ޒުވާނުންނާ ފުރާވަރުގެ ކުދިންނަށް އަމާޒު ކޮށްގެން ފުލުހުން ހިންގަމުންގެންދާ ބްލޫޒް ފޮރ ޔޫތު ކޭމްޕްގެ 3 ވަނަ ބުރު ފުވައްމުލަކުގައި އިފްތިތާހު ކޮށްފިއެވެ. އިއްޔެ ފުވައްމުލަކުގައި މި ކޭމްޕް އިފްތިތާހު ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު އެވެ.
މިރަސްމިއްޔާތު ގައި ވާހަކަފުޅު ދައްކަވަމުން ފުވައްމުލަކުގެ ކޮމާންޑަރު ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުއްރަޙްމާނު ވިދާޅުވީ މިކޭމްޕުގެ ބައިވެރިންނަށް އިސްލާމީ ރިވެތި އުޞޫލުތަކާއި ރިވެތި އަޚްލާޤްތައް އުގަންނައި ދެވޭނެ ކަމަށެވެ. މީގެ އިތުރުން ހަރުދަނާ މީހެއްގެ ގޮތުގައި ދެމިހުރުމަށް ބޭނުންވާ އަޚްލާޤީ ރިވެތި ސިފަތައް އުގަންނައިދެވި، މަސައްކަތްތެރިކަމުގެ އެކިއެކި ހުނަރު ދަސްކޮށްދެވޭނެ ކަމަށްވެސް އަބްދުއްރަހުމާން ވިދާޅުވިއެވެ. ހަމަ އެއާއެކު ކުށުގެ ވެށިން ދުރުވެ ހަރުދަނާ މީހެއްގެ ގޮތުގައި ދެމިހުރުމަށް ކުރެވޭނެ ކަންކަން ބައިވެރިންނަށް އުގަންނައި ދެވޭނެ ކަމަށްވެސް އަތޮޅު ކޮމާންޑަރު ވިދާޅުވިއެވެ.
އަށްދުވަހުގެ މުއްދަތަށް ފުވައްމުލަކުގައި ކުރިޔަށްދާ މިކޭމްޕުގައި ދިރިއުޅުމުގެ ތަފާތު ހުނަރުތަކާއި އަދަބުތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މީގެ އިތުރުން މަސައްކަތުގެ މާހައުލަށް އަހުލުވެރި ކުރުމާއި މަސައްކަތުގެ މާހައުލާއި ގޭގައި އުޅޭ އިރު ހިފަހައްޓަން ޖެހޭ އަދަބުތަކާއި ބެހޭ ގޮތުން ތަމްރީނާއި މަޢުލޫމާތު ދެވޭނެކަމަށާއި ސްކޫލު ދައުރު ނިންމުމަށްފަހު މަސައްކަތުގެ މައިދާނުގައި ސާބިތުކަމާއެކު ދެމި ތިބުމަށް ހިފަހައްޓަން ޖެހޭ އުސޫލުތަކާއި ކަންކަންވެސް އުގަންނައި ދެވޭނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ޤައުމީ ލޯބި އިތުރުކުރުމާއި ޤައުމިއްޔަތު ދިރުވައި އާލާކުރުމާއި ކަންކަމުގައި އިސްނަގައި ޒިންމާދާރު މީހެއްގެ ގޮތުގައި ހުރުމަށް ބާރުއަޅައި ގިނަ ޙަރަކާތްތަކާއި މަޢުލޫމާތު މިކޭމްޕުގައި ދެވޭނެ ކަމަށާއި ފުރަތަމަ އެހީދޭނެ ގޮތާއި އަލިފާނުގެ ޙާދިސާ ތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާއި އެކަންކަން ކުރާނެ ގޮތް ކިޔައި ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.
މިރަސްމިއްޔާތުގައި ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އާއި މެމްބަރުންގެ އިތުރުން ފުވައްމުލަކު ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުންނާއި ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރު އާއި ސްކޫލުތަކުގެ ވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ބެލެނިވެރިންނާއި ފުވައްމުލަކު ކޮމާންޑަރާއި ފުލުހުން އަދި ކޭމްޕުގެ ބައިވެރިން ބައިވެރި ވިއެވެ.
އިއްޔެ އިފުތިތާހު ކުރެވުނު މިކޭމްޕް އިއްޔެއިން ފެށިގެން ޖެނުއަރީ 2 ވަނަ ދުވަހުގެ ނިޔަލަށް މިކޭމްޕް ކުރިއަށް ދާނެކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. މި ކޭމްޕުގައި ފިރިހެން 41 ބައިވެރިންނާއި އަންހެން 20 ބައިވެރިން، ބައިވެރިވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ޚިޔާލުތައް