ފުވައްމުލައް ސިޓީ މާލެގަން، “ކާޒާ” އިއްޔެ، 16 މެއި އިން ފެށިގެން މޮނިޓަރިން ހާލަތަށް ގެނެސްފައި ވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ފުވައްމުލައް ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރު ހާމަކުރެއްވީ ފުވައްމުލައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް މާލެގަން، “ކާޒާ” ގެނެވިފައި ވަނީ މާލެ އިން ފުވައްމުލަކަށް ދަތުރުކުރި ބޯޓަކުން ދ. ވޮއްމުލި ރިސޯޓްގެ މުވައްޒަފަކު ދަތުރުކޮށްފައި ވާތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ކާޒާ މޮނިޓަރިން ޙާލަތަށް ގެނެސްފައި ވަނީ 14 ދުވަހަށް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުގެ އެންގުމުގައި ވެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން “ކާޒާ” މޮނިޓަރިން އަށް ގެނައުމަށް ނެރުނު އެންގުން 16 މެއި 2020
މޮނިޓަރިން އަކީ ކޮބާ؟
މޮނިޓަރިން ޙާލަތަށް ތަނެއް ގެނައުމަކީ ބައްޔަށް ޝައްކުކުރެވޭ ނުވަތަ ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކު ހުރި ތަނެއްގައި، ހުރި މީހެއްގެ ގައިން ސާމްޕަލް ނެގުމަށާއި އެތަނެއް ޑިސްއިންފެކްޓް ކުރަން ޖެހޭނަމަ، ޑިސްއިންފެކްޓްކޮށް ނިމެންދެން ގެންނަ ޙާލަތެއްކަން މިހާތަނަށް ހެލްތު ޕްރޮޓްކްޝަން އޭޖެންސީން ހާމަކޮށްފައިވާ މައުލޫމަތު ތަކުން އެނގެއެވެ.
ކަރަންޓީން ކުރުމަކީ ކޮބާ؟
ކަރަންޓީން ކުރުމަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް (އާއްމުކޮށް 14 ދުވަހަށް) އެހެން މީހުނާއި އެހެރި ތަނެއްގައި ބަލި ހުރެދާނެކަމުގެ ފުރުސަތު އޮތް މީހަކު ބެހެއްޓުމެވެ. ނުވަތަ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކާއި ސީދާ ބައްދަލުވެފައިވާ މީހަކު 14 ދުވަހަށް އެކަހެރިކޮށް ބެހެއްޓުމެވެ. ރާއްޖޭގައި މިހާރު ޓްރާންސިޓް ކަރަންޓީން ކުރަނީ ބަލި ފެތުރިފައިވާ، މާލޭ ސަރަހައްދުން އެހެން ރަށަކަށް ދަތުރުކުރުން ޖެހޭ މީހުންނެވެ. އެމީހުން ވެސް 14 ދުވަހުގެ މުއްދަތަށް ޓްރާންސިޓް ކަރަންޓީން ތަނެއްގައި ބެހެއްޓުމަށްފަހު ރަށަށް ދަތުރުކުރުމަށް ހުއްދަ ދެއެވެ.
އެޗްޕީއޭއިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި ކުރިޔަށް މިއޮތް ދުވަސްތަކުގައި ގޭގައި ކަރަންޓީން ކުރަން ފަށާނެއެވެ. އެއީ ކަރަންޓީންގައި މީހުން ބޭތިއްބުމަށް ބޮޑެތި ޚަރަދުތަކެއް ހިނގާތީ ކަމަށް ބެލެވެއެވެ.
އައިސޮލޭޝަން އަކީ ކޮބާ؟
އައިސޮލޭޝަން އަކީ ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކު ބަލިން ރަނގަޅުވަން ދެން ވަކިތަނެއްގައި އެކަހެރިކޮށް ބެހެއްޓުމެވެ. މީގެ ތެރޭގައި އިތުރު ފަރުވާ ދޭން ޖެހޭ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުން ވެސް ހިމެނެއެވެ. ބަލީގެ ހާލަތު ގޯސް ނުވާނަމަ 14 ދުވަހުން ބަލި ފިލާދާނެ ކަމަށް ބައިނަލް އަގުވާމީ މާހިރުން ހާމަކޮށްފައި ވެއެވެ.
ވީއިރު ފުވައްމުލަކު މާލެގަން “ކާޒާ” ކިޔާ ގެ، ގެނެވުނީ މޮނިޓަރިން އަށްތޯ ނުވަތަ ކަރަންޓީނަށް ތޯ ސުވާލު އުފެދެއެވެ. ސިޓީ ކައުންސިލުން 16 މެއި، ގައި ނެރުނު އާއްމު އެންގުމަށްފަހު މިކަލް މިކަލް ނޫހަށް ދިން ޖަވާބުގައި އާއި އަދި ސިޓީ ކައުންސިލްގެ މައުލޫމާތު ގެނެސްދޭ ވައިބާ ކޮމިއުނިޓީގައި ހާމަކޮށްފައި ވަނީ “ކާޒާ” ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
“ފުވައްމުލައް ސިޓީ މާލެގަން، “ކާޒާ” ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެވިފައި ވަނީ މާލެ އިން ފުވައްމުލަކަށް ދަތުރުކުރި ބޯޓަކުން ދ. ވުއްމުލި ރިސޯޓްގެ މުވައްޒަފެއް ދަތުރުކޮށްފައިވާތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.” ސިޓީ ކައުންސިލް.
މިއީ ކުރިން ނެރެފައިވާ އެންގުމުގައި ވާ “މޮނިޓަރިން” މަފުހޫމު ސިޓީ ކައުންސިލުން ބަދަލުކުރީ ބާވައެވެ؟
އެޗްޕީއޭއިން ރޭ ނެރުނު މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ރަށްތަކާއި ތަންތަނުގެ ތެެރޭގައި ފުވައްމުލައް ސިޓީ މާލެގަމު ކާޒާ ނުހިމެނެއެވެ.
އެޗްޕީއޭގެ މޮނިޓަރިން ހާލަތުގައިވާ ތަންތަނުގެ ލިސްޓް 17 މެއި 2020
ޚިޔާލުތައް