުމަށް ލޯނު ބޭނުންވާނެއެވެ. ވިޔަފާރިތައް ދެމެހެއްޓުމަށް ލޯނު ބޭނުންވާނެއެވެ. އާއެކެވެ! އިތުރު ލޯނު މިވަގުތު ބޮލުގައި އެޅުވިދާނެއެވެ. އަޅުވަންވެސް ވާނެއެވެ. ނަމަވެސް، ލޯނު އިންޓަރެސްޓް ކުޑަކުރަންޖެހެއެވެ. ހަމައެކަނި އަލަށް ބޮލުގައި އަޅުވާލޯނުތަކުގެއެއްނޫނެވެ. ކުރީގެ ލޯނުގެވެސްއެވެ.
ޚިޔާލުތައް